15 މޭ 2025 - 13:00 0
15 މޭ 2025 - 13:00 0
ދޯހާ، ގަތަރު (މެއި 14) - ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާލައިން ކަމަށްވާ ގަތަރު އެއާވޭސްއިން އެމެރިކާގެ ބޮއިން ކުންފުނިން އުފައްދާ ފްލައިޓު ގަތުމަށް 96 ބިލިއަން ޑޮލަރު ހަރަދުކުރަން ނިންމައިފި އެވެ.
ގަލްފްގެ ގައުމުތަކަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގަތަރަށް އެމަނިކުފާނު ވަނީ ވަޑައިގަންނަވާފަ އެވެ. ވައިޓް ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ބޮއިން ކުންފުނިން މިހާތަނަށް ލިބުނު އެންމެ ބޮޑު ވިޔަފާރި ޑީލެވެ.
ގަތަރު އެއާވޭސްގެ ސީއީއޯ ބަދުރު މުހައްމަދު އަލް މީރު އާއި ބޮއިންގެ ސީއީއޯ ކެލީ އޯޓްބެގް ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ދެ ކުންފުނިން މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޓްރަމްޕާއި ގަތަރުގެ އަމީރު ޝެއިހު ތަމީމް ބިން ހަމަދު އަލް ތާނީގެ ހާޒިރުގަ އެވެ.
މި އެއްބަސްވުމުގެ ދަށުން ބޮއިންއިން އުފައްދާ 777x މަރުކާގެ 30 ފްލައިޓާއި 787 މަރުކާގެ 130 ފްލައިޓު ގަތަރު އެއާވޭސްއިން ގަންނާނެ އެވެ. މި ފްލައިޓުތަކުގައި ހަރުކޮށްފައި ހުންނާނީ ޖެނެރަލް އިލެކްޓްރިކް އެއިރޯސްޕޭސްގެ އިންޖީނެވެ. އެއީ ވެސް އެމެރިކާގެ ކުންފުންޏަކުން އުފައްދާ އިންޖީނުތަކެކެވެ.
ބޮއިންގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އެއާބަސްއިން އުފައްދާ A350 މަރުކާގެ ފްލައިޓުތަކުގެ މެއިންޓެނަންސް މައްސަލަތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ހާއްސަކޮށް ގަލްފްގެ ގައުމުތައް ފަދަ ދުނިޔޭގެ އެންމެ ހޫނު ސަރަހައްދުތަކުގައި އެ މަރުކާގެ ބޯޓުތައް މަރާމާރު ކުރުމުގައި ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.
ބޮއިންއިން 777x އަށް އަދިވެސް ފްލައިޓު އޮޕަރޭޝަނަށް ހުއްދަ ލިބިފައި ނުވެ އެވެ. މީގެ ހަ އަހަރު ކުރިން އެއާލައިންތަކަށް ޑެލިވާ ކުރާނެ ކަމުގެ ޔަގީންކަން ބޮއިންއިން ދިން 777x ގެ ފުރަތަމަ ޑެލިވަރީތައް 2026 ގައި ފެށޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގަތަރު އެއާވޭސްގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އެމިރޭޓްސްއިން ވަނީ 777x ގެ 250 ފްލައިޓަށް އޯޑަރު ދީފަ އެވެ.
ބޮއިން 777x އަށް 521 އޯޑަރު މިހާތަނަށް ލިބިފައިވާއިރު 787 މަރުކާގެ ބޯޓުތަކަށް 828 އޯޑަރު މިހާތަނަށް ލިބިފައިވެ އެވެ.
Comment