Advertisement

އިޒްރޭލުން ގާޒާއަށް އިއްޔެ ދިން ލާއިންސާނީ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

19 މޭ 2025 - 09:36 0

އިޒްރޭލުން އިއްޔެ ދިން ހަމަލާތަކުގައި ފުނޑުނު ތަނެއް ކައިރީ ބަޔަކު މަޑުކޮށްލައިގެން: އިޒްރޭލުން ދަނީ ކާބޯތަކެތީގެ އެހީ ގާޒާއަށް ފޯރުކޮށްދިނުމަށް ވެސް ހުރަސް އަޅަމުން -- ފޮޓޯ: ރޮއިޓާސް


އިޒްރޭލުން ގާޒާއަށް އިއްޔެ ދިން ލާއިންސާނީ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

19 މޭ 2025 - 09:36 0

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުން ގާޒާއަށް އިއްޔެ ދިން ލާއިންސާނީ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އޮކްޓޯބަރު 7، 2023، އިން ފެށިގެން އިޒްރޭލުން ދެމުން އައި ހަމަލާތައް އިތުރަށް ވަރުގަދަކޮށް އިއްޔެ ވަނީ ލާއިންސާނީ އެތައް ހަމަލާއެއް ގާޒާއަށް ދީފަ އެވެ. އިއްޔެ އެކަނި ވެސް ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ ހަމަލާތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި އިންސާނިއްޔަތުގެ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށެވެ.

"ގައްޒާގައި އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި ހަމަލާތަކުގައި މިއަދު އެކަނި ވެސް ކުށެއް ނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންވަނީ ޝަހީދުވެފަ. މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާއި އަދި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނާ ސީދާ ހިލާފު އަމަލުތަކެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ދިވެހި ސަރުކާރުން ބުނީ އިޒްރޭލުން މަސައްކަތް ކުރަނީ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލަން ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމައުން އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ވެސް ރާއްޖެއިން ގޮވާލާފައިވެ އެވެ.

"އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ގައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް އިއްޔެ ދިން ހަމަލާތައް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމައިން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރައީސް ވެސް ވަނީ ގޮވައިލައްވައިފަ އެވެ.

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި ވަނީ މިހާތަނަށް ފަލަސްތީނުގެ 53،000 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. މަރާލި މީހުންގެ އަދަދު 61،700 އަށް އަރާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު 120،000 އަށް އަރާ ކަމަށް ވެސް ލަފާ ކުރެވެ އެވެ.

ގިނަ އަދަދެއްގެ މީހުން މެރުމަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގެ އިތުރުން ފަލަސްތީނު ރައްޔިތުން ބަނޑަށްޖެއްސުމަށް ވެސް އިޒްރޭލުން ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ. އިޒްރޭލުން އެންމެ ފުރަތަމަ ނެތިކޮށްލީ ފަލަސްތީނުގައި ގާއިމްކޮށްފައި ހުރި ފެނުގެ ނިޒާމުތަކެވެ. މިހާރު އިޒްރޭލުން އުޅެނީ ކާބޯތަކެތީގެ އެހީ ފަލަސްތީނަށް ވެއްދުން މަނާކޮށްގެންނެވެ. މާޗް 2، އިން ފެށިގެން އެއްވެސް އެހީއެއް ގާޒާއަށް ވަދެފައި ނުވެ އެވެ.