Advertisement

ފެޑެރޭޝަންގެ އެދުމާ ދެކޮޅަށް ވިރާތު ވެސް ޓެސްޓް ޓީމާ ދުރަށް

12 މޭ 2025 - 11:15 0


ފެޑެރޭޝަންގެ އެދުމާ ދެކޮޅަށް ވިރާތު ވެސް ޓެސްޓް ޓީމާ ދުރަށް

12 މޭ 2025 - 11:15 0

ނިއު ދިއްލީ، އިންޑިއާ (މެއި 12) - އިންޑިއާގެ ކްރިކެޓް ފެޑެރޭޝަން، ބީސީސީއައި އިން މަޑުކުރަން އެދިފައިވީ ނަމަވެސް، އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން ރިޓަޔާކުރަން ވިރާތު ކޯލީ ނިންމައިފި އެެވެ.

ދާދި ފަހުން، އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާ ވަނީ ރިޓަޔާކޮށްފަ އެެވެ. ރޯހިތު، 38، ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ، 2022 ވަނަ އަހަރު ވިރާތު އަތުން ބޭންޑް ނެގުމަށް ފަހު އެވެ. ރޯހިތު ޓެސްޓް ކްރިކެޓުން ރިޓަޔާކުރި ފަހުން، ވިރާތު ވެސް މި ވަނީ ޓެސްޓް ޓީމަށް ކުޅުން ހުއްޓާލާނެކަން ފެޑެރޭޝަނަށް އަންގައި، އެކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފަ އެވެ.

އެހެން ނަމަވެސް، ފެޑެރޭޝަނުން އެދުނީ ވިރާތު އަދި ޓީމާ އެކު ހުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، އަލުން ކެޕްޓަންކަން ވެސް ހުށަހަޅަން ފެޑެރޭޝަނުން މަޝްވަރާކުރި އެވެ. އެކަމަކު، ވިރާތު ނިންމާފައިވަނީ، ފުރަތަމަ ނިންމި ގޮތަށް ޓެސްޓް ކްރިކެޓުން ދުރަށް ޖެހިލުމަށެވެ.

"މިވީ 14 އަަހަރު ތެރޭ ޓެސްޓް ފޯމެޓްގައި އަހަންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވި، އަހަރެންގެ ކެރިއަރު އެހެން މިސްރާބަކަށް ގެންގޮސްދިން. މިއީ މި ފޯމެޓަށް ކުޅުން ހުއްޓާލަން ޖެހޭ ވަގުތު ކަމަށް ފެންނާތީ އެ ގޮތަށް ނިންމައިފިން، މިއީ ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު، ބޭނުންތެރި ނިންމުމެއް،" ޓެސްޓް ކްރިކެޓުން ރިޓަޔާކުރިކަން އިއުލާނުކުރި މެސެޖުގައި ވިރާތު ލިޔެފައިވެ އެވެ.


ވިރާތު ބުނީ، ޓެސްޓް ކްރިކެޓުގައި ކުޅެވޭނެ ހުނަރުވެރި ކުޅުންތެރިން އިންޑިއާގައި ގިނަ ކަމަށާއި އުންމީދަކީ އަބަދުވެސް އިންޑިއާ ޓީމަށް ކާމިޔާބު ލިބުން ކަމަށެވެ.

ރޯހިތު އާއި ވިރާތު އިންޑިއާ ޓެސްޓް ކްރިކެޓް ޓީމުން ރިޓަޔާކުރިއިރު، އަންނަ މަހު، އިންގްލެންޑާ ދެކޮޅަށް އިންޑިއާ އިން ޓެސްޓް ސީރީސްގައި ވާދަކުރާނެ އެވެ.

ވިރާތުގެ ކެޕްޓަންކަމުގެ ދަށުން ޓެސްޓް ކްރިކެޓްގައި އިންޑިއާ އިން ކުޅުނު 68 މެޗުގެ ތެރެއިން 40 މެޗުން މޮޅުވި އެވެ. މޮޅުވި މެޗު އިންސައްތަ އަށް ބަލާއިރު އުޅެނީ، 58.82 ޕަސެންޓްގަ އެވެ.

އިންޑިއާ އަށް 123 ޓެސްޓް މެޗު ކުޅެދިން ވިރާތު ވަނީ، 9230 ލަނޑު ހަދައިފަ އެވެ. އޭގެ ތެރޭގައި، 31 ހާފް ސެންޗަރީ އާއި 30 ސެންޗަރީ ހިމެނެ އެވެ. އޭގެއިން އެއް ޓެސްޓް މެޗުގައި ވިރާތު ވަނީ 254 ލަނޑު ހަދައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ރޯހިތު އެކޭ އެއްގޮތަށް ވިރާތު ވެސް ދެން އިންޑިއާ ޓީމަށް ކުޅޭނީ ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ފޯމެޓްގަ އެވެ.

ދެން، އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަނަކަށް ހަަމަޖައްސާނީ ޝުބްމަން ގިލް ނޫނީ ޖަސްޕްރީތު ބުމްރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.