Advertisement

ޑިއާޒް އާއި ރެޝްފޯޑަށް ބާސެލޯނާ އިން ޝައުގުވެރިވޭ

23 މޭ 2025 - 13:14 0


ޑިއާޒް އާއި ރެޝްފޯޑަށް ބާސެލޯނާ އިން ޝައުގުވެރިވޭ

23 މޭ 2025 - 13:14 0

ބާސެލޯނާ (މެއި 23) - މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް އާއި ލިވަޕޫލްގެ ލުއިސް ޑިއާޒް އަށް ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އިން ޝައުގުވެރިވާ ކަމަށް ބުނެފި އެވެ.

ސްޕެއިނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު، ކުރީގެ ޕޯޗުގީސް މިޑްފީލްޑަރު، ޑެކޯ ބުނީ، އެ ކްލަބުން ރެޝްފޯޑް އާއި ޑިއާޒް އަދި އިތުރު ކުޅުންތެރިންނަށް ވެސް ޝައުގުވެރިވާ ކަމަށެވެ.

"ޓްރާންސްފާ މާކެޓަށް ނުކުންނައިރު، އަަހަރެމެންނަށް އެނގޭ، ޓީމު ވަރުގަދަ ކުރަން ގަންނަން ޖެހޭނެ ކުޅުންތެރިންނަކީ ކޮބައިކަން،" ޑެކޯ ބުންޏެވެ.

ޖެނުއަރީ މަހުގެ ޓްރާންސްފާގައި، ލޯނު އެއްބަސްވުމެއްގެ ދަށުން ރެޝްފޯޑް، 27، އެސްޓަން ވިލާ އަށް ބަދަލުވީ، ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމްރޮމްއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.

ޔުނައިޓެޑާ އެކު ރެޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު، ވިލާގެ ލޯން އެއްބަސްވުން ނިންމާލިޔަސް، ރެޝްފޯޑް އެނބުރި ޔުނައިޓެޑަށް ގޮސް އަމޮރިމްގެ ކޯޗުކަމުގައި ކުޅުމުގެ ފުރުސަތު ކުޑަ އެވެ. އެހެންވެ، އަންނަ ސީޒަނުގައި ވެސް ރެޝްފޯޑް ޔުނައިޓެޑުން ނޫން ޓީމަކަށް ކުޅެން ޖެހިފައިވާއިރު، އޭނާ އަންނަނީ އެކި ޓީމުތަކުގެ ޕްރޮޕޯސަލްތައް ބަލަމުންނެވެ.

ރެޝްފޯޑް ވަނީ ޖެނުއަރީގައި ވެސް ބާސެލޯނާ އަށް ދިއުމުގެ ފުރުސަތެއް އޮތްތޯ މަޝްވަރާ ކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން 50 މިލިއަން ޑޮލަރު ހުށަހަޅައިފިނަމަ، ޔުނައިޓެޑުން ރެޝްފޯޑް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

ޕޯޗުގަލްގެ ޕޯޓޯއިން ލިވަޕޫލަށް ޑިއާޒް ބަދަލުވީ 2022 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންވެ އޭނާގެ ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އެބައޮތެވެ. ޑިއާޒް ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލިވަޕޫލްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ލިވަޕޫލްގެ ބޯޑުން ޑިއާޒަށް އާ ކޮންޓްރެކްޓެއް ދިނުމާ މެދު އަދި ގޮތެއް ނުނިންމާއިރު، ބާސެލޯނާ އިން ކުރާ ބިޑަކަށް ބެލުމަށް ފަހު، ލިވަޕޫލުން ޑިއާޒް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.