28 މޭ 2025 - 11:03 1
ސާއިފް ޝިޔާދު
28 މޭ 2025 - 11:03 1
މާލޭގެ ފިހާރައަކަށް އަންހެން ހެދުން އަޅައިގެން ވަދެ އަގުބޮޑު ގަޑިއެއް ވަގަށް ނެގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ސ. ހުޅުދޫ، އަބްލައީގެ، މުހައްމަދު ސިމާދު، 47އ. އެވެ. އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި މޫނު ބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ އޭނާ ވަގަށް ނެގީ "އޮމެގާ" ބްރޭންޑުގެ 67،500ރ. ގެ ގަޑިއެކެވެ.
މަސްތުވާތަކެތި ވިއްކުމާއި، ބޭނުން ކުރުމާއި، ކައުންޓާފީޓް ފައިސާ ގެންގުޅުމާއި، ސައިކަލު ވަގަށް ނެގުމާއި، ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި ފިހާރަތަކުން ވައްކަން ކުރުމުގެ ތުހުމަތުގައި މީގެކުރިން ވެސް ސިމާދު ބަންދުކުރި އެވެ.
އެ ގަޑި ވަގަށް ނެގުމުގައި އޭނާ އާއެކު އިތުރު ދެ މީހުން ހަރަކާތްތެރިވިއިރު ބަންދު އަމުުރުގައިވާ ގޮތުން ގަޑި އަދި ހޯދިފައި ނުވެ އެވެ. އެ ގަޑި އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުން އެނގެ އެވެ.
"އޮމެގާ" އަކީ ސްވިޓްޒަލޭންޑުގެ ލަގްޒަރީ ގަޑި ބްރޭންޑެކެވެ. މި ބްރޭންޑުގެ ގަޑިތަކުގެ އަގު އާންމު ގޮތެއްގައި ފެށެނީ 3،000 ޑޮލަރުންނެވެ.
Comment