Advertisement

މެރާލް، 200 މީޓަރު ފެތުމުގެ ގައުމީ ރެކޯޑް އާކޮށްފި

27 ޖުލައި 2025 - 14:13 0


މެރާލް، 200 މީޓަރު ފެތުމުގެ ގައުމީ ރެކޯޑް އާކޮށްފި

27 ޖުލައި 2025 - 14:13 0

އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، މެރާލް އައިން ލަތީފް އާކޮށްފި އެވެ.

ކުރިއެރުން ހޯދަމުން އަންނަ ފެތުންތެރިޔާ، މެރާލް ގައުމީ ރެކޯޑް އާކުރީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ 22 ވަނަ ދުނިޔޭގެ ފެތުމުގެ މުބާރާތުގަ އެވެ.

އެ ގޮތުން، މެރާލް ގައުމީ ރެކޯޑް އާކުރީ 02:44.34 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް މީގެ ކުރިން ވެސް އޮންނަނީ މެރާލް އަތުގަ އެވެ.

މި އަހަރު، ކުރީކޮޅު އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕުގައި ވާދަކޮށް މެރާލް ގައުމީ ރެކޯޑު އޭރު ހެދީ 02:45.93 އިން ރޭސް ނިންމައިގެންނެވެ.

އޭގެ ކުރިން، އަންހެނުންގެ 200 މީޓަރު މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އޮތީ ތަޒްކިޔާ މިރުޝާދު (ތަޒްކީ) އަތުގަ އެވެ. ތަޒްކިޔާ، އެ ފަހަރު ރެކޯޑް ހެދީ ސްރީ ލަންކާގައި ކުރިއަށްދިޔަ ގައުމީ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިންގް ޗެމްޕިއަންޝިޕުގައި ވާދަކޮށެވެ. އޭނާ ރެކޯޑް ހެދީ 02:49.55 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މެރާލް ވަނީ މި އަހަރުގެ ފެބްރުއަރީ މަަހު، އަންހެނުންގެ ޝޯޓްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އެއީ، 05:49.59 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ޢީން އައްބާސް ޝަރީފް އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު ތައިލަންޑް ޝޯޓްކޯސް ސްވިމިންގް ޗެމްޕިއަންޝިޕް ގައި 06:26.56 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މެރާލް އާއި ތަޒްކިޔާގެ އިތުރުން، މި ފަހަރުގެ ދުނިޔޭގެ އެކުއަޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުނު ފެތުންތެރިންނަކީ އާން ހުސައިން އާއި މުހައްމަދު ރިހާން ޝިހާމް އަށެވެ.