Advertisement

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާ އެމްޑީޕީ ދެކޮޅު

އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު، އިބްރާހިމް ނާޒިލް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާ އެމްޑީޕީ ދެކޮޅު

ކައުންސިލަރެއްގެ ގޮނޑި ހުސްވާއިރު، ދައުރުގެ ބާކީ އޮންނަ މުއްދަތު ދޮޅު އަހަރަށްވުރެ ކުރުނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާ އެމްޑީޕީ މެންބަރުން ދެކޮޅު ހައްދަވައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު، އަލީ މޫސާ ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުންތޯ ސުވާލު އުފައްދަވައިފަ އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ވިދާޅުވީ މި ވީހައި ދުވަހު އިންތިހާބުތައް ނުބާއްވަން ކުރާ މަސައްކަތް ފިޔަވައި އިތުރު ކަމެއް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ކުރާ ތަން ނުފެންނަ ކަމަށެވެ.

"ހަރަދު ކުޑަ ކުރަން މި ނޫން ކަމެއް، މި ކަންކަން، ޕްރޮޖެކްޓުތައް ހިންގަން ވެގެން ހަރަދު ކުޑަކުރަން މިއުޅެނީ ސަރުކާރުން، އެއީ ރަނގަޅު ކަމެއް އިއްޒަތްތެރި ރައީސް، އެހެންނަމަވެސް މި ބިލުގައި މި، ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލު ނޫނީ އަޅުގަނޑަކަށް ނުފެނޭ މި ސަރުކާރުން ހަރަދު ކުޑަކުރަން ކުރާ ކަމެެއް،" އަމީން ފައިސަލް ވިދާޅުވި އެވެ.

"ވަޒީފާތަކަށް މީހުން ނަގަނީ ރައީސް ވެސް އާރަށަށް ދަނީ، އާރަށަށް ދާންޖެހޭނެ، ރައީސް ހުންނަން ޖެހޭނީ ފިޓުކޮށް، އެކަމަކު އެ ހަރަދުތައް ކުރާއިރުގައި އަޅުގަނޑުމެން ދާއިރާގައި މި ހުރި މަސައްކަތްތައް ނުހުއްޓި ދާނެ ގޮތަކަށް ސަރުކާރުގެ ކަންކަން ހުންނަން ޖެހޭނީ،"

އެ ބިލަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު، އަހުމަދު ދީދީ ވިދާޅުވީ އޭނާގެ ދައިރާ ތަމްސީލު ކުރައްވަން އައްޑޫ ސިޓީ ކައުންސިލުގައި ހުންނަވަނީ އެންމެ ކައުންސިލަރެއް ކަމަށާއި އެ ކައުންސިލަރުގެ ގޮނޑި އެއްވެސް ހާލަތެއް މެދުވެރިވެގެން ހުސްވެއްޖެ ނަމަ ބާކީ މިއޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ދާއިރާ ތަމްސީލު ކުރައްވާނެ ބޭފުޅަކު ކައުންސިލުގައި ނުހުންނަވާނެ ކަމަށެވެ.

އޭނާގެ ވާހަކަތަކަށް ތާއީދު ކުރައްވައި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވީ ހަރަދު ކުޑަ ކުރާ ވާހަކަ ސަރުކާރުން ދައްކާއިރު، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އަދި އުޅެނީ ލާމަރުކަޒީ ގާނޫނުގެ ދަށުވެގެން ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން މިނިސްޓްރީއެއް އުފައްދަވާފައިވާ ކަމަށާއި އެ މިނިސްޓްރީއަށް ވެސް ސިޔާސީ އެތައް މުވައްޒަފުންނެއް ނަގާފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ސަރުކާރުން މަޝްރޫއުތަކެއް ކުރިއަށް ގެންދާނަމަ، ހަރަދު ކުޑަކުރުމުގެ ގޮތުން ގާނޫނުތަކަށް އިސްލާހު ގެނައުން ރައްޔިތުން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

"އެންމެ ޕްރޮޖެކްޓެއްހާ މިންވަރު ވެސް ނުހިންގޭ ހާލަތުގައި އަނެއްކާވެސް ހަރަދު ކުޑަކުރާށޭ ކިޔާފައި ރަށުގައި ރައްޔިތު މީހާއަށް ހިދުމަތް ދޭން ހުރި މީހާ ގޮނޑި ހުސްވާއިރަށް، ދޮޅު އަހަރު ވަންދެން އެ ގޮނޑިއަށް މީހަކު ނުނެގޭ ގޮތަށް މުޅި ނިޒާމު ގާނޫނުގެ ތެރެއިން ބަދަލު ކުރަން މި ޖެހެނީ އިއްޒަތްތެރި ރައީސް،" ނާޒިލް ވިދާޅުވި އެވެ.

އެގޮތަށް ގާނޫނަށް އިސްލާހު ގެނެސްފި ނަމަ ރައްޔިތުން އެތައް ގޮތަކުން ނިކަމެތި ވާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ ހަތަރު މާއްދާއަކަށް ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު، އަލީ މޫސާ އިސްލާހު ހުށަހަޅުއްވާފައިވެ އެވެ.

އެގޮތުން ކައުންސިލެއްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށްވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވާއިރު ވެސް އެ ކޮމިޓީގެ އުމުރުގެ ބާކީ އޮންނަ މުއްދަތު 548 ދުވަހަށްވުރެ ކުރު ނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް އިސްލާހު ހުށަހަޅުއްވާފައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލް އުމުރުގެ ބާކީ 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.