Advertisement

އަސާސީ ބަދަލާ ގުޅޭ ބަހުސް: މީހުން ބަދަލުވިޔަސް ނަތީޖާއެއް ބަދަލެއް ނުވޭ، ބަދަލުވާންވީ ނިޒާމް

1 ޖޫން 2025 - 08:19 6

އީވާ އަބްދުﷲ

އީވާ އަބްދުﷲ

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު


އަސާސީ ބަދަލާ ގުޅޭ ބަހުސް: މީހުން ބަދަލުވިޔަސް ނަތީޖާއެއް ބަދަލެއް ނުވޭ، ބަދަލުވާންވީ ނިޒާމް

1 ޖޫން 2025 - 08:19 6

ފާޅުގައި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި، ރައްޔިތުންގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮތްޕަކަށް ހަދައި، ލޯކަލް ކައުންސިލްތަކުގެ ބާރުތަކަށް އަރައިގަނެ، ސުލްހަވެރި މުޒާހަރާއަކުން ޒުވާނުން ހައްޔަރުކޮށް، މާލީ އިސްރާފާއި ވައްކަން ހެޔޮކުރަނީ އެވެ.

އަނެއްކާ ވެސް ވެރިއަކު ގާނޫނުއަސާސީ ބޮލާލައިޖަހަނީ އެވެ. އަނެއްކާ ވެސް ރައްޔިތުން ހަވާލުކުރި މެންޑޭޓަކީ ހިތުހުރި ގޮތަކަށް އަމަލު ކުރަން ލިބުނު ފުރުސަތަކަށް ހަދަނީ އެވެ. މިއީ ދިވެހި ރައްޔިތުން ވަރަށް ދަނެ ފަރިތަ ކަންކަމެވެ. ކޮންމެ ވެރިއަކުމެ މި ގަނޑު އެބަ ގަނެ އެވެ.

ކޮންމެ ވެރިއަކުމެ މިހެން އަމަލު ކޮށް، ކޮންމެ ވެރިކަމެއްގައި، މިފަދަ ކަންކަން މިހާ ފަސޭހައިން ތަކުރާރުވާތީ، މިއީ ވަކިވަކި ލީޑަރުންގެ ނޭއްގާނީކަމާއި ފެއިލިއަރ އެކަންޏަށްވުރެ، މިއީ މިވަގުތު ދިވެހި ރާއްޖޭގައި އޮތް ދުސްތޫރީ ނިޒާމުގައި ހުރި އުނި ކަމަކުން މަގުފަހިކޮށްދޭ ކަންކަން ތޯ ބެލުން ރަގަޅެވެ. ހަމަހަމަކަމާއި، އިންސާފާއި، ފުއްދުންތެރި، ތޯހިރު ދިރިއުޅުމަކަށްޓަކައި ދިވެހީން ކުރި މަސައްކަތާއި، ކުރާ އުއްމީދުތަކަށް ޓަކައިވެސް، މި ދުސްތޫރީ ދިރާސާ ކުރުން މުހިންމެވެ.

2008 ވަނަ އަހަރު ރާއްޖެއަށް މަލްޓި -ޕާޓީ ޑިމޮކްރަސީ ތައާރަފުވެ، މިނިވަން ވޯޓުން ކަންކަން ނިންމަން ފެށި ފަހުން އަބަދުވެސް ދިވެހި ރައްޔިތުން ދެމުންދާ ސާފު، އެއް މެސެޖެއް އެބައޮތެވެ. އެއީ އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ނުދިނުމެވެ. ކޮންމެ 5 އަހަރެއްގެ ވޯޓުން ރައްޔިތުން އެ ދައްކުވައިދެނީ އެ މީހުންގެ މާޔޫސް ކަމެވެ. ވެރިންގެ އިހުމާލާ ހެދި ވާ މާޔޫސް ކަމެވެ.

ބައެއް މީހުން ބުނެ އެވެ. މައްސަލައަކީ ނިޒާމެއް ނޫނެވެ. މައްސަލައަކީ އިހުލާސްތެރިކަން ނެތުމެވެ. އެގޮތުން ރައީސް މައުމޫނު ބަދަލުކުރުމަށް ފަހު ހަމަ ރިޔާސީ ނިޒާމު ބާއްވައިގެން އެކި ކަހަލަ 5 ރައީސުން ދެކިއްޖައީމެވެ. އެކަމު އަދިއަދަށްވެސް އެއްވެސް ވެރިއަކަށް ރައްޔިތުންގެ އިތުބާރެއް ނުހޯދުނެވެ. އެހެންވެ ކޮންމެ ދައުރެއް ނިންމާން ރައްޔިތުން މި ނުކުންނަންޖެހެނީ "މިނޫން ގޮތެއް' ޝިއާރާއެކު އެވެ.

ކޮންމެ 5 އަހަރެއްގެ ވޯޓަކީ އިހުތިޖާޖަކަށްވީމާ، ރައްޔިތުން ވޯޓުން ނޫނެކޭ އެބުނަނީ ހަމައެކަނި ވަކިވަކި ސިޔާސީ ޕާޓީތަކާއި، އެ ޕާޓީތަކުން ހުށަހަޅާ ސިޔާސަތުތަކާއި، އެ ޕާޓީތަކަށް ނިސްބަތްވާ ލީޑަރުންނަށް އެކަނި ނުންކަމާއި، ނޫނެކޭ އެބުނީ މުޅި ނިޒާމަށްކަން ދޭހަ ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރަޓިކް ހަމަތަކުގެ މަތިން އިންތިހާބުކުރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓައިލީ ބަގާވާތަކުންނެވެ. 2013 ވަނަ އަހަރު ދިވެހިން އިންތިހާބު ކުރީ އަބްދުالله ޔާމީން އަބްދުލްގައްޔޫމެވެ. ހުދުމުހުތާރު ކަމާއެކު ވެރިކަން ކުރެއްވި ޔާމީނަށް ވެސް ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި އެވެ. އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ވަރުގަދަ ބިޔަ ކޯލިޝަނަކާ އެކު އެވެ. ނަމަވެސް ފަސް އަހަރަށް ފަހު ދިވެހިން ނިންމީ ސޯލިހުއަށް ވެސް ދެވަނަ ދައުރެއް ނުދިނުމަށެވެ. ޑރ. މުހައްމަދު މުއިއްޒުގެ ދައުރު ދެބައިނުވަނީސް މި ވެރިކަމާ މެދު ރައްޔިތުންގެ އެތައް ހިތްހަމަނުޖެހުމެއް އުފެދި، މަގުބޫލުކަން ގެއްލިއްޖެ އެވެ.

އޮގަސްޓު 2008ގައި އަމަލުކުރަން ފެށި ގާނޫނުއަސާސީއާއެކު ރާއްޖޭގައި ޑިމޮކްރަޓިކް ފްރޭމްވޯކެއް ގާއިމް ވި އެވެ. ނަމަވެސް، މި ގާނޫނުއަސާސީގެ އުނިކަން، ހިނގައި މިދިޔަ 15 އަހަރުގެ ތަޖުރިބާއިން ސާބިތުވެއްޖެ އެވެ.

ގާނޫނުއަސާސީ ޑްރާފްޓް ކުރެއްވި ބޭފުޅުން ތަސައްވަރު ކުރެއްވީ ބާރުތައް ވަކިވެ، އެއް ބާރު އަނެއް ބާރަށް ފާރަވެރިވާ ވެރިކަމުގެ ނިޒާމެކެވެ. ނަމަވެސް، އަމަލީ ސިފައިގައި ފެންނަމުން ދަނީ ރިޔާސީ ބާރުން އަނެއް ހުރިހާ ބާރެއް ކުޑަކޮށްލައި، ދުސްތޫރީ ހަމަތަކާއި މިންގަނޑުތައް ފުނޑުފުނޑު ކޮއްލާ ތަނެވެ.

80 ޕަސެންޓަށް ވުރެ މަތިން ރައްޔިތުންގެ މަޖިލިސް ނަގާ، ރައީސުލް ޖުމްހޫރިއްޔާއަށް މި ވަރަށް މެންބަރުންނާއި މަޖިލިސް ކޮންޓްރޯލް ކުރެވޭނެ ކަމަށް ގާނޫނުއަސާސީ ފަރުމާ ކުރެއްވި ބޭފުޅުންނަށް ތަސައްވުރު ކުރެވިފައި ނެތެވެ. ރިޔާސީ ބާރުން މަޖިލީހުގެ ކޮންޓްރޯލް ނެގީމާ، ގާނޫނުއަސާސީ ސިފަކުރި ބާރުތައް ވަކިކޮށް، ފާރަވެރިވުމުގެ ޖާގަ ގެއްލުނީ އެވެ.

2008ގެ އެމްޑީޕީ ސަރުކާރު ނޫން، ކޮންމެ ސަރުކާރަކުން ވެސްމަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެބަ ހޯދަ އެވެ. މި މެޖޯރިޓީ ސަރުކާރަށް ލިބުމަށްފަހު، ރައްޔިތުންގެ މަޖިލީހުން ފާރަވެރިވުމަށް ކުރާ ކޮންމެ މަސައްކަތަކީ މަޖިލީހުގެ ދުސްތޫރީ މަސްއޫލިއްޔަތެއްގެ ބަދަލުގައި، ޒާތީ ހަމަލާއެއްގެ ގޮތުގައި ކޮންމެ ރައީސަކުވެސް ދެކި، ރައީސުން ގެންދަވަނީ ޖަވާބުދާރީވުމުން ރެކިވަޑައިގަންނަވަމުންނެވެ. ރައްޔިތުންގެ މަޖިލިސް ދަންމަޅި އެޅުނީ އެވެ.

ޖުޑީޝަރީއަށް ވެސް ޖެހެނީ މި ދަންތުރަ އެވެ. ގާނޫނުއަސާސީގެ އާހިރު ދިފާއުގެ ގޮތުގައި ތަސައްވުރު ކުރި ޖުޑީޝަރީއަށް ވެސް ވެރިކަން ހިންގުމުގެ ބާރުގެ ނުފޫޒުން ސަލާމަތްވެވިފައި ނެތެވެ. ކޮންމެ ވެރިއަކު، ޖުޑީޝަރީއާށް އުނދުޅި ބާނަ އެވެ. ފާޅުގައާއި، އެހާ ހާމަ ނޫން ގޮތްގޮތުން ނަމަވެސް، ފަނޑިޔާރުގޭގެ ފުރިހަމަ މިނިވަންކަމަށް ޖާގައެއް ނުދެ އެވެ.

މިނިވަން މުއައްސަސާތަކަށްވެސް މި ހާލެވެ. މުއައްސަސާތަކަށް މެންބަރުން އައްޔަނު ކުރުމާއި ވަކިކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. މަޖިލީހުގެ އަގުލަބިއްޔަތު ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލް ކުރެއްވުން ވަނީ މިނިވަން މުއައްސަސާތަށް އަޅުވެތި ވުމަށެވެ. ވެރީންގެ މާސިންގާބޮޑު ވައްކަންތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނުބަލައި ދޫކޮށްލަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަނީ ވެރީންގެ އެޖެންޑާއަށް ހުރަހަކަށް ވެދާނެ ފަދަ ފަނޑިޔާރުންގެ މައްސަލަތައް އެކަންޏެވެ.

މިއީ ނިޒާމީ ފަސާދައެކެވެ.

މި ހާލަތުގައި، 5 އަހަރުގެ ދައުރަކަށް ވޯޓު ދިނުމަށް ފަހު، ރައްޔިތުންވެސް ދަންމަޅި އެޅެނީ އެވެ. ވޯޓު ދިނުމަށްފަހު ރައްޔިތުންގެ ބާރު އެއްކޮށް ގެއްލެނީ އެވެ. 5 އަހަރަށް ޖަވާބުދާރީވުމާއި، ފާރަވެރިވުމުގެ ފުރުސަތު އެއްކޮށް ގެއްލެ އެވެ. މި ހާލަތުގައި، ދައުރުގެ މެދުން ކަންކަން ރަނގަޅު ކުރުން އެއީ ނެތް ކަމެކެވެ. އެ ނުކުޅެދުންތެރިކަމާއެކު އުފެދޭ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، ހަމައެކަނި އޮތް ގޮތަކީ ސަރުކާރު އެއްކޮށް ބަދަލުކުރުން ކަމަށް ވޯޓުލާ މީހުންނަށް ގަބޫލުކުރެވެ އެވެ. އިންތިހާބުތަކުން އެކަން ވަރަށް ސާފެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާ، -ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާ މާއްދާއަކީ "އަލާދިންގެ ވޮށްގަނޑާ" އެއްވެސް ތަފާތެއް ނެތް މާއްދާއެކޭ ސިޔާސީ މީހުން ކިޔައި އުޅެ އެވެ. އަލާދިންގެ ވޮށްގަނޑެކޭ އެއްގޮތަށް މި މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅާވާ ކޮންމެ ކަމެއް ކުރުއްވުމަށް ނަންގަވާ މާއްދާއަކަށް ވެއްޖެ އެވެ. ކޮންމެ ވެރިޔަކު ވެސް ބޭނުންފުޅުވާ ގޮތަކަށް އެ މާއްދާ މާނަ ކުރައްވައިގެން، ދައުލަތުގެ އެންމެ ބޮޑެތި ކަންކަމުން ފެށިގެން، އެންމެ ކުޑަ މަރުހަލާތަކާއި ހަމައަށްވެސް ވެސް އެ މާއްދާ އެބިއުސް ކުރައްވަ އެވެ.

115 ވަނަ މާއްދާގެ ބާރާއި ގަދަފަދަކަން ބޮޑުކޮށް ބިޔަކޮށްފައި މިހާރު އެވާ މިންވަރީ، ވެރިން ހުވާކޮށްލާތާ މަދު ގަޑިއިރުކޮޅެއް ތެރޭ ވެރިކަމުގެ ބާރުގެ މުށުތެރެއަށް މުޅި ދައުލަތާއި ދުސްތޫރު އެބަ ނަންގަވަ އެވެ. ފެހި ގާނޫނުއަސާސީގެ ހުރިހާ ބާބެއް، ހުރިހާ މާއްދާއެއް، ހުރިހާ އަކުރެއްގެ ދެއްޔެއް ދަމާނަގާލާތީ ފެންނަނީ 115 ވަނަ މާއްދާގެ ދަށަށެވެ.

ދުސްތޫރީ އޮޅުންބޮޅުންތައް ވެރިން ބޭނުންކޮށްލަނީ އެވެ. ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރެވޭނެ ޖާގަ އޮނިގަނޑުގައި އޮތީމަ އެވެ.

ފާއިތުވި 10 އަހަރު ތެރޭގައި ކޮންމެ ރައީސަކު ވެސް ގެންދެވީ މި ދުސްތޫރީ ޖާގައިގެ ނާޖާއިޒު ފައިދާ ނަންގަވަމުންނެވެ. އެއީ ޔާމީން ހުދުމުހުތާރުކަމާއެކު ފޯރުވި ނުފޫޒު ވިޔަސް، ސޯލިހުގެ ނޫންކަމަށް ހެދި، ފޯރުވި ނުރަނގަޅު ނުފޫޒަށް ވިޔަސް، މުއިއްޒު ފާޅުގައި ދޮގުހަދަމުން ފޯރުވާ ނުފޫޒު ވިޔަސް، ނަތީޖާއަކީ އެކައްޗެކެވެ. ދުސްތޫރުގެ ބާރު ކެނޑެނީ އެވެ.

މިއީ ދިވެހި ރާއްޖޭގައި ވެރިކަން ކުރުމުގެ ތައްގަނޑަށް ވެއްޖެ އެވެ. އަމިއްލަ ސިޔާސީ ކުރި ހޯދުމަށް މުޅި ސަރުކާރު ބޭނުން ކޮއްލަ އެވެ. މުޅި ދައުލަތް ސިފަ ކުރަނީ އަމިއްލަ އާއިލީ ވިޔަފާރި އެއްގެ ގޮތުގައެވެ. "މެރިޓް"ގެ ބަދަލުގައި ވަޒީފާދެނީ ސިޔާސީ ވަފާތެރިކަމަށެވެ. ގައުމުގެ އިގްތިސޯދަށް ބެލުމުގެ ބަދަލުގައި، ވޯޓަށް ޓަކައި، ތަށްމިނަށް އިސްރާފް ކުރެ އެވެ. އެ ފައިސާ ހޯދުމަށް މަރުކަޒީ ބޭންކުގެ މާލީ އިންޒާރުތަކަށް ބެލުމެއް ނެތި، ނޫނީ، މަރުކަޒީ ބޭންކު އެއްކޮށް ސިޔާސީ ކުރުމަށް ފަހު، އެތައް، އެތައް ލޯނެއް ނަގައި، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުކޮށް، އެ ދަރަނީގެ ހުރިހާ ބުރައެއް އުފުލަން ޖެހެނީ ޓެކްސް ދައްކާ އާންމު ރައްޔިތުންނެވެ.

މި ގާނޫނުއަސާސީގެ ދަށުން، ކޮންމެ ވެރިޔަކު ވެސް ވެރިކަމަށް އައިސްފައިވަނީ ކޯލިޝަނަކާ އެކު އެވެ. ނަމަވެސް، ކޯލިޝަންއަކީ ރިޔާސީ ނިޒާމާ ބީރައްޓެހި ސިފައެކެވެ. ރިޔާސީ ނިޒާމަކީ ވެރިކަން ބައި ބައިކޮށްގެން ހިންގާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއް ނޫނެވެ. ކޮންމެ ރައީސަކު ވެސް ކޯލިޝަން ހައްދަވަނީ އިންތިހާބުތައް ކާމިޔާބު ކުރެއްވުމަށެވެ. ވެރިކަމަށް އައުމާ އެކު ކޯލިޝަންތައް ރޫޅާލަ އެވެ.

ނަޝީދު ގާސިމް ވަކިކުރެއްވި އެވެ. ޔާމީންގެ އަރިހުގައި ތިއްބެވި ހުރިހާ ބޭފުޅުން ޖަލަށް ލެއްވި އެވެ. ކުޑަ ޕާޓީތައް ހިތްހަމަޖެއްސުމަށް ސޯލިހު ނިސްބަތްވި ބޮޑު ޕާޓީގެ ސިޔާސަތްތަކާއި ފެއަށް ޖެހިވަޑައިގަތެވެ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރިން ހުންނެވި ޕާޓީ ބޭނުން ކުރައްވައިގެންނެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްއެ ޕާޓީގެ ކޮންޓްރޯލް ނަންގަވައި އެންމެ ފަހުން މުޅި ޕާޓީ އުވާލެއްވީ އެވެ.

މި ނިޒާމުގެ ނާޒުކުކަން އެންމެ ބޮޑަށް ހާމަވަނީ 7 ފެބްރުއަރީ 2012 ގައި ނަޝީދުގެ ސަރުކާރު ވައްޓާލި ބަގާވާތުންނެވެ. އެ ބަގާވާތުން ދައްކުވައިދިނީ އެ ބަގާވާތް ރާވާ ހިންގި މީހުންގެ ނުލަފާކަމާއި ޑިމޮކްރަޓިކް ހަމަތައް ގަބޫލު ނުކުރާކަން އެކަންޏެއް ނޫނެވެ. ކޯލިޝަނެއް ރޫޅިގެން ދިޔުމުން ކަންކަން ހަމައަކަށް އެޅުވުމުގެ ފުރުސަތު މި ނިޒާމުގައި ނެތްކަންވެސް އެ ބަގާވާތުން ދައްކުވައިދިނެވެ.

ބަދަލެއްގެ ގޮތުން ބަރުލަމާނީ ނިޒާމު

ނިޒާމީ ބަހުސަކީ ޕާޓީގެ ފިކުރަށް ބަލައިގެން، ނުވަތަ ވަކި މީހަކު އެކަމަށް ވަކާލާތު ކުރާތީއޭ ކިޔައި، މުޅި ބަހުސް ބޭރު ކޮށްލައި، މުޅި ބަރުލަމާނީ ނިޒާމް ބަލައިނުގަތުމަށް ނިންމަންވީ ކަމެއް ނޫނެވެ. އޭގައި ހުރި ފައިދާތަކަށް ބެލުމެއް ނެތި އެފަދަ ނިންމުމެއް ނިންމުމަކީ އެއްވެސް މީހަކަށް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ގާނޫނުއަސާސީގެ ފަރުމާގައި ހުރި ގޯސްތަކާއި އެ ގޯސްތަކަށް ބަރުލަމާނީ ނިޒާމުން ގެނެސްދޭ ހައްލުތަކަށް އަޅާ ކިޔާލުން ރަގަޅެވެ:

  1. އަބަދުވެސް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އޮތުން: ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރާއި މުޅި ކެބިނެޓަކީ އަބަދުވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ބައެކެވެ. މިއީ މިހާރު އޮތް ރިޔާސީ ނިޒާމާ ބޮޑު ތަފާތެއް އޮތް ކަމެކެވެ. ދެ އިންތިހާބު ދޭތެރެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ޖަވާބުދާރީ ކުރެވޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ.
  2. ހާމަކަން ބޮޑު ރެޕްރެޒެންޓޭޓިވް ކޯލިޝަންތައް: ބަރުލަމާނީ ނިޒާމުގައި ސަރުކާރު އެކުލަވާލަނީ ރައްޔިތުންގެ ސީދާ ވޯޓާއިއެކު މަޖިލީހަށް ހޮވޭ މެންބަރުންގެ އަދަދުގެ މައްޗަށެވެ. އެއީ ލިބޭ ވޯޓާއި މަޖިލީހުގައި ޕާޓީއަކުން ކާމިޔާބު ކުރާ ގޮނޑީގެ އަދަދަށް ބަލައި ސަރުކާރެއް އުފެއްދުމަށް ރައްޔިތުން ދޭ އިހުތިޔާރެކެވެ. މިހާރު ރާއްޖޭގައި ކޯލިޝަން ހަދަނީ ވެރިންގެ ޑީލްތަކުން އެކަންޏެވެ. ކޯލިޝަން އުވިގެން ދަނީވެސް ހަމަ އެހެންނެވެ. ބަރުލަމާނީ ނިޒާމުގައި ކޯލިޝަންތައް އުފެދެނީ ބަރުލަމާނީ ހިސާބުތަކުގެ މައްޗަށް ބިނާކޮށެވެ. ވެރިންގެ ސިއްރު މަޝްވަރާތަކުން އުފެދި، ރައީސްގެ ނިންމެވުމަކުން އެކަނި އުވައެއް ނުލެވޭނެ އެވެ.
  3. އެޑެޕްޓިވް ލީޑާޝިޕް: ބަރުލަމާނީ ނިޒާމުގައި ލީޑަރުންނަށް ި ރައްޔިތުންގެ އިތުބާރު ގެއްލުމުން ދުސްތޫރީ ކާރިސާއެއް ކުރިމަތިނުކޮށް ލީޑަޝިޕަށް ބަދަލު ގެނައުމުގެ ފުރުސަތު އޮވެ އެވެ. މި ހާރުގެ ނިޒާމުގައި އެއީ ނެތް ކަމެކެވެ. އަންނަ އިންތިހާބަށް ކެއްކުރުން ނޫން ގޮތެއް ނޯވެ އެވެ.
  4. ބައިނަލްއަގުވާމީ ގޮތުން ކާމިޔާބު މޮޑެލްއެއް: އިގުތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔޭގެ އެންމެ ހަމަޖެހޭ، ދިރިއުޅުމުގެ ފެންވަރު އެންމެ މަތި އަދި ކޮރަޕްޝަންގެ މިންވަރު އެންމެ ކުޑަ ގައުމުތަކުގައި އޮންނަނީ ބަރުލަމާނީ ނިޒާމެވެ. އޭގެ މާނައަކީ ބަރުލަމާނީ ނިޒާމުން ކޮރަޕްޝަން މުޅިން ނައްތާލައެކޭ ނުނެވެ. އެކަމަކު މި "ކޯ ރިލޭޝަން" އަކީ ވެރިންގެ ވައްކަން ބޮއްސުންލައިފައިވާ މި ރާއްޖޭގައި ޔަގީނުން ވެސް އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ނުކުތާއެކެވެ.

(ބަރުލަމާނީ ނިޒާމާއި ދެކޮޅު ހަދާ ސިޔާސީ ފަރާތްތަކުން އެންމެ ގިނައިން ދައްކާ ހުއްޖަތަކީ، ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ގަނެލީމައި، ސަރުކާރެއް އެއްކޮށް ގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެ ހުއްޖަތް ދައްކާ ފަރާތްތަކުން މިހާރު މި އޮތް ނިޒާމުގައިވެސް ރައްޔިތުންގެ މަޖިލިސް ރިޝްވަތަށް ގެނބިފައިވާ ވަރަށް ރިއާޔަތެއް ނުކުރެ އެވެ.)

ދިވެހި އަންހެނުންގެ ހާލަތު ރަގަޅެއް ނުކުރެވުނެވެ. ރާއްޖޭގެ ކުދި ކުދި ރަށްތަކުގައި ދިރި އުޅޭ މީހުންގެ ހާލަތު ރަނގަޅެއް ނުކުރެވުނެވެ. ކުދި ވިޔަފާރިތައް އިންދަ ޖެހެނީއެވެ. ޒުވާނުން މާޔޫސް ވެފަ އެވެ. އަދި ޒުވާނުންގެ ސިޔާސީ ބައިވެރިވުން ދުވަހެއް ދުވަހަކަށް ދަނީ ކުޑަވަމުންނެވެ. ސިޔާސީ މައިދާނުގައި އެންމެ ބާރުގަދައީ ފައިސާ އެވެ. ކޮރަޕްޝަން ހައްދުން ނެއްޓިފަ އެވެ.

ދުރު ރާސްތާ މަންފާއަށް ވުރެ، ކުރު މުއްދަތެއްގެ ލާބައަށް ވޯޓުލުން އެއީ އޮތް ގޮތް ކަމަށް ވެއްޖެ އެވެ. ޖެހެނީ އެއްތާކުއޭ ބުނުން އާއްމު ވެއްޖެ އެވެ. މިހެން މިވަނީ އުއްމީދެއް ނެތުނީމަ އެވެ.

މިއީ ދިވެހިން ދުށް ޑިމޮކްރަޓިކް ތަސައްވުރާ ވަރަށް ދުރު ހަގީގަތެކެވެ.

މި ބޮޑެތި ހިތްހަމަނުޖެހުންތައް ގައުމުގެ ޑިމޮކްރަސީގެ ފާރަވެރިންނަށް ބަދަލުކުރެވޭނެ ފަދަ މަންޒަރެއް ނުފެނެ އެވެ. މައި އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ހުރިހާ ބާރެއް އޮވެމެ ކުރިމަތިވި ނާކާމިޔާބީގެ ފަހަތުގައިވާ ކަންކަން ދެނެގަނެ، ހައްލު ކުރާން އެޅޭކަމުގެ ނިޝާނެއް ނުފެނެ އެވެ. ސަރުކާރު ޖަވާބުދާރީ ކުރުވައި، ހަރުދަނާ ސިޔާސަތުތަކެއް ރައްޔިތުންނަށް ހުށަހެޅުމުގެ ބަދަލުގައި، އެމްޑީޕީ އޮތީ2028 ގެ އެ ޕާޓީގެ ރިޔާސީ ޓިކެޓާ ގުޅޭ ކޯޅުމުގައި ތާށިވެފަ އެވެ.

ދެން އޮތީ ސަރުކާރެވެ. ކުޑަކުދިން ކުޅޭ ސީސޯއަކަށް ވުރެ ސަރުކާރުގެ ހާލަތު ފެންނަނީ ދެރަކޮށެވެ. ނިންމުންތަކާއި ސިޔާސަތުތައް ސިކުންތަކުން ސިކުންތަކުން ބަދަލު ވެއެވެ. އެއްވެސް ކަމެއްގައި މި ސަރުކާރު ދެކޭ ވަކި ގޮތެއް ބުނެދޭން އެނގޭނެ ހަމަ އެކަކުވެސް ނެތެވެ. ގައުމުގެ އެތެރެއިންނާއި ރާއްޖެއިން ބޭރުން ވެސް ސަރުކާރަށް ވާގިވެރިވާނެ ބަޔަކު ހޯދިފައި ނެތެވެ. ދައުލަތުގެ ދަރަނި ބޮޑުވެ، ބޯމަތިވަމުން އަންނަ މާލީ ކާރިސާއިން އަރައިގަންނާނެ މަގެއް ހޯދުމަށް ސަރުކާރު އޮތީ ނުކުޅެދިފަ އެވެ.

މިހާރު މި އޮތް ވެރިކަމުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ދަށުވެ، މުޅި ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑު ވަމުން ދާއިރު، ބަލަން ތިބެވޭކަށް ނެތެވެ. ފާގަތި، ގަދަރުވެރި ދިރިއުޅުމަކަށް ދިވެހިން ކުރި އުއްމިދާއި ބުރަ މަސައްކަތުގެ މަންފާ ހާސިލު ކުރުމަށް، ވެރިކަމުގެ ނިޒާމާ ދޭތެރޭ ވިސްނައި ބަދަލުތަކެއް އެބަ ގެންނަން ޖެހެ އެވެ. މިއީ ބަހުސެއް ފަށަންވީ ވަގުތެވެ. މި ބަހުސް ކުރުމާއި، މިކަމުގައި ގޮތެއް ނިންމުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ހައްގެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގ. ދޭލިޔާވިލާ އީވާ އަބްދުﷲ ގެ ލިޔުއްވުމެކެވެ. އީވާ އަބްދުﷲ އަކީ މޯލްޑިވްސް ޕޮލިސީ ތިންކް ޓޭންކުގެ ފައުންޑާ އަދި ޗެއާޕާސަން އެވެ. އީވާ ވަނީ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި ތިން ދައުރު މަސައްކަތް ކުރައްވައިފަ އެވެ. އަދި އެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ފުރަތަމަ އިނގިރޭސި ބަހުން ލިޔެ އޯއާރްއެފް އޮންލައިން ގައި ޝާއިއު ކުރި މި ލިޔުން ދިވެހި ބަހަށް ތަރުޖަމާ ކުރީ އަދަދު ނޫހުގެ ސަބް އެޑިޓަރު ސާއިފް ޝިޔާދް އެވެ.