Advertisement

11 އަހަރަށް ފަހު އަލެގްރީ އެނބުރި މިލާނަށް

31 މޭ 2025 - 07:33 0


11 އަހަރަށް ފަހު އަލެގްރީ އެނބުރި މިލާނަށް

31 މޭ 2025 - 07:33 0

މިލާން (މެއި 31) - އިޓާލިއަން ލީގުގެ އޭސީ މިލާނުގެ ކޯޗުކަމާ 11 އަހަރު ފަހުން ކުރިން އެ ޓީމަށް އިރުޝާދުދިން އިޓަލީގެ މަސިމޯ އަލެގްރީ ހަވާލުވެއްޖެ އެވެ.

މިލާނުގެ ކޯޗުކަން ހުސްވީ، މިދިޔަ ޑިސެމްބަރު މަހު 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި އެ ޓީމާ ހަވާލުވެ، ޕޯޗުގަލްގެ ސާޖިއޯ ކޮންސެސާއޯ، ހަ މަސް ފަހުން މަގާމުން ވަކިކުރުމުންނެވެ. މިލާނުން، އެ ޓީމަށް 2010 އިން 2014 އަށް ކޯޗުކޮށްދިން އަލެގްރީއާ ޓީމު ހަވާލުކުރީ، ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ނިމިދިޔަ ސީޒަނުގައި މިލާން ނިންމާލީ އިޓާލިއަން ލީގުގެ އަށް ވަނައިގަ އެވެ. އަދި، އިޓާލިއަން ކަޕްގެ ފައިނަލުން ބޮލޯނިއާ އަތުން ބަލިވުމާ އެކު، މިލާނަށް އަންނަ ސީޒަނުގައި ޔޫރަޕްގެ އެއްވެސް މުބާރާތަކުން ޖާގައެއް ލައްވާލާ ގޮތެއްނުވި އެވެ.

އަލެގްރީ، 57، އެންމެ ފަހުން، ހުރީ ޔުވެންޓަސްގެ ކޯޗަކަށެވެ. ކެރިއަރުގައި ދެ ވަނަ ފަހަރަށް ޔުވެންޓަސްއާ އަލެގްރީ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ޔުވެންޓަސް އަށް މިދިޔަ އަހަރު އިޓާލިއަން ކަޕް ކާމިޔާބުކޮށްދިން ފައިނަލުގައި ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުން ޔުވެންޓަސް އިން އަލެގްރީ ވަކިކުރި އެވެ. މި ނިމުނު ސީޒަނުގައި އަލެގްރީ ހުރީ ޓީމަކާ ހަވާލުނުވެ އެވެ.

ކުރިން މިލާނާ ހަވާލުވެ، ފުރަތަމަ ސީޒަނުގައި، 2010-2011 ގައި، އަލެގްރީ ވަނީ އެ ޓީމަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދީފަ އެވެ. އެއީ، 2004 ވަނަ އަހަރުގެ ފަހުން މިލާނަށް ލީގު ހޯދުނު ފުރަތަމަ ފަހަރެެވެ. އޭގެ ފަހުން، އަލެގްރީ ވަނީ 2014 އިން 2019 އަށް ޔުވެންޓަސް އަށް ކޯޗުކޮށްދިންއިރު، ފަސް ފަހަރު ލީގު ކާމިޔާބުކޮށް ދެ ފަހަރު ފައިނަލުގައި ކުޅެފަ އެވެ.