Advertisement

މެޓާގެ ހިއްސާދާރުން ވޯޓު ދިނީ ބިޓްކޮއިންއަށް އިންވެސްޓްކުރުމާ ދެކޮޅަށް

3 ޖޫން 2025 - 11:04 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


މެޓާގެ ހިއްސާދާރުން ވޯޓު ދިނީ ބިޓްކޮއިންއަށް އިންވެސްޓްކުރުމާ ދެކޮޅަށް

3 ޖޫން 2025 - 11:04 0

މެޓާ ކުންފުނީގެ ހިއްސާދާރުން އެ ކުންފުނީގެ ބެލެންސް ޝީޓަށް ބިޓްކޮއިން އިތުރުކުރުމާ ދެކޮޅަށް ވޯޓު ދީފި އެވެ.

މި ހުށަހެޅުން ބޭރުކޮށްލާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކްރިޕްޓޯއަށް ތާއީދު ކުރައްވާ ދަނޑިވަޅެއްގަ އެވެ. މެއި 28 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ހިއްސާދާރުން ވަނީ "ބިޓްކޮއިން ޓްރެޒަރީ އެސެސްމަންޓް" ގެ ނަމުގައި ހުށަހެޅުނު ހުށަހެޅުން ގަބޫލުނުކުރަން ނިންމާފަ އެވެ.

އޭގެ ކުރިން، ކުންފުނީގެ ޕްރޮކްސީ ބަޔާނުގައިވެސް މެޓާއިން ވަނީ ބިޓްކޮއިން އެ ކުންފުނީގެ ބެލެންސް ޝީޓްތަކުގައި ހިމަނާފައި ނުވާކަން ހާމަކޮށްފަ އެވެ. އެ ހުށަހެޅުން ހުށަހެޅި އިރު ބިޓްކޮއިންގެ އަގު ހުރީ ގާތްގަނޑަކަށް 108,000 ޑޮލަރުގަ އެވެ. ޖޫން 2 ވަނަ ދުވަހުގެ ނިޔަލަށް ބިޓްކޮއިންގެ އަގު ހުރީ 104,948 ޑޮލަރުގަ އެވެ.

މި ބައްދަލުވުމުގައި ޖުމްލަ 14 ހުށަހެޅުމަކަށް ވޯޓަށް އެހިއިރު، އޭގެ ތެރޭގައި ބިޓްކޮއިން ޓްރެޒަރީ އެސެސްމަންޓް ހުށަހެޅުން ހިމެނުނެވެ. ހިއްސާދާރުން ވޯޓު ދީފައިވަނީ އޭޕްރީލް 1، 2025 ގެ ނިޔަލަށް ހިއްސާ ލިބިފައިވާ ފަރާތްތަކުންނެވެ.

އެސްއީސީއަށް ހުށަހެޅިފައިވާ ފައިލިންއަކުން ދައްކާ ގޮތުގައި، ބިޓްކޮއިން ޓްރެޒަރީ އެސެސްމަންޓާ ގުޅޭ ހުށަހެޅުމަށް ދެކޮޅަށް 4,980,828,562 ވޯޓު ލިބުނުއިރު، ހުށަހެޅުމަށް ތާއީދުކޮށް ލިބުނީ އެންމެ 3,916,871 ވޯޓެވެ. މިއީ ޖުމްލަ ވޯޓުގެ އެންމެ 0.078 އިންސައްތަ އެވެ. 8 މިލިއަނަށްވުރެ ގިނަ ވޯޓު ވަނީ ވަކިކޮޅަކަށް ނުޖެހި ދޫކޮށްލާފަ އެވެ. "ހިއްސާދާރުންގެ ހުށަހެޅުމެއް ކަމުގައިވާ ބިޓްކޮއިން ޓްރެޒަރީ އެސެސްމަންޓް ހިއްސާދާރުން ގަބޫލެއް ނުކުރި،" މި ހުށަހެޅުމާ ގުޅޭ ވޯޓުގެ ނިންމުމުގައި ލިޔެފައިވެ އެވެ.

މެޓާއިން އެސްއީސީއަށް ހުށަހެޅި ޕްރޮކްސީ ސްޓޭޓްމަންޓުގައި ބުނެފައިވާ ގޮތުން، ބިޓްކޮއިންގެ އަގަށް އަންނަ އުފުލުންތަކާއި ދަށްވުންތައް (ވޮލަޓިލިޓީ) އަކީ ކުންފުނީގެ ކަންބޮޑުވުމެކެވެ.

މެޓާގެ ސީއީއޯ މާކް ޒަކަބަރގް، މެޓާގެ 61 އިންސައްތަ ވޯޓުލުމުގެ ބާރު އޮންނަ އަދި މެޓާވާސް ފަދަ ވެބް3 ޓެކްނޮލޮޖީތަކަށް ތާއީދުކުރާ ފަރާތެއް ނަމަވެސް، މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މީގެ ކުރިން، އޮކްޓޯބަރު 2024 ގައި މައިކްރޮސޮފްޓުންވެސް ބިޓްކޮއިން އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ހިއްސާދާރުންގެ ހިޔާލު ހޯދާފައިވެ އެވެ. ނަމަވެސް، ޑިސެމްބަރު މަހު އެ ކުންފުނީގެ ހިއްސާދާރުން ވެސް ވަނީ ބިޓްކޮއިންގެ ވޮލަޓިލިޓީއަށް އިޝާރާތްކޮށް އެ ހުށަހެޅުން ގަބޫލުނުކޮށްފަ އެވެ.