Advertisement

އައްޑޫއިން ކަރަންޓު ކެނޑުން ރައީސްއަށް ބޮޑު މައްސަލައަކަށް ނުވާތީ މޭޔަރު ނުރުހިއްޖެ

2 ޖޫން 2025 - 13:45 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: އައްޑޫ ކަރަންޓު މައްސަލަ ހައްލުނުވާތާ އެތައް މަހެއް ވެއްޖެ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލުން


އައްޑޫއިން ކަރަންޓު ކެނޑުން ރައީސްއަށް ބޮޑު މައްސަލައަކަށް ނުވާތީ މޭޔަރު ނުރުހިއްޖެ

2 ޖޫން 2025 - 13:45 1

އައްޑޫ ސިޓީން ކަރަންޓު ކެނޑުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ބޮޑު މައްސަލައަކަށް ނުވުމުން އެކަމާ މޭޔަރު އަލީ ނިޒާރު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޒާރު ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ކަރަންޓު ނުލިބި ތިން ހަތަރު މަސްވެގެންދިޔައިރު ރައީސް މުއިއްޒު އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުނުވެ މާލެއިން ކަރަންޓު ދިޔަތާ ދެ ގަޑިއިރު ތެރޭގައި އެކަން ހިނގި ގޮތް ބަލަން އެންގުމުން ހައިރާންވި ކަމަށެވެ.

"އަޅުގަނޑު ހައިރާންވި ރައީސުލްޖުމްހުރިއްޔާ އައްޑޫގައި ކަރަންޓު ނެތި އަޅުގަނޑުމެން މެދުނުކެނޑި ތިން ހަތަރު މަސް ވެގެން ދިޔައިރު ވެސް ރައީސުލްޖުމްހޫރިއްޔާ ހިރިވެސް ނުލެއްވި،" މޭޔަރު ނިޒާރު ވިދާޅުވި އެވެ.

"އެންމެ ކުޑަމިނުން އަޅުގަނޑުމެންނަށް ގުޅާލައި ހާލު ބަލައިލީކީ ވެސް ނޫން. އެހެންވީމަ އަޅުގަނޑު ވެސް ހައިރާންވި މާލޭގެ ކަރަންޓު ގޮސްގެން ދެ ގަޑިއިރުވީއިރު ރައީސުލްޖުމްހޫރިއްޔާ މައްކާގައި ހުންނަވައި ޓުވީޓު ކޮށްލައްވައި އެކަން ތަހުގީގުކުރަން އެންގެވީމަ ހައިރާންވި. އަޅުގަނޑުމެން އެއްވެސް ބަޔަކަށް ނުވީތާ."

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭގޮތަށް މާލެ އާއި ހުޅުމާލެއިން އިއްޔެ ފަސް ގަޑިއިރަށް ކަރަންޓު ކެނޑުނުއިރު، ގަޑިއިރެއް ނުވަނީސް ރައީސް މުއިއްޒު ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.

މީގެ އިތުރުން އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން އިހުތިޖާޖު ކުރުން ކަމަށް ނިޒާރު ކުރިން ވިދާޅުވި އެވެ.

އައްޑޫއަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް އެކި މައްސަލަތައް ދިމާވަމުން އަންނަނީ މިދިޔަ އަހަރު ފެށުނު ފަހުންނެވެ. ނަމަވެސް މައްސަލަ އެއްކޮށް ހައްލު ކުރެވިފައެއް ނުވެ އެވެ. މިހާރު ވެސް ދޭތެރެ ދޭތެރެއިން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި ގިނައިރުތަކެއް ވަންދެން ކަރަންޓުގެ ހިދުމަތުން ރައްޔިތުން މަހުރޫމުވެފައި ތިބެން ޖެހެ އެވެ.