28 މޭ 2025 - 14:21 1
ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން: މި މަހުގެ ތެރޭގައި ދިވެހި ފުލުހުންނަށް ވެސް އިނގިރޭސިވިލާތުން ތަމްރީނު ދިން -- ފޮޓޯ: ރައީސް އޮފީސް
28 މޭ 2025 - 14:21 1
ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތުގެ ތަމްރީނެއް އިނގިރޭސިވިލާތުން ރައީސް އޮފީހާ ގުޅިގެން ކުރިއަށް ގެންގޮސްފި އެވެ.
ގައުމީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ރާއްޖޭގެ ޓެރަރިޒަމް ރެސްޕޮންސް ޕްލޭން ޓެސްޓު ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ ކުރިން އިނގިރޭސިވިލާތުން ވަނީ އެފަދަ ތަމްރީނު ޕްރޮގްރާމެއް ދިވެހި ފުލުހުންނަށް ވެސް ދީފަ އެވެ.
"މި އެކްސަސައިޒަކީ، ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރާއި އެފަދަ ހާލަތެއްގައި މުވައްސަސާތަކުގެ މެދުގައި އެއްބާރުލުންދެވޭ މިންވަރު ދެނެގަނެ، ގާބިލުކަން ހުރި- ނެތް މިންވަރާއި، އެކަންކަން ހަރުދަނާ ކުރަން ނިންމަންޖެހޭ ނިންމުންތައް ދެނެގަތުމަށް ބޭއްވި މުހިންމު އެކްސަސައިޒެއް،" ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި ސަރުކާރުގެ 11 ވުޒާރާއެއްގެ އިސް ވެރިން ވަނީ ބައިވެރިވެފަ އެވެ. އެ ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސް، އަމަލީ ނަތީޖާ ނެރެވޭ ފަދަ ހުށަހެޅުންތައް ހުށަހެޅި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ އެ ތަމްރީނުގެ ސަބަބުން އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
"މިއީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް. މި ބައިވެރިވުމުން ރަމްޒުކޮށްދެނީ، ރައްކާތެރި، ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ގައުމުން ހިއްސާކުރާ އަޒުމް،" ރައީސް އޮފީހުން ބުންޏެވެ.
އިނގިރޭސިވިލާތުން ދިވެހި ފުލުހުންނަށް ދިން ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި ހިނގާ މެއި މަހު ކުރީކޮޅު އދ. މަހިބަދޫގަ އެވެ. ފުލުހުން ބުނީ އެއީ "ޓެރަރިސްޓް އިންސިޑެންޓް ފަސްޓް ރެސްޕޮންސް އެވެއާނަސް" ޕްރޮގްރާމަކާއި "ޓެރަރިސްޓް އިންސިޑެންޓް ކޮމާންޑު ރެސްޕޮންސް އެވެއާނަސް" ޕްރޮގްރާމެއް ކަމަށެވެ. އެ ދެ ތަމްރީނު ޕްރޮގްރާމު ވެސް ކުރިއަށް ގެންދިޔައީ މިދިޔަ ހަފުތާގަ އެވެ.
Comment