Advertisement

ރަނގަޅު ތައްޔާރީތަކާ އެކު ނިއު ރޭޑިއަންޓް ދެން އަންނާނީ ވަރުގަދަކޮށް

27 މޭ 2025 - 14:02 1


ރަނގަޅު ތައްޔާރީތަކާ އެކު ނިއު ރޭޑިއަންޓް ދެން އަންނާނީ ވަރުގަދަކޮށް

27 މޭ 2025 - 14:02 1

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ރަނގަޅު ތައްޔާރީތަކާ އެކު ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕުން ނިއު ކެޓީ ސެމީ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން ފަހު ވަގުތު 2-1 އިން ބަލިވުމުންނެވެ. ހަފްތާއެއް ތެރޭ ސްކޮޑެއް އެކުލަވާލައިގެން، ލީގު ކަޕަށް ނުކުތް ނިއުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނިއު އަށް އިރުޝާދުދިނީ އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ. ސްޕެއިނުގެ ކޯޗިންގެ ކޯހެއްގައި ހުރުމަށް ފަހު، ސޮބާ ވަނީ، ލީގު ކަޕްގެ ދެ ވަނަ މެޗުން ފެށިގެން ނިއުގެ މަސައްކަތާ ހަވާލުވެފަ އެވެ.

ސޯޝަލް މީޑިއާގައި، ސޮބާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނިއުގެ ކޯޗުކަމަކީ ބޮޑެތި އުންމީދުތަކާ އެކު ޕްރެޝަރު ވެސް އޮތް މަގާމެއް ކަމަށެވެ. ނިއުގެ ސަަޕޯޓަރުން އެ ޓީމުގެ ފަރާތުން ވަރަށް ވަރުގަދަ ކުޅުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ނަތީޖާ އަށް އުންމީދުކުރާ ކަމަށެވެ. އަދި، ގައުމުގެ އެންމެ މޮޅު ކްލަބްގެ ގޮތުގައި ދެމި އޮތުމުގެ އުންމީދު ނިއުގައި އަބަދުވެސް އޮންނަ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

"އެކަމަކު ހަގީގަތަކީ ފުރިހަމަ ތައްޔާރީތަކެއް ނެތި، ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމެއް. އެ ހަގީގަތް ގަބޫލުކުރަން ޖެހޭ. އަހަރެން ދެކެނީ މިއީ (ލީގު ކަޕަކީ) ކާމިޔާބަށް ދިއުމުގެ ދަތުރުގެ ފެށުމެއް ކަމަށް،" ސޮބާ ބުންޏެވެ.

"ކާމިޔާބު ހޯދުމަށް ކެތްތެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ، ޑިސިޕްލިންއާ އެކީ ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށްދެވޭނެ. މި ކަންކަމަކީ އެންމެ ރެޔަކުން ވާނެ ކަމެއް ނޫން. ކުރިމަތީވާން ހުރި ޗެލެންޖްތަކަށް ތައްޔާރު، ހަގީގީ މަސައްކަތް ކުރުން އަދިވެސް އޮތީ އަހަރެމެން އަތްމަތީގައި،"

ސޮބާ ބުނީ، އެ ޓީމުގެ ޓާގެޓަށް ވާސިލްވަންދެން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ ކުރިން ގިނަ ފަހަރުތަކެއްގެ މަތިން ސޮބާ ވަނީ ނިއުގެ ކޯޗުކަން ކޮށްފަ އެވެ. އެންމެ ފަހުން، ސޮބާ ނިއުއާ އެކު ކުރި މަސައްކަތަކީ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކުރި މަސައްކަތެވެ. އެކަމަކު، އެ ފަހަރު ސެމީ ފައިނަލުން ނިއު ބަލިވެ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތް ވަނީ ނުވެފަ އެވެ. ސޮބާ، މި ފަހަރު ނިއުއާ އެކު، ޓާގެޓް ކޮށްފައިވަނީ، ދެ ވަނަ ޑިވިޝަނުން ކުރިއަށް ގޮސް ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓް ވުމަށެެވެ.