މެޓާގެ ކޮންޓްރެކްޓެއް އުވާލުމުން ބާސެލޯނާގައި 2،000 މުވައްޒަފުން ވަކިކޮށްފި

5 އޭޕްރީލް 2025 - 07:11 0

އަހުމަދު ދާއޫދު

އ


މެޓާގެ ކޮންޓްރެކްޓެއް އުވާލުމުން ބާސެލޯނާގައި 2،000 މުވައްޒަފުން ވަކިކޮށްފި

5 އޭޕްރީލް 2025 - 07:11 0

ފޭސްބުކުގެ މައި ކުންފުނި މެޓާ ޕްލެޓްފޯމްސްއިން ކޮންޓްރެކްޓެއް އުވާލުމާ ގުޅިގެން، ކެނެޑާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ޓެލަސްއިން ބާސެލޯނާގައި ހުރި އެ ކުންފުނީގެ ކޮންޓެންޓް މޮޑަރޭޝަން ސެންޓަރުން 2،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ ސީސީއޯއޯ އަދި ޔޫޖީޓީ ނަމަކަށް ކިޔާ ސްޕެއިންގެ ދެ ޔޫނިއަނަކުންނެވެ.

ސީސީސީ ބާސެލޯނާ ޑިޖިޓަލް ސަރވިސަސްގެ ނަމުގައި ސްޕެއިންގައި ހިންގަމުންދާ ޓެލަސްއިން ބުރާސްފަތި ދުވަހު މުވައްޒަފުންނަށް އީމެއިލް ކުރުމަށްފަހު އެ މުވައްޒަފުން ވަނީ ގާޑަނިން ލީވްގައި ބަހައްޓާފަ އެވެ.

އެ އީމެއިލްގައި ބުނެފައިވަނީ އޭޕްރިލް 1 ވަނަ ދުވަހު ކްލައިންޓަކު ވަނީ އެ ކުންފުންޏަށް ދެމުން އައި ހިދުމަތްތައް ހުއްޓާލާނެ ކަމަށް އަންގާފައި ކަމަށެވެ. އެ އީމެއިލްގައި ކްލައިންޓަކީ ކޮން ފަރާތެއްކަން ބަޔާންކޮށްފައި ނުވިޔަސް، ޔޫޖީޓީ އަދި ސީސީއޯއޯއިން ބުނެފައިވަނީ ޓެލަސްގެ ކްލައިންޓަކީ މެޓާ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރޮއިޓާސްއިން ވާހަކަ ދެއްކި، ނަން ހާމަނުކުރުމަށް އެދުނު ކުރީގެ މުވައްޒަފަކާއި މިހާރުގެ މުވައްޒަފަކު ބުނެފައިވަނީ އެ ޓީމުން މަސައްކަތް ކުރަމުން ދިޔައީ މެޓާއަށް ކޮންޓެންޓް މޮޑަރޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެންގެ ކްލައިންޓުން އެ ފަރާތްތަކުގެ ހާޒިރީ އެކި ތަންތަނަށް ބަހާލައި، އެ ފަރާތްތަކުގެ ހިދުމަތްތައް އެހެން ތަންތަނަށް ބަދަލުކުރަމުން އެބަދޭ،" ޓެލަސްއިން ބުނެފައިވެ އެވެ. އަދި އެ ކުންފުނިން އިތުރަށް ބުނެފައިވަނީ ކޮންޓްރެކްޓް ދެމިއޮތް ކަމަށާއި، މުވައްޒަފުންނާއެކު މަޝްވަރާކުރުމުގައި އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މެޓާގެ ތަރުޖަމާނަކު ބުނެފައިވަނީ ބާސެލޯނާގައި ކުރަމުންދިޔަ މަސައްކަތްތައް އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށާއި، ކޮންޓެންޓް ރިވިއު ކުރުމުގެ މަސައްކަތްތައް މަދުކުރާކަށް ނޫން ކަމަށެވެ.

މެޓާއިން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ބިލިއަން ޑޮލަރުތަކެއް ހޭދަކޮށް، ހާހުން ގުނާލެވޭ ވަރަށް ކޮންޓެންޓް މޮޑަރޭޓަރުން ވަޒީފާއަށް ނަގާފަ އެވެ.

ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވުމާ ގުޅިގެން، އެމެރިކާގައި ކުރިއަށް ގެންދިޔަ ފެކްޓް ޗެކިން ޕްރޮގްރާމް ވަނީ ހުއްޓާލާފަ އެވެ. އަދި މީގެ އިތުރުން، ނަފްރަތުގެ ބަސްތަކާއި އެހެނިހެން ގަވާއިދާ ހިލާފު ޕޯސްޓްތައް ހޯދުމަށް އަމިއްލައަށް ސްކޭން ކުރުން ހުއްޓާލާ، މިފަދަ ޕޯސްޓްތައް ބަލާނީ ހަމައެކަނި ޔޫޒަރުން ރިޕޯޓް ކުރުމުން ކަމަށް ވެސް މެޓާއިން ބުނެފައިވެ އެވެ.

މި ބަދަލުތަކާ ގުޅިގެން، ސޯޝަލް މީޑިއާގެ ބޮޑެތި ޕްލެޓްފޯމްތަކުގައި ކޮންޓެންޓް މޮޑަރޭޝަންގެ ފެންވަރު ދަށްވެދާނެ ކަމަށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް މެޓާއިން ބުނެފައިވަނީ މި ބަދަލުތަކަކީ އެ ކުންފުނީގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް ގެނެވޭ ބަދަލުތަކެއް ކަމަށެވެ.

މި ހާދިސާއަކީ ޓެކްނޮލޮޖީ ދާއިރާގައި ދިމާވަމުންދާ ވަޒީފާގެ ހީނަރުކަމުގެ އިތުރު މިސާލެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިތުރުވެފައިވާ ޑިޖިޓަލް ހިދުމަތްތަކަށް ހުރި ޑިމާންޑް މަޑުޖެހެމުން އައުމާއެކު، ގިނަ ޓެކް ކުންފުނިތަކުން ވަނީ މުވައްޒަފުން މަދުކުރަން ޖެހިފަ އެވެ.