Advertisement

ގައިރު ގާނޫނީކޮށް ދެ ފަނޑިޔާރުން ވަކިކުރުން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފި

14 މޭ 2025 - 15:12 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރާލްދާ އަދި ކުރީގެ ފަނޑިޔާރު މަހާޒް. ދެ ފަނޑިޔާރުން ވެސް ވަކިކުރީ ގައިރު ގާނޫނީކޮށް ހިންގި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ---


ގައިރު ގާނޫނީކޮށް ދެ ފަނޑިޔާރުން ވަކިކުރުން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފި

14 މޭ 2025 - 15:12 1

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ފަނޑިޔާރު ކަމުން ވަކިކުރުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފި އެވެ.

ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އެއާއެކު އެ ދެ ބޭފުޅުން ވެސް ވަނީ ފަނޑިޔާރު ކަމުން ވަކިވެފަ އެވެ.

"މި ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލެއް. ރައީސް މުއިއްޒުގެ ބާރު ހިނގާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށްގެންދިޔައީ ވެސް އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި ގާނޫނުތަކާ ހިލާފަށް،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދަ ޑިމޮކްރެޓްސްއިން މިކަން ސިފަކޮށްފައިވަނީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމު، އެއްބާރުގެ މުށު ތެރެއަށް ލައި ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކޮށްލުމުގެ އަމަލެއްގެ ގޮތުގައި އެވެ.

"ޖުޑީޝަރީގެ މިނިވަންކަމުގެ މަފްހޫމުގެ އެއް އަސާސަަކީ ފަނޑިޔާރުންނަށް މަގާމުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުން. ފަނޑިޔާރެއްގެ ކުށެއް ނެތި އެއްވެސް ފިޔަވަޅެއް ނޭޅޭނެކަމުގެ ފުރިހަމަ ޔަގީންކަން ފަނޑިޔާރުންނާއި އިންސާފަށް އެދިގެންދާ ފަރާތްތަކަށް ވެސް އޮތުން. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރުމުގެ އެންމެހައި ކަމެއް ސަރުކާރުގެ ބާރާއި ނުފޫޒުން ހިންގާފައި ވަނީ ނާއިންސާފުގެ މިސާލަކަށްވާ ފަދައިން،" ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ދެ ޕާޓީން ވެސް ވަނީ ފަނޑިޔާރުން ވަކިކުރުމަކީ ރާއްޖޭގެ ޖުޑީޝަރީއަށް އޮތް އިތުބާރު ގެއްލި ގައުމަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބުނެފަ އެވެ.

އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ފާސްކޮށްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ކުއްލި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ.

ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި، ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ވިދާޅުވެފަ އެވެ. ޖޭއެސްސީގެ ތަހުގީގު ރިޕޯޓު ފާސް ކުރުމުން ފިލްޒާ ދެއްވި ލަފާގައި، ތަހުގީގުގައި ހުރި ގައިރު ގާނޫނީ ކަންކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައި މި ވަނީ، ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތް މަޑުޖައްސާލައި، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދިނުމަށްފަހު، އަދުލު އިންސާފު ގާއިމް ކުރުމުގެ އިޖުރާއަތްތަކަށް ބޯލެނބުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލް، އދ. އަދި ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކުން ގޮވާލާފައި އޮއްވަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.