Advertisement

221 ކާޓަން ސިނގިރޭޓާއެކު ހައްޔަރުކުރި ތިން ބިދޭސީން ދޫކޮށްލައިފި

މިމަހު 6، ގައި ފުލުހުން އަތުލައިގަތް ސިނގިރޭޓުތައް -- ފޮޓޯ: ފުލުހުން


221 ކާޓަން ސިނގިރޭޓާއެކު ހައްޔަރުކުރި ތިން ބިދޭސީން ދޫކޮށްލައިފި

މި މަހު 6، ގައި 221 ކާޓަން ސިނގިރޭޓާއެކު މާލެއިން ހައްޔަރުކުރި ތިން ބިދޭސީން މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ޕިކަޕަކުން މަގުމައްޗަށް ސިނގިރޭޓުތައް ބޭލުމަށްފަހު ފިލަން އުޅެނިކޮށް ފުލުހުން ހައްުޔަރު ކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ މަންނާން މޮންޑެލް، 43، އާއި މުހައްމަދު ސުލެއިމަން، 42، އާއި ރެޒައުލް ހައްގު، 39، އެވެ.

އެ ތިން މީހުން ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލީ އެމީހުންގެ މައްޗަށް ކުރާ ތުހުމަތަކީ ވަގު ސިނގިރޭޓުތަކެއް ގެންގުޅުން ކަމަށް ވާއިރު، އެމީހުން ބަންދުގައި ތިބޭތާ 10 ދުވަސްވީއިރު ވެސް އެއްވެސް ފަރާތަކުން ސިނގިރޭޓުތަކެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ނުވާތީ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ތިން މީހުންނަކީ ވެސް އިމިގްރޭޝަން ގާނޫނާ އެއްގޮތަށް ސައްހަ ވިސާގައި އުޅޭ ބައެއް ކަމަށެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް އަމުރުކުރި ނަމަވެސް، ފުލުހުން އެމީހުންގެ މައްޗަށް "ވަގު ސިނގިރޭޓު" ގެ ތުހުމަތު ކުރީ އެއީ ތަނަކުން ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބުނެއެއް ނޫނެވެ.

އެ މީހުން ހައްޔަރުކުރި ދުވަހު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ އެމީހުން ގެންގުޅުނު ސިނގިރޭތުތަކަކީ ވަގަށް ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރޭޓު ކަމަށް ބެލެވޭ ކަމަށެވެ.

އާންމުކޮށް ސިނގިރޭޓު ކާޓަނެއްގައި 10 ފޮށި ސިނގިރޭޓު ހުރެ އެވެ. އެހެންކަމުން ފުލުހުން އެރޭ އަތުލައިގަތީ 2210 ފޮށި ސިނގިރޭޓެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އަތް ނުފޯރާ ވަރަށް ބޮޑުކޮށް، ވޭޕު މަނާ ކުރުމުން ރާއްޖެއަށް ވަގު ސިނގިރޭޓު އެތެރެ ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނިމިދިޔަ އޭޕްރީލް މަހު، އެއާޕޯޓު ތަރައްގީ ކުރާ ކުންފުނިން އެތެރެ ކުރި ކޮންޓެއިނަރަކުން ވަނީ 21 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގަނެފަ އެވެ.

އައްޑޫއަށް އެތެރެ ކުރަން އުޅުނު ވަގު ސިނގިރޭޓުތަކެއް ވެސް މި ފަހުން ވަނީ އަތުލައިގަނެފަ އެވެ. އައްޑޫއިން އެ ޝިޕްމެންޓުގައި ހުރި ސިނގިރޭޓުގެ އަދަދު ލައްކައަކަށްވުރެ ގިނަ އެވެ.

އޭގެ ކުރިން ޑިއުޓީ ފްރީއިން ވަގަށް ސިނގިރޭޓު ބޭރު ކުރަން އުޅުނު މައްސަލައެއް ވެސް ވަނީ ފަޅާ އަރައިފަ އެވެ. ސިނގިރޭޓު ބޭރު ކުރަން އުޅުނީ ފުލުސް އޮފިސަރުންތަކެކެވެ. އެކަމުގައި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.