Advertisement

ކަރަންޓު ނުލިބި ގިނަ އިރުވެއްޖެ ނަމަ އިންޓަނެޓާއި މުއާސަލާތީ ބައެއް ހިދުމަތްތަކަށް ބުރޫ އަަރާނެ

1 ޖޫން 2025 - 14:51 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ކަރަންޓު ނުލިބި ގިނަ އިރުވެއްޖެ ނަމަ އިންޓަނެޓާއި މުއާސަލާތީ ބައެއް ހިދުމަތްތަކަށް ބުރޫ އަަރާނެ

1 ޖޫން 2025 - 14:51 1

މިއަދު މެންދުރު 12:30 ހާއިރުން ފެށިގެން މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާތީ އިންޓަނެޓާއި މުއާސަލާތީ ހިދުމަތްތަކަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯބައިލް ނެޓްވޯކް ފޯރުކޮށްދޭ ސެލް ޓަވަރުތަކުގައި ހުންނަނީ ހަ ގަޑިއިރުގެ ބެކަޕް ބެޓަރީ އެވެ. ހަ ގަޑިއިރަށް ވުރެ އިތުރުވެއްޖެނަމަ އެ ސެލް ސައިޓުތައް މެދުވެރިކޮށް މޯބައިލް ހިދުމަތްތައް ފޯރުކޮށްނުދެވޭނެ އެވެ.

އުރީދޫ އިން ވަނީ މާލެ އާއި ހުޅުމާލޭގެ ކަސްޓަމަރުންނަށް މޯބައިލް ހިދުމަތާއި ފައިބާ ބްރޯޑްބޭންޑަށް ބުރޫ އަރާފާނެތީ މާފަށް އެދިފަ އެވެ.

"ކަރަންޓު ކެނޑުމުގެ ސަބަބުން ކަރަންޓު ކެނޑި ގިނަ ވަގުތު ވާނަމަ، އަޅުގަނޑުމެންގެ ޕްރައިމަރީ ހަބް ސެލް ސައިޓުތައް ބެކަޕް ޖަނަރޭޓަރުތަކާއެކު ދިގު މުއްދަތަކަށް އޮޕަރޭޓް ކުރެވޭނެ. އެހެން ސެލް ސައިޓްތައް މިވަގުތު ހިނގަމުން ދަނީ ބެޓެރީ ބެކަޕުން،" އުރީދޫން ބުނެފައިވެ އެވެ.

މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް އަދިވެސް ބޮޑު ސަރަހައްދަކަށް ކަރަންޓެއް ނުދެވެ އެވެ. ކަރަންޓު ދެވިފައިވަނީ ހޮސްޕިޓަލް ފަދަ މުހިންމު ބިނާރުތަކަށެވެ.

"އަޅުގަނޑުމެންގެ މޮބައިލް ސެލް ސައިޓްތައް މިހާރު ހިނގަމުން މިދަނީ ބެޓެރީ ބެކަޕްގައި. ނަމަވެސް ގިނަ ވަގުތަށް ކަރަންޓު ކެނޑިއްޖެ ނަމަ ސެލް ސައިޓްތައް ފެއިލްވެ، ގްރޭޓާ މާލޭގެ ކަސްޓަމަރުންނަށް ދޭ މޯބައިލް ހިދުމަތްތަކަށް ބުރޫ އަރާނެ،" ދިރާގުން ބުނެފައިވެ އެވެ.

ކަރަންޓު ކެނޑިފައި އޮންނަތާ ދެ ގަޑިއިރަށް ވުރެ އިތުރުވެއްޖެ އެވެ. ސެލް ޓަވަރުތަކުގައި ހުރި ބެކަޕް ބެޓަރީތައް ކުރިއަށް އޮތް ހަތަރު ވަރަކަށް ގަޑިއިރު ތެރޭ ހުސްވާނެ އެވެ.

ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަން ރައީސް ވަނީ އަންގަވާފަ އެވެ. އަދި އެކަމާ ގުޅޭ ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.