Advertisement

ކެންޑިޑޭޓުން ހަމަނުވުމުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލަން އެދިއްޖެ

މޯލްޑިވްސް ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: ބާ ކައުންސިލް


ކެންޑިޑޭޓުން ހަމަނުވުމުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލަން އެދިއްޖެ

މޯލްޑިވްސް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހަތަރު މެންބަރުން އިންތިހާބު ކުރުމަށް އެ ކައުންސިލުން އިއުލާނު ކުރުމުން، އެ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކޮށްދިނުމަށް ބާ ކައުންސިލުގެ އާންމު މެންބަރަކު އެދިއްޖެ އެވެ.

ބާ ކައުންސިލުގެ އާންމު މެންބަރު، އަސްއަދު ޝަރީފް އެ ކައުންސިލަށް އިއްޔެ ފޮނުވި ސިޓީގައި ބުނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އޭޕްރިލް 28، ގައި ހުޅުވައިލުމުން ކުރިމަތިލީ އެންމެ ތިން މީހުން ކަމަށެވެ. ހަތަރު މީހުން އިންތިހާބު ކުރަންޖެހޭއިރު، އެ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އެ އިއުލާނުގެ ދަށުން އިންތިހާބު ބޭއްވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް އަސްއަދު ޝަރީފް ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާން ކޮށްފައި ވާގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ. އެ ކޮމިޓީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ހަތަރު ބޭފުޅެއްގެ ދައުރު އަންނަ ޖުލައި 14، އަށް ހަމަވާނެ އެވެ. އެ ބޭފުޅުންނަކީ:

  • އިބްރާހިމް ޝަމީލް
  • އަހުމަދު މުއިއްޒު
  • ދީނާ ހުސައިން
  • ސާދިހު ނަސީރު

އެ ބޭފުޅުންގެ އިތުރުން އެ ކޮމިޓީގެ ނައިބު ރައީސް، މިޒްނާ އަހުމަދުގެ ދައުރު ވެސް ޖުލައި 14، އަށް ހަމަވާނެ އެވެ.

އަސްއަދުގެ ސިޓީގައި ބުނީ އިންތިހާބުތަކަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވާދަވެރިކަމާއެކު ވަކީލުންގެ މެދުގައި ކުރިއަށް ގެންދަންޖެހޭ ޕްރޮސެސްއަކަށްވާއިރު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން އެ މަގާމަށް ކުރިމަތިލައިފި ނަމަ އަމަލު ކުރާނެ ގޮތެއް އެ ކައުންސިލުން ކުރި އިއުލާނުގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ އިއުލާނު ބާތިލުކޮށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލަން އަސްއަދު ގޮވާލާފައިވެ އެވެ.

އޭނާގެ ހުށަހެޅުމާ ގުޅިގެން ބާ ކައުންސިލުން އަމަލު ކުރާ ގޮތެއްގެ ސަބަބުން އެއްވެސް ވަކީލެއްގެ ހައްގަށް އުނިކަމެއް އަންނަ ނަމަ، އެކަމުގައި ހައްލެއް ހޯދަން ޝަރުއީ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އަސްއަދުގެ ސިޓީގައި ބުނެފައިވެ އެވެ.