Advertisement

މިލާން ބަލިކޮށް ބައި ގަރުނު ފަހުން ބޮލޯނިއާ އަށް ތަށްޓެއް

15 މޭ 2025 - 08:44 0


މިލާން ބަލިކޮށް ބައި ގަރުނު ފަހުން ބޮލޯނިއާ އަށް ތަށްޓެއް

15 މޭ 2025 - 08:44 0

ރޯމް، އިޓަލީ (މެއި 15) - އިޓާލިއަން ކަޕް ފައިނަލުގައި އޭސީ މިލާން 1-0 އިން ބަލިކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ބޮލޯނިއާ އިން ބައި ގަރުނަށް ފަހު ތަށްޓެއް އުފުލާލައިފި އެވެ.

މިއީ، ބޮލޯނިއާ އިން އިޓާލިއަން ކަޕްގެ ޗެމްްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. ފުރަތަމަ ދެ ފަހަރު ހޯދީ، 1970 އާއި 1974 ވަނަ އަހަރު އެވެ. އޭގެ ފަހުން، އެ ޓީމަށް ބޮޑު މުބާރާތެއްގެ ތަށްޓެއް ހޯދިފަައިނުވާއިރު، މި ފަހަރުގެ އިޓާލިއަން ކަޕާ އެކު، 51 އަހަރު ފަހުން ތަށްޓެއް ހާސިލްކުރެވުނީ އެވެ.

ރޭގެ މެޗުގައި ބޮލޯނިއާގެ ފުރަތަމަ ހަމަލާ ފޮނުވާލީ އެ ޓީމުގެ ކެޕްޓަން، ލެވިސް ފާގަސަން އެވެ. އޭނާ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ފުރަަތަމަ ހާފުގައި މިލާނަށް ލީޑުނަގައިދޭން ލޫކަ ޔޯވިޗް ފޮނުވާލި ބޯޅަ ބޮލޯނިއާ ކީޕަރު، ލޫކަސް ޝޮޕުރޯސްކީ ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އަށް ވަނަ މިިނިޓްގައި، ބޮލޯނިއާ އަށް ޖަހައިދިނީ ސްވިޒަލެންޑްގެ ޑޭވިޑް އެންޑޯއި އެވެ. އޭނާ އަށް ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައި، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ.

މިއީ، މި ސީޒަނުގައި، ބޮލޯނިއާގެ ކޯޗުކަމާ ހަވާލުވި ވިންޗެންޒޯ އިޓަލިއާނޯގެ ފުރަތަމަ ތަށްޓެވެ. މިދިޔަ ތިން ސީޒަނުގައި ފިއޮރެންޓީނާއާ އެކު، އޭނާ ވަނީ ތިން ފައިނަލުން ބަލިވެފަ އެވެ.

ބޮލޯނިއާ އަށް އިޓާލިއަން ކަޕާ އެކު، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގައެއް ލިބިފައިވާއިރު، މިލާނަށް އަދި އަންނަ ސީޒަނުގެ ޔޫރަޕް ފުޓްބޯޅަ ޖާގައަކާ މެދު ޔަގީންކަމެއް ނެތެވެ.

މިލާނުން އެންމެ ފަހުން، އިޓާލިއަން ކަޕް 2003 ވަނަ އަހަރު ކާމިޔާބުކުރިއިރު، އޭގެ ފަަހުން، އެ ޓީމު މި ވަނީ މި މުބާރާތުގައި ޖެހިޖެހިގެން ތިން ފައިނަލުން ބަލިވެފަ އެވެ. އެއީ، 2016 ވަނަ އަހަރާއި 2018 ވަނަ އަހަރު ކުޅުނު ފައިނަލްތަކުގައި ޔުވެންޓަސް އަތުންނެވެ.

މިއީ، 2008 ވަނަ އަހަރުގެ ފަހުން، ޔުވެންޓަސް، ލާޒިއޯ، ނަޕޯލީ އަދި އިންޓަ މިލާން ނޫން ޓީމަކަށް އިޓާލިއަން ކަޕް ލިބުނު ފުރަތަމަ ފަހަރެވެ.