11 މޭ 2025 - 19:04 1
މުހައްމަދު ޝަހްޒާން
ގދ. ވާދޫ މަތިން ފެންނަ ފޮޓޯއެއް -- ފޮޓޯ: އާޒިމް ހާލިދު / ފޭސްބުކް
11 މޭ 2025 - 19:04 1
ގދ. ވާދޫ ފެނަކަ ބްރާންޗުގެ ހިންގުން ހަވާލު ކޮށްފައިވާ ދެ މީހުންގެ ފަރާތުން އެ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރު ދެއްކުމާއި އެ ބްރާންޗުގެ މުވައްޒަފުންނަށް ދޭންޖެހޭ އެލެވެންސްތައް ނުދީ ތަފާތު ކުރުމުގެ އިތުރުން ކުންފުނީގެ ޕެޓީ ކޭޝް އެމީހުންގެ އަމިއްލަ ކަންކަމަށް ބޭނުންކުރާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ވާދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފަކު އަދަދު އަށް ބުނީ އެ ބްރާންޗުގައި މަސައްކަތް ކުރާ 14 މުވައްޒަފުންގެ ސޮއި އާއެކު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހުގެ ސަމާލުކަމަށް ވެސް އެކަން މިދިޔަ އޭޕްރިލް 13، ގައި ގެނެސްފައިވާ ކަމަށެވެ.
އެ ސިޓީގެ ކޮޕީއެއް މި ނޫހަށް ވަނީ ލިބިފަ އެވެ. ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުންގެ މެދުގައި ތަފާތުކޮށް، އެ ތަނުގެ ޕެޓީ ކޭޝް ބޭނުން ކުރަމުންދާ ކަމަށް އެ ސިޓީގައި ބުނެފައި ވަނީ ވާދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން، ތަހުނީން އަހުމަދު އާއި ޑެޕިއުޓީ މެނޭޖަރު، ޝާމިހު އަހުމަދު އެވެ.
"މި ތަން ހިންގުން ހަވާލު ކޮށްފައި މިތިބީ މި ދާއިރާގެ އެމްޕީ [މުހައްމަދު އަލީ] އާ ވަރަށް ގާތް ދެ މީހުން، އެ މީހުންގެ ބާރުގަދަ ކަމުން އެއްވެސް ފިޔަވަޅެއް އެމީހުންނަކަށް ނޭޅޭ. މި ހުރިހާ ކަމެއް މެނޭޖުމެންޓަށް ވެސް އެނގޭނެ. އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ ސިޓީގެ ކޮޕީއެއް ރައީސް އޮފީހަށް ވެސް ފޮނުވާފައި،" މި ނޫހާ ވާހަކަދެއްކި މީހާ ބުންޏެވެ.
ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުވި ސިޓީގައި ތަހުނީން އާއި ޝާމިހުއާ ގުޅޭ ވަރަށް ބައިވަރު ޝަކުވާތައް ކޮށްފައިވެ އެވެ. އެއީ:
މުވައްޒަފުންގެ މި ޝަކުވާތަކާ ގުޅިގެން މާޗު 17، ގައި ވާދޫއަށް ފެނަކައިގެ ޓީމެއް ގޮސް އެ މައްސަލަ ބަލައި ނަސޭހަތްތެރިވެފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ބުންޏެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ކުންފުނީގެ މެނޭޖުމެންޓުން އަޅާފައި ނުވާ ކަމަށް އެމީހުން ބުންޏެވެ.
ނަތީޖާއެއްގެ ގޮތުން މުވައްޒަފުންނަށް ބިރު ދެއްކުމާއި ކުރިން ދިމާވަމުން އައި ކަންކަން މިހާރު އިތުރު ހަރުފަތަކަށް ޖެހި، މަސައްކަތުގެ މާހައުލު ބިރުވެރިވެފައިވާކަން އެ މުވައްޒަފުން ފާހަގަކުރި އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން މިމަހު 4، ގައި އަނެއްކާވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަށް އެޑްރެސްކޮށް ވާދޫ ބްރާންޗުގެ މުވައްޒަފަކު ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގެ ކޮޕީއެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެ ރަށު ބްރާންޗުގެ މުވައްޒަފުންތަކެއްގެ ސޮއި އާއެކު ކުރިން ފޮނުވި ސިޓީއާ ގުޅިގެން އެ ރަށަށް ދިޔަ ޓީމުން ތަހުނީން އާއި ޝާމިހު އަށް ނަސޭހަތްތެރިވި ނަމަވެސް ޝަކުވާގެ ސިޓީ މެނޭޖުމެންޓަށް ފޮނުވީ ކޮން ފަރާތަކުންކަން މިހާރު އެ ދެމީހުންނަށް އެނގިފައިވާ ކަމަށެވެ.
އެހެންކަމުން އޮފީހުން ބޭރުގައި މުވައްޒަފުން ދައްކާ ވާހަކަތަކާ ގުޅިގެން ވެސް މުވައްޒަފުން ހާޒިރުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ފަހުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނެތް ބަޔަކާ ވާދޫ ބްރާންޗު ހިންގުން ހަވާލުކޮށްގެން ފެނަކައަށް ލިބެމުންދާ ގެއްލުމާމެދު އަޅުގަނޑު ނުހަނު ކަންބޮޑުވެ އެވެ، ދާއިރާގެ އެމްޕީގެ ގާތް ބަޔަކަށް ވީތީ މިހާރުގެ މެނޭޖުމެންޓުގައި ތަން ހިންގުމަކީ ފެނަކައަށް ލިބިގެންދާނެ ނުހަނު ބޮޑު ގެއްލުމެއް،" އެ ސިޓީގައި ބުނެފައިވެ އެވެ.
"ތަނަށް ލިބޭ ޕެޓީ ކޭޝް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާތީ އެ ވާހަކަ ދެއްކުމަކީ ކުށެއް ކަމަށް އަޅުގަނޑު ގަބޫލު ނުކުރަމެވެ، ގާތް މީހުންގެ އަތުން ބިލުތައް ގެނެސް މަސައްކަތްތައް ނުކޮށް ފެނަކަ ޕެޓީ ކޭޝްއިން ފައިސާ ނަގަމުން ދާތީ އަޅުގަނޑު ނުހަނު ކަންބޮޑުވަން."
ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ކުރާ ތުހުމަތުތަކާ ގުޅިގެން، އެ ތުހުމަތުތައް އަމާޒުވާ ތަހުނީންއަށް މި ނޫހުން ގުޅުމުން ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ދަންނަވާނެ އެއްޗެއް ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގެއް ނުކުރައްވަ އެވެ.
"އަޅުގަނޑަކަށް ނޭނގޭ އަސްލު ތިކަމާ ގުޅިގެން ބުނާނެ އެއްޗެއް،" ތަހުނީން ވިދާޅުވި އެވެ.
Comment