30 އޭޕްރީލް 2025 - 07:04 1
އަހުމަދު ދާއޫދު
30 އޭޕްރީލް 2025 - 07:04 1
ފޭސްބުކުގެ މައި ކުންފުނި ކަމުގައިވާ މެޓާ ޕްލެޓްފޯމްސްއިން އެ ކުންފުނީގެ އަމިއްލަ އޭއައި އެސިސްޓެންޓް އެޕެއް އާންމުކޮށްފި އެވެ.
މި އެޕަކީ މައިކްރޯސޮފްޓުން ސަޕޯޓްދޭ އޯޕަން އޭއައި އަދި އަލްފަބެޓްގެ ގޫގުލް ފަދަ ކުންފުނިތަކުން ވެސް ނެރެފައިވާ އެޕްތަކާ އެއްގޮތް އެޕެކެވެ.
މި އެޕް ނެރުމުގެ މަގުސަދަކީ މެޓާގެ އޭއައި އެސިސްޓެންޓްގެ ބޭނުންކުރުން އިތުރުކުރުމެވެ. މިހާރު މި އެސިސްޓެންޓް ވަޓްސްއެޕް، އިންސްޓަގްރާމް، ފޭސްބުކް އަދި މެސެންޖާ ފަދަ މެޓާގެ އެހެނިހެން ޕްލެޓްފޯމްތަކުގައި ވެސް ލިބެން ހުރެ އެވެ.
މި އެޕް ނެރުމަކީ މެޓާގެ ސީއީއޯ މާކް ޒަކަބާގް އޭއައި ދާއިރާގައި ކުންފުނީގެ މަގާމު ވަރުގަދަކުރުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މިގޮތުން އޯޕަން އޭއައި އަދި ގޫގުލް ފަދަ ވާދަވެރިންނާ ވާދަކުރުމަށް މަގުފަހިވާނެ އެވެ.
މެޓާގެ މި އަލަށް ނެރުނު އެޕުން ބޭނުންކުރާ ފަރާތްތަކުގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްތަކާ ގުޅޭ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކަށް ހާއްސަ އަދި އެކަށޭނަ ޖަވާބުތަކެއް ދޭނެ އެވެ.
މެޓާގެ އެންމެ ފަހުގެ ލާޖް ލޭންގުއޭޖް މޮޑެލް ކަމަށްވާ ލަމާ 4 އިން މި އޭއައި އެސިސްޓެންޓް ހިންގާއިރު، މި މޮޑެލަކީ އޯޕަން އޭއައި، ގޫގުލް، ޑީޕްސީކް އަދި އެންތްރޮޕިކް ފަދަ ކުންފުނިތަކުގެ އެންމެ ފަހުގެ އޭއައި މޮޑެލްތަކާ ވާދަކުރެވޭ ފެންވަރުގެ މޮޑެލެކެވެ.
މީގެ އިތުރުން މެޓާއިން މިއަދު ފުރަތަމަ ފަހަރަށް އޭއައި ޑިވެލޮޕަރުންނަށް ޚާއްޞަކޮށްގެން "ލަމާކޮން" ގެ ނަމުގައި އިވެންޓެއް ދަނީ ބާއްވަމުންނެވެ. މި އިވެންޓުގައި ލަމާ ފެމިލީ އޭއައި މޮޑެލްތަކަށް އަލިއަޅުވާލާނެ އެވެ.
މެޓާއިން މި އަހަރުގެ ދެވަނަ ކުއާޓާގައި މި އޭއައި ޗެޓްބޮޓްގެ އެޑްވާންސްޑް ވާޝަންތަކަށް ފައިސާ ނަގައިގެން ހިދުމަތް ދިނުމުގެ ޓެސްޓުތައް ފަށާނެ ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފަ އެވެ.
Comment