Advertisement

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި

އެލައިޑުގެ ކޮމިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލާން ހުޅުވާލި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެލައިޑް


އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސްގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކުރި ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލާން ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ.

އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ.

އެލައިޑުން ބުނީ ކޮމިއުނިޓީ ފަންޑަށް ކުރިމަތިލުން ޖޫން 10، ގެ ހަވީރު 16:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅު ހިޔާލު [email protected] އަށް އީމެއިލްކުރާ ހަތަރު ފަރާތަކަށް 50،000ރ. ގެ ފައިސާގެ އެހީ ދޭނެ ކަމަށެވެ.

ތައުލީމީ ނިޒާމް ހަރުދަނާކޮށް، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ އެލައިޑް އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުން ޖޫން 10، ގެ ހަވީރު 16:00 އަށް ހުޅުވާލާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅު ހިޔާލު [email protected] އަށް ހުށަހަޅާ އަށް ފަރާތަކަށް 25،000ރ. ގެ ފައިސާގެ އެހީ ދޭނެ ކަމަށް ވެސް އެލައިޑުން ބުންޏެވެ.

އެލައިޑުގެ ފަންޑިން ޕްރޮގްރާމްސްއަކީ ވަރަށް އުއްމީދާއި އެކު އެލައިޑުން ފަށާފައިވާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އެ ކުންފުނިން ބުނީ ފާއިތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލައި، މިފަހަރުގެ ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ މީހުންނަށް ވެސް އެ މުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުމެވެ.

އެހެންކަމުން އެ ޕްރޮގްރާމުތައް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ ޕްރޮގްރާމް ކުރިއަށް ގެންދަން ލިބުނު ހިތްވަރެއް ކަމަށް އެލައިޑުން ފާހަގަކުރެ އެވެ.

އެލައިޑުން 2018 ގައި ލޯންޗުކުރި "ޕްރިމިއަމް ފޯ ގުޑް" އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.

އެގޮތުން، ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގަ އާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.