Advertisement

ޖާހުގެ ދަ ގާޑަންސް ނިންމަން އާރުސީސީއާ ހަވާލުކޮށްފި

3 ޖޫން 2025 - 10:56 0

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ދަ ގާޑަންސް އިމާރާތް: މި ތަނުގެ މަސައްކަތް ފެށީ 2017 ގައި -- ފޮޓޯ: އަދަދު


ޖާހުގެ ދަ ގާޑަންސް ނިންމަން އާރުސީސީއާ ހަވާލުކޮށްފި

3 ޖޫން 2025 - 10:56 0

ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި "ދަ ގާޑެންސް" ލަގްޒަރީ ފްލެޓު އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާރުސީސީއާ ހަވާލުކޮށްފި އެވެ.

ދަ ގާޑަންސްގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ އެތަން ނިންމަން ޖާހުއަށް އެތައް ފުރުސަތެއް ދިން ނަމަވެސް މަސައްކަތް ނުހިނގާތީ އެވެ.

އެއްބަސްވުން ބާތިލުކުރުމުން ވެސް ޖާހުއިން ވަނީ ބިން ހަވާލުކުރަން ދެކޮޅު ހަދައި، ކޯޓަށް ގޮސްފަ އެވެ. ނަމަވެސް ކޯޓުން ވަނީ މި މައްސަލައިގައި ޖާހުއިން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެން ދެކޮޅު ހަދާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާރުސީސީއާ މި މަސައްކަތް ހަވާލުކުރީ 20 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އެޗްޑީސީން ވަނީ މަސައްކަތް ހަވާލުކުރި އަގު ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

ދަ ގާޑަންްސްގެ މަސައްކަތް ނިންމަން އާރުސީސީއާ ހަވާލުކުރިއިރު، މި ތަނުން އެޕާޓުމަންޓުތައް ގަނެފައިވާ މީހުންނާ އެ ތަންތަން ހަވާލުކުރަން އެޗްޑީސީން ބުނާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. ކުރީގެ މެނޭޖުމަންޓުން އެތަން ނިންމުމުގެ މަސައްކަތާ ވެސް ހަވާލުވި އެވެ.

މި އިމާރާތް ތަރައްގީކުރަން ފެށިތާ މިއަދާ ހަމައަށް އަށް އަހަރު ވާން ގާތްވެފައިވާއިރު، މި ތަނުގައި އެއްވެސް މަސައްކަތެއް ނުހިނގާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މިއީ ހުޅުމާލޭގައި މި ގޮތަށް މަސައްކަތް ހުއްޓިފައި ހުރި ދެ އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ. އަނެއް އިމާރާތަކީ މި ތަނާ އިންވެގެން އޮންނަ ބިމުގައި ތަރައްގީކުރަން ފެށި ކޭޕާކު ރެސިޑެންސް އެވެ. މި ދެ ތަނަކީ ވެސް އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން ފްލެޓުތައް ވިއްކުމަށް ފަހު، މަސައްކަތް ހުއްޓިފައިވާ ދެ ތަނެވެ.

ދަ ގާޑަންސްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުރެ އެވެ. މި ތަނުން ޔުނިޓުތައް ވިއްކާފައި ހުރީ ދެ މިލިއަން ރުފިޔާއާ 13 މިލިއަން ރުފިޔާއާ ދޭތެރޭގެ އަގުތަކެއްގަ އެވެ.