about 2 hours 0
about 2 hours 0
ނޭޕްލްސް، އިޓަލީ (ފެބްރުއަރީ 11) - ސެސްކް ފަބްރެގަސް ކޯޗުކޮށްދޭ ކޯމޯ އިން ޕެނަލްޓީ ޖަހައިގެން ނަޕޯލީގެ މައްޗަށް 6-7 އިން ކުރިހޯދައި، އިޓާލިއަން ކަޕްގެ ސެމީ ފައިނަލުން 40 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.
މިއީ، ކޯމޯގެ ތާރީހުގައި ވެސް އެ ޓީމުން މި މުބާރާތުގެ ސެމީ ފައިނަލެއްގައި ކުޅޭ ދެ ވަނަ ފަހަރެވެ. ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އޮތީ އެއްވަރުވެފަ އެވެ. ކޯމޯ އިން އަށް ޕެނަލްޓީގެ ތެރެއިން ހަތް ޕެނަލްޓީ ވައްދާލިއިރު، ނަޕޯލީ އަށް އަށް ޕެނަލްޓީ ތެރެއިން ކާމިޔާބުވީ ހަ ޕެނަލްޓީ އެވެ.
ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ، މި ހަފްތާގައި ކޯޗިން ކެރިއަރުގެ 400 ވަނަ މޮޅު ހަމަކުރިއިރު، އެ އަދަދު އިތުރު ކުރަން ނުކުތް މެޗުގައި، ނަޕޯލީއާ ދެކޮޅަށް ކޯމޯ އިން ވަނީ ރަނގަޅު ވާދައެއްކޮށްފަ އެވެ.
އެ ގޮތުން، ރޭގެ މެޗުގައި ލީޑުނެގީ ވެސް ކޯމޯ އިންނެވެ. މިއީ، މެޗުގެ 39 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މާޓިން ބަޓުރީނާ ޖެހި ގޯލެކެވެ. ޕެނަލްޓީ ދިނީ، ކޯމޯގެ ފުލްބެކް، އިވާން ސްމޯލްސިޗް އަށް ނަޕޯލީ އޭރިއާތެރެއިން އެ ޓީމުގެ މަތިއަސް އޮލިވޭރާ ކުރި ފައުލަކަށެވެ. މިއީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފުގައި ކޯމޯ އިން ލީޑުގައި ނިންމާލި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ހިންދެމިލަން ފުރުސަތެއް ނުލިބުނެވެ. މި ހާފުގެ ކުޅުން ފެށިތަނާ ނަޕޯލީން ލަނޑު ޖަހައި އެއްވަރުކުރި އެވެ. މިއީ، ނަޕޯލީގެ ރަސްމުސް ހޮއިލުންޑް ގުޅިގެން ކުރި އެޓޭކެއްގައި އެ ޓީމުގެ އެންޓޯނިއޯ ވެގާރާ ޖެހި ލަނޑެކެވެ.
ޕެނަލްޓީގައި ނަޕޯލީ ބަލިވިއިރު، އެ ޓީމުން ޕެނަލްޓީ ނާކާމިޔާބުވީ ރޮމެލޫ ލުކާކޫ އާއި ސްޓަނިސްލާވް ލޮބޯޓްކާ އެވެ.
ކޯމޯ އިން ސެމީގައި ކުޅެން ޖެހޭނީ އިންޓަ މިލާންއާ އެވެ.
Comment