Advertisement

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް ދަށަށް މޯލްޑިވްސް ބްލަޑް ސާވިސް ބަދަލުކުރަނީ

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --


މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް ދަށަށް މޯލްޑިވްސް ބްލަޑް ސާވިސް ބަދަލުކުރަނީ

ތެލެސީމިއާ ޕޭޝަންޓުން ދިން ހިޔާލާ އެއްގޮތަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލް ދަށަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލް ދަށަށް އެމްބީއެސް ބަދަލު ކުރުމުން ވަރަށް ގިނަ ފައިދާތަކެއް ޕޭޝަންޓުންނަށް ކުރާނެ ކަމަށެވެ.

"އަދި އަޅުގަނޑު ވިސްނާލާއިރުގައި ވެސް ވަރަށް މުހިންމު ކަމެއް. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މިތަން ބަދަލުވީމަ، ވަރަށްގިނަ ފައިދާތަކެއް އެބަކުރޭ އެ ކުދިންނަށް. އަދި ހިދުމަތްދޭ ފަރާތްތަކަށްވެސް، ހިދުމަތް ދިނުމުގައިވެސް ކުރިއެރުންތަކެއް އެބަ ލިބޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގިނަވެގެން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ތެލެސީމިއާ ސެންޓަރާއި އެމްބީއެސް ހިންގުމުގެ ކަންކަމާއި އަދި އަތޮޅުތަކުގައި ދޭ ހިދުމަތްތަކާ ވެސް ހަވާލުވާނެ ކަމަށެވެ.

މީގެއިތުރުން ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހުޅުމާލެއިން މިހާރު ދޭން ފަށާފައިވާއިރު، ހުޅުމާލޭގައި ހުރި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލެއިން ލޭ ހަދިޔާކުރަން ބޭނުންވާ މީހުންނަށް އައިޖީއެމްއެޗްގައި ލޭ ހާދިޔާކޮށް، އެ ހޮސްޕިޓަލު މެދުވެރިކޮށް ރައްކާތެރިކަމާ އެކު ހުޅުމާލޭގައި ހުންނަ ސެންޓަރަށް ފޯރުކޮށްދޭނެ ކަމަށެވެ.

ދިވެހި ސިފައިންނާއި ހަވާލުކޮށްގެން ހުޅުމާލެ އޮރެންޖު ހިޔާގައި ތަރައްގީކުރި ތެލެސީމިއާ ސެންޓަރުން މިއަދު ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ. މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރީ މާލޭގައި ހުންނަ ސެންޓަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުންނެވެ.