15 މޭ 2025 - 15:52 0
އަމަން ހަލީމް
ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
15 މޭ 2025 - 15:52 0
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ ޖުޑީޝަލް ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރަމުން، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ކޮންޓްރޯލް އޮތް އިރު އެ ޕާޓީން ކަން ކުރި ގޮތަށް ފާޑުވިދާޅުވި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެ ހުރިހާ ނިންމުމެއްގައި ފުރިހަމައަށް ބައިވެރިވެރިވެ ވަޑައިގެންނެވުމަށް ފަހު ކަން ދެނެގަނެވިއްޖެ އެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބޮޑު ބަޔެއްގައި ޒަރީރު ހުންނެވީ އެމްޑީޕީގަ އެވެ. މިހާރު ވެރިކަން ކުރާ ޕީއެންސީއާ އޭނާ ގުޅުނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުން އެމްޑީޕީގެ ކެނޑިޑޭޓު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ހިސާބުންނެވެ.
އޭނާއަކީ އެމްޑީޕީ ދޫކޮށް، ޑިސެމްބަރު 28، 2023 ގައި ޕީއެންސީއާ ގުޅުނު 12 މެންބަރުންގެ ތެރެއިން އެކަކެވެ. ނަމަވެސް ޒަރީރު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުގައި ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ޕީއެންސީގެ ކެނޑިޑޭޓެއް ހުއްޓައި، އޭނާ ބަލިކުރައްވައި އިންތިހާބުން ކާމިޔާބުކޮށް ޒަރީރު ވަނީ މެންބަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ވެރިކަމުގައި އޮތް އޮތް ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. އޭރު ވެސް އޭނާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވަމުން ގެންދެވީ ޕީއެންސީ އެވެ.
ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން އިއްޔެ ބޭއްވި ޖަލްސާގައި، ޒަރީރު ވަނީ ކުރީ ސަރުކާރާއި އޭގެ ކުރިން ވެރިކަމުގައި އޮތް ރައީސް ޔާމީންގެ ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ، އެ ދެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ހަމަ ހައިރާންވެ އަޖައިބުވެފައި މި ތިބީ. ރާއްޖޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އެންމެ ބޮޑަށް ބާރުފޯރުވި، އެންމެ ބޮޑަށް ނުފޫޒު ފޯރުވި ދެ ވެރިކަމަކީ ރަައީސް ޔާމީންގެ ވެރިކަމާއި އެމްޑީޕީގެ ވެރިކަމުގައި. މިއީ ހަގީގަތް އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުގައި ފަނޑިޔާރުންނާ މެދު ކަންކުރި ގޮތަށް ޒަރީރު ފާޑުވިދާޅުވިއިރު، އޭނާއަކީ އޭރުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލިސް މެދުވެރިކޮށް ފަނޑިޔާރުންނަށް އެޅި ހުރިހާ ފިޔަވަޅެއްގައި ފުރިހަމައަށް ބައިވެރިވެ ވަޑައިގެންނެވި މެންބަރެކެވެ. ހާއްސަކޮށް އޭރުގެ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އެ ކޮމިޓީން ކުރި މަސައްކަތުގައި ބައިވެރިވެ ވަޑައިގެން، އެ ފަނޑިޔާރުން ވަކިކުރަން ވޯޓު ދެއްވި މެންބަރެއް ވެސް މެ އެވެ.
އެ ގޮތުން އޭނާ ވަނީ އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވަކިކުރުމާ މެދު ގޮތެއް ނިންމި ކޮމިޓީގައި އެ ރިޕޯޓު ފާސްކުރަން ވޯޓު ދެއްވައި، ތަޅުމުގައި ވެސް އެ ފަނޑިޔާރު ވަކިކުރަން ތަޅުމުގައި ވެސް ވޯޓު ދެއްވާފަ އެވެ. އޭގެ އިތުރުން:
މި ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޒަރީރު ވާހަކަ ދެއްކެވީ އެންމެ ފަހަރެއްގަ އެވެ. އެއީ އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވަކިކުރުމާ މެދު ގޮތެއް ނިންމަން ކުރިއަށް ގެންދިޔަ ބަހުސްގަ އެވެ. އެ ދުވަހު އޭނާ މައިގަނޑު ގޮތެއްގައި ދެއްކެވީ އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ހެއްދެވި ގޯސްތަކުގެ ވާހަކަ އެވެ.
"ސީދާ ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި، އެ މީހުން ބޭނުން ގޮތަކަށް ވަނީ ގާނޫނު މާނަކޮށްފަ. އަދި ރައްޔިތުންގެ މައްޗަށް ލާޒިމުތައް އެތައް ހުކުމްތަކެއް ވަނީ ގާނޫނާ ހިލާފަށް ނެރެފައި،" ޒަރީރު ވިދާޅުވި އެވެ.
އިއްޔެ މަޖިލީހުގައި ނެގި ވޯޓާ އެކީގައި ޒަރީރު ވަނީ ހޯއްދަވަން ނުޖެހޭ ރެކޯޑެއް ހައްދަވާފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން އެންމެ ގިނަ ވޯޓު ދެއްވި މެންބަރުުގެ ރެކޯޑެވެ. އިއްޔެގެ ވޯޓާ އެކީގައި ޒަރީރު މި ވަނީ ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރަކު ވަކިކުރަން ވޯޓު ދެއްވި މެންބަރަށް ވެވަޑައިގެންފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment