މިދިޔަ ދެ އަހަރު ދިގު ފެތުމުގެ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން ރިހާން މުބާރާތުގައި ވާދަކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
ގައުމީ ދިގުފެތުމުގެ މުބާރާތުގައި (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަންގައި) މި ފަހަރު ވެސް ފާއިތުވި އަހަރަށް ވުރެ ގިނަ ފެތުންތެރިން ބައިވެރިވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު، ކުޑަގިރީގައި ބާއްވާ 16 ވަނަ ގައުމީ އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަންގައި، ހުރިހާ ކެޓަގަރީ އަކުން ޖުމްލަ އެކު، 281 ފެތުންތެރިން ވާދަކުރާނެ އެވެ. މިއީ، ފާއިތުވި އަހަރު ބައިވެރިވި ފެތުންތެރިންނަށް ވުރެ އިތުރު އަދަދެކެވެ.
އެ ގޮތުން ބަލާއިރު، ގައުމީ ފަސް ކިލޯ މީޓަރުގެ ކެޓަގަރީގައި 2010 ވަނަ އަހަރު އަދި އެ އަށް ވުރެ ފަހުން އުފަންވީ ކުދިންނަށް ބައިވެރިވެވޭ ގޮތަށް އޮތްއިރު، އަންހެން 10 އަދި ފިރިހެން 14 ފެތުންތެރިން ވާދަކުރާނެ އެވެ. ތިން ކިލޯމީޓަރުގެ ޖޫނިއާ ބައި ހާއްސަކޮށްފައި އޮތީ، 2011، 2012 އަދި 2013 ވަނަ އަހަރު އުފަންވި ފެތުންތެރިންނަށެވެ. އެ ބައިގައި، އަންހެން އަށް ފެތުންތެރިންނާއި ފިރިހެން 24 ފެތުންތެރިން ފެނިގެންދާނެ އެވެ.
ސްވިމް ޗެލެންޖް، އެއް ކިލޯމީޓަރުގެ ކޮމިއުނިޓީ މާސް އިވެންޓް ބައިގައި، ފިރިހެން 63 އަދި އަންހެން 36 ފެތުންތެރިން ވާދަކުރާނެ އެވެ. މި އިވެންޓްގައި ވާދަކުރެވެނީ، 2013 ވަނަ އަހަރު ނޫނީ އޭގެ ކުރިން އުފަންވެފައިވާ ފަރާތްތަކަށެވެ.
މާސްޓާސް އިވެންޓްގައި، 1990 ވަނަ އަހަރު އަދި އޭގެ ފަހުން، އުފަންވި ފެތުންތެރިންނަށް ވާދަކުރެވޭއިރު، މި ކެޓަގަރީގައި، ވާދަކުރަނީ ހަތް ފިރިހެން ފެތުންތެރިންނެވެ. އިއޭޑީ ކެޓަގަރީގައި، ފިރިހެން ނުވައެއް އަދި އަންހެން ދެ ފެތުންތެރިން ފެނިގެންދާނެ އެވެ.
ކިޑްސް ސްވިމް ކެޓަގަރީގައި، 66 ފިރިހެން ފެތުންތެރިންނާއި 42 އަންހެން ފެތުންތެރިން ވާދަކުރާނެ އެވެ. އެ ގޮތުން، 0.5 ކިލޯމީޓަރު ފަތަން ޖެހޭ، ކެޓަގަރީގައި ވާދަކުރެވެނީ، 2014، 2015، 2016 އަދި 2017 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ.
މިއީ، އޯޕަންވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބާއްވާ ތިން ވަނަ ފަހަރެެވެ. މާލެއާ 15 ވަރަކަށް މިނެޓު ރާސްތާއެއްގައި އޮތް ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރީގައި ބާއްވާ މުބާރާތުގައި ވާދަކުރާ އެތުލީޓުންގެ ނިސްބަތް ފަހަރަކަށް ވުރެ ފަހަރެއް އިތުރެވެ.
މުބާރާތުގައި ހޮވާ ވަނަތަކަށް ބަލާއިރު، އަންހެން/ފިރިހެން ކެޓަގަރީން ވަކިން، ގައުމީ ދިގު ފެތުމުގެ ޗެމްޕިއަނާއި ދެ ވަނަ އަދި ތިން ވަނަ މަގާމުގެ އިތުރުން، ގައުމީ ޖޫނިއާ ދިގު ފެތުމުގެ ޗެމްޕިއަނާއި ދެ ވަނަ އާއި ތިން ވަަނަ މަގާމު ހިމެނެ އެވެ. ސްވިމް ޗެލެންޖް އޯޕަން އަދި ސްވިމް ޗެލެންޖް މާސްޓާސް، 1،2،3 ވަނަތައް ދެ ޖިންސު ވަކިން ހޮވާއިރު، ކިޑްސް ސްވިމް ޗެލެންޖް ރޭސް ނިންމާ ކޮންމެ ކުއްޖަކަށް މެޑަލް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި، އީއޭޑީ ސްވިމް ޗެލެންޖް ނިންމާ ކޮންމެ ބައިވެރިއަކަށް ފިނިޝާ މެޑަލް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރުގެ، ގައުމީ ދިގު ފެތުމުގެ މުބާރާތު (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަން)ގެ ފަސް ކިލޯމީޓަރު ފެތުމުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިހާމް ދިފާއުކުރިއިރު, އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަޔާނާ އަރީފް އެވެ. ފިރިހެން ކެޓަގަރީގެ ދެ ވަނަ އަށް ދިޔައީ ޔާސީން މުހައްމަދު ޔޫސުފް އެވެ. އަދި ތިން ވަނަ އަށް ދިޔައީ މުބާލް އައްޒާމް އެވެ. އަންހެން ކެޓަގަރީން އަޔާނާ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަަމަ ފަހަރު ހޯދިއިރު، އޭނައާ އެންމެ ކައިރިން ވާދަކުރީ އައިޝަތު އެލީނާ ޝާހިދާ އާއި ލައިބާ ހަސަން މަނިކެވެ.
Comment