Advertisement

ކޮންޓޭ ބުނީ ހަމަޖެހިގެން ކުޅެފިނަމަ ނަޕޯލީ އަށް ކާމިޔާބު ޔަގީންކަމަށް

23 މޭ 2025 - 08:11 0


ކޮންޓޭ ބުނީ ހަމަޖެހިގެން ކުޅެފިނަމަ ނަޕޯލީ އަށް ކާމިޔާބު ޔަގީންކަމަށް

23 މޭ 2025 - 08:11 0

ނޭޕްލްސް، އިޓަލީ (މެއި 23) - އިޓާލިއަން ލީގުގައި މިރޭ ކަލިއަރީ އަތުން މޮޅުވެގެން، ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތް ނަޕޯލީން ހަމަޖެހިގެން ކުޅެފިނަމަ ކާމިޔާބު ޔަގީންކަމަށް އެ ޓީމުގެ ކޯޗު، އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ބާކީ އެއް މެޗު އޮތްއިރު، ނަޕޯލީ އެއް ވަނައިގައި އޮތީ، 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް 78 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މިރޭ ކުޅޭނީ ރަށުންބޭރުގައި ކޯމޯއާ ދެކޮޅަށެވެ.

ލީގުގައި އެންމެ ފަހުން، ނަޕޯލީން ޕާމާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި، ކޮންޓޭ އާއި ޕާމާގެ ކޯޗު، ކްރިސްޓިއަން ކީވޫ އަށް ރަތް ކާޑު ދެއްކި އެވެ. އެހެންވެ، ލީގުގެ ފަހު މެޗުގައި، މިރޭ ކޮންޓޭ އަށް ޓީމަށް އިރުޝާދު ދޭން ބެންޗަށް ނުދެވޭނެ އެވެ.

ކޮންޓޭ ބުނީ، ޓީމާ އެކު ހުންނަން ބެންޗަށް ނުދެވުމަކީ މާޔޫސްކަމެއް ނަމަވެސް ކުޅުންތެރިންނަށް ދޭ އިރުޝާދާ އެކު، މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކަލިއަރީ އަތުން ނަޕޯލީ ވަނީ މި ސީޒަނުގައި ކުޅުނު މެޗުން 4-0 އިން މޮޅުވެފަ އެވެ. އެކަމަކު، 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު، އެއް ސީޒަނެއްގައި، ނަޕޯލީ އަށް ކަލިއަރީ އަތުން މޮޅެއް ހޯދިފައިނުވެ އެވެ.

"ކަލިއަރީ އަކީ މޮޅު ޓީމެއް. އެކަމަކު، އަހަރެމެން ދަންނަން ޖެހޭ ކަމެއް އެއީ ވަކި މި މެޗު ވެގެން ހާއްސަ ކަންތައްތަކެއް ނުކޮށް، އަހަރެމެންގެ ގޭމް ކުޅެން. އިދިިކޮޅު ޓީމަށް 100 ޕަސެންޓް އިހުތިރާމް ދީގެން، އަހަރެމެން ކުޅެފިއްޔާ، ޔަގީން މޮޅުވާން ފުރުސަތު ބޮޑީ އަހަރެމެންނަށް،" ކޮންޓޭ ބުންޏެވެ.

ނަޕޯލީން 2023 ވަަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުން އެ ފަހަރު ލީގު ތަށި އުފުލާލީ 30 އަހަރު ތެރޭ ފުރަތަމަ ފަަހަރަށެވެ. ނަޕޯލީގެ ތާރީހުގައި ހަތަރު ވަނަ ފަހަރަށް ލީގު ހޯދުމާ ގާތުގައި އޮތްއިރު، މި ފަހަރު އެކަން ހާސިލްކުރެވެން އޮތީ ރެކޯޑަކާ އެކު އެވެ.

އެއީ، މިދިޔަ ސީޒަނުގައި ލީގުގެ 10 ވަނައިގައި ނިންމުމަށް ފަހު، ޖެހިގެން އައި ސީޒަނުގައި ލީގު ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިގެންނެވެ. މީގެ ކުރިން، ކޮންޓޭ، ކޯޗުކޮށްދިން ޔުވެންޓަސް އިން ވަނީ އެއް ސީޒަނެއްގައި ހަތް ވަނައިގައި ނިންމައި، ޖެހިގެން އައި އަަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ކޮންޓޭ ވަނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި އެންމެ ގޮންޖެހުން ބޮޑު ސީޒަން ކަމަށް ބުނެފަ އެވެ.