15 މޭ 2025 - 09:18 2
ހަސަން މުހައްމަދު
ސިނަމާލެ ބްރިޖު: ގައިންގަޔަށް ނާރާ ބަލިތަކުން ޒުވާނުން އެންމެ ގިނައިން މަރުވާ އެއް ސަބަބަކީ މަގުމަތީ އެކްސިޑެންޓުތައް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
15 މޭ 2025 - 09:18 2
ވެރި ރަށް މާލެއިން ހުޅުލެއަށް އަދި ހުޅުމާލެއަށް ދަތުރު ކުރަން ހަދާފައި އޮތް ސިނަމާލޭ ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް ގިނަވާތީ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރަން ހުށަހަޅައިފި އެވެ.
އިހުސާންއާ ސުވާލު ކުރަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާގެ ސުވާލުގައި އަހާފައި ވަނީ އެކްސިޑެންޓުތައް މަދު ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިފައިވޭތޯ އެވެ.
އޭގެ އިތުރުން، ބްރިޖުގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް ހުއްޓުވަން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވަން ވެސް ކުޑޫގެ ސުވާލުގައި އަހާފައިވެ އެވެ. އަދި ބާރަށް ދުއްވާ މީހުން ދަނެގަނެވޭނެ ނިޒާމެއް ގާއިމް ކުރެވިފައިވޭތޯ އާއި އެފަދަ ނިޒާމެއް ގާއިމް ކުރެވިފައިވާ ނަމަ އެ ނިޒާމަކީ ކޮބައިތޯ އޮޅުންފިލުވަން ވެސް ކުޑޫ ސުވާލުކޮށްފައިވެ އެވެ.
އެކްސިޑެންޓުތަކަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުން ނޫން ގޮތަށް އެންމެ ގިނަ ޒުވާނުން މަރުވާ އެއް ސަބަބެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރު، 2024، އާ ހަމައަށް ރާއްޖޭގައި ހިނގި އެކްސިޑެންޓުތަކުގައި 115 މީހަކު ވަނީ މަރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ވެސް އެންމެ ގިނައިން ފުލުސް އޮފީހަށް ހުށަހަޅާފައި ވަނީ އެކްސިޑެންޓުތަކުގެ މައްސަލަ އެވެ. އެކްސިޑެންޓުގެ 1103 މައްސަލަ މި އަހަރުގެ މިހާތަނަށް ވަނީ ހުށަހަޅައިފަ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ގިނަ އެކްސިޑެންޓުތައް ހިނގާ ސަބަބަކީ ބާރަށް ދުއްވުމެވެ. އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ ތެރޭގައި އުޅަނދު ދުއްވާ މީހުންނާއި މަގު ހިނގާ މީހުން ވެސް ހިމެނެ އެވެ. އެކްސިޑެންޓުތަކުގެ މައްސަލަ ހައްލު ކުރަން ވޯލްޑް ހެލްތު އޯގަނައިޒޭޝަނ ނުވަތަ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު "ނެޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން 2019-2023" ގެ ނަމުގައި ކަރުދާހެއް ވެސް ޝާއިއުކޮށްފައިވެ އެވެ.
Comment