މަސްކު އަދީ ރައީސް ޓްރަމްޕް. ޓްރަމްޕު އިންތިހާބު ކުރުމަށް މަސްކު 300 މިލިއަން ޑޮލަރު ހޭދަކުރި ---
ވޮޝިންޓަން، އެމެރިކާ (މެއި 28) - އެމެރިކާގެ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ކުރުންތެރިކަން އިތުރު ކުރުމަށް ރައީސް ޑޮނާލްޑް ޓްރަމްޕް އުފެއްދެވި ޑިޕާޓްމަންޓު އޮފް ގަވަމަންޓު އެފިޝަންސީ (ޑޯޖު)ގެ ވެރިޔަކަށް ހުރި ބިލިއަނުރު އިލޮން މަސްކު އެ މަގާމުން ވަކިވެފައިވާކަން ހާމަކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު މަސްކް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރައީސް ޓްރަމްޕަށް ޝުކުރު އަދާކުރައްވައި، ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރޮއިޓާސްއިން ބުނި ގޮތުގައި ބުނި ގޮތުގައި މަސްކު ވަކިވިކަން އިއުލާނު ކުރުމުގެ ކުރިން ރައީސް ޓްރަމްޕާ އެކު ރަސްމީކޮށް މަޝްވަރާ ކުރައްވާފައި ނުވެ އެވެ. މަސްކު ވަކިވުމާ ގުޅޭ މާ ގިނަ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.
ޓްރަމްޕުގެ ކެމްޕޭނުގައި ވަރަށް ގިނައިން މަސްކު ފެނުނެވެ. އޭރު އޭނާ ބުނަމުންދިޔަ ގޮތުގައި ޑޯޖުގެ ސަބަބުން ފެޑެރަލް ހަރަދުތައް މަދުވެގެން ދެ ޓްރިލިއަން ޑޮލަރުން ކުޑަ ކުރެވޭނެ އެވެ. މިހާރު އެ އަންދާޒާ ހުރީ 175 ބިލިއަން ޑޮލަރުގަ އެވެ.
ޓްރަމްޕްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ތިން ބޭފުޅުން ކަމަށްވާ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރާންސްޕޯޓް ސެކްރެޓަރީ ޝޯން ޑަފީ އަދި ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓްއާ މެދު މަސްކުގެ ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ.
އެމެރިކާގެ ސިވިލް ސާވިސްގައި ތިބި 2.3 މިލިއަން މުވައްޒަފުންގެ ތެރެއިން 12 ޕަސެންޓު މީހުން ޑޯޖުން ކުރި މަސައްކަތްތަކުން ވަނީ މަދުކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 260،000 މުވައްޒަފުންނެވެ. މިއީ އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވި ކަމެކެވެ. އަދި ޓްރަމްޕު ސަރުކާރުގެ ބައެއް ވަޒީރުންގެ ހިތްހަމަނުޖެހުން ވެސް އޮތް ކަމެކެވެ.
ޓްރަމްޕު އިންތިހާބު ކުރުމަށް މަސްކު 300 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ސިޔާސީ ކަންކަމަށް ހޭދަ ނުކުރާނެ ކަމަށް އޭނާ ވަނީ ދާދިފަހުން ހާމަކޮށްފަ އެވެ.
Comment