27 މޭ 2025 - 11:34 1
އަހުމަދު އާއިދު
ފަރުކޮޅުފުށީގައި ރިސޯޓު ހިންގިއިރުގެ އިމާރާތްތަކެއް ވީރާނާވަނީ: އެތަނުގައި ބޮޑު ޕާކެއް ތަރައްގީކުރަން އެޗްޑީސީން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު
27 މޭ 2025 - 11:34 1
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅާލާފައިވާ ފަރުކޮޅު ފުށީގައި ހަދަން ނިންމި ގޭޓަޑް ކޮމިއުނިޓީގެ ބަދަލުގައި އެ ސަރަހައްދުގައި ބޮޑު ޕާކެއް ތަރައްގީކުރަން ނިންމައިފި އެވެ.
ފަރުކޮޅު ފުށީގައި ގޭޓަޑް ކޮމިއުނިޓީއެއް ތަރައްގީކުރަން އެޗްޑީސީން ނިންމީ މިދިޔަ ނޮވެމްބަރު މަހު އިފްތިތާހުކުރި "ޓްރާންސްފޯމިން ޓުމޯރޯ" ޕްލޭނުގެ ދަށުންނެވެ. މަތީ ފަންތީގެ ދިރިއުޅުމަށް އަމާޒުކޮށްގެން ތައާރަފުކުރި މި މަޝްރޫއަކީ ރިސޯޓު ފެންވަރުގެ ދިރިއުޅުމެއް އުޅެވޭނެ ތަންތަނާއި ހިދުމަތްތަކާ އެކީ ތަރައްގީކުރާ ސަރަހައްދެއް ކަމަށް އެޗްޑީސީން އޭރު ބުންޏެވެ.
ގޭޓަޑް ކޮމިއުނިޓީ އަކީ ގިންތީގެ ތަފާތުކުރުމަށް މަގުފަހިވާ ކަމެއް ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު އޭރު އެޗްޑީސީއަށް ފާޑު ވެސް ކިޔެވެ. މި ޕްލޭން ބަދަލުކޮށް، ގޭޓެޑް ކޮމިއުނިޓީގެ ބަދަލުގައި ފަރުކޮޅުފުށީގައި ޕާކެއް ހަދަން ނިންމިކަން އިއުލާނުކުރީ އިއްޔެ އާންމުކުރި ހުޅުމާލޭގެ އައު ލޭންޑް ޔޫސް ޕްލޭނުގަ އެވެ.
އެޗްޑީސިގެ ޓްރާންސްފޯމިން ޓުމޯރޯ ޕްލޭންގައި ދައްކާލި ފަރުކޮޅުފުށި ގޭޓަޑް ކޮމިއުނިޓީ: މި ސަރަހައްދު ދެން ތަރައްގީ ކުރާނީ ޕާކެއްގެ ގޮތުގައި --- ފޮޓޯ: އެޗްޑީސީ
ކުރީގެ ޕްލޭނާ ހިލާފަށް ހުޅުމާލެ ދެވަނަ ފިޔަވަހި، ތިންވަނަ ފިޔަވައްސާ ގުޅާލާއިރު ފަރުކޮޅުފުށީގެ ހުޅަނގުން އޮތް މޫދު ވެސް ވާނީ އެއްގަމަށެވެ. އައު ޕްލޭނުގައިވާ ގޮތުން ފަރުކޮޅުފުށީގައި ތަރައްގީކުރާ ޕާކުގެ ބޮޑުމިނަކީ 97,356 އަކަ މީޓަރެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރި ސެންޓްރަލް ޕާކުގެ ބޮޑުމިނަކީ 64,113 އަކަ މީޓަރެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން އެޗްޑީސީގެ މީޑިއާ ޓީމުން ބުނީ ގޭޓަޑް ކޮމިއުނިޓީގެ ބަދަލުގައި އެ ސަރަހައްދުގައި ޕާކެއް ތަރައްގީކުރަން ނިންމީ "ޓްރާންސްފޯމިން ޓުމޯރޯ" ޕްލޭން ރިވިއުކުރުމަށްފަހު ކަމަށެވެ.
އައު ޕްލޭނުގެ ދަށުން ހުޅުމާލޭގެ ބިމުގެ 29 ޕަސެންޓު ހާއްސަކޮށްފައި ވަނީ މީހުން ދިރިއުޅުމަށެވެ. އަދި ބިމުގެ 10 ޕަސެންޓު ހާއްސަކޮށްފައި ވަނީ މިސްކިތާއި މަދަރުސާތަކާއި އެހެން އިދާރާތަަށެވެ. އަދި، ބިމުގެ ފަސް ޕަސެންޓު ހާއްސަކޮށްފައި ވަނީ ކޮމާޝަލް ބޭނުންތަކަށެވެ.
އިންޑަސްޓްރިއަލް ބޭނުމަށް ވެސް ހާއްސަ ކުރީ ބިމުގެ ފަސް ޕަދެންޓެވެ. ހުސް ސަރަހައްދު، ފެހި ސަރަހައްދު އަދި ކުޅިވަރަށް ބިމުގެ 30 ޕަސެންޓު ވަނީ ހާއްސަކޮށްފަ އެވެ.
Comment