Advertisement

ލިވަޕޫލަށް ފީއެއް ދައްކާފައި ރެއާލުން އަަވަހަށް އާނޯލްޑްގެ ޑީލް ނިންމަނީ

6 މޭ 2025 - 16:54 0


ލިވަޕޫލަށް ފީއެއް ދައްކާފައި ރެއާލުން އަަވަހަށް އާނޯލްޑްގެ ޑީލް ނިންމަނީ

6 މޭ 2025 - 16:54 0

މެޑްރިޑް (މެއި 6) - އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑްގެ ޑީލް އަވަހަށް ނިންމަން ރެއާލް މެޑްރިޑުން ލިވަޕޫލަށް ފީއެއް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލާއެކު އާނޯލްޑް، 26، ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އާނޯލްޑް ވަނީ ޖޫން މަހު 30 ވަނަ ދުވަހާ ހަމައަށް އޮތް ކޮންޓްރެކްޓް ހަމަވުމުން ލިވަޕޫލް ދޫކޮށްލާނެކަން އެ ކްލަބަށް އަންގައިފަ އެވެ.

އާނޯލްޑް ސޮއިކުރަން ނިންމާފައިވާ ކަމަށް ބެލެވޭ ރެއާލުން އަންނަނީ އަންނަ މަހު އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ރެއާލްގެ ސްކޮޑުގައި އާނޯލްޑް ހިމަނަން މަސައްކަތް ފަށައިފަ އެެވެ. އެކަމަކު، ކްލަބް ވޯލްޑް ކަޕް ފަށާނީ އާނޯލްޑް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުއްޓައި ކަމަށްވާތީވެ، އޭގެ ކުރިން އޭނާ ރެއާލަށް ގެންދާނަމަ، ފީއެއް ދައްކަން ޖެހޭނެ އެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އަވަހަށް އާނޯލްޑްގެ ޑީލް ނިންމަން ރެެއާލުން އެއް މިލިއަން ޑޮލަރުގެ ފީއެއް ދޭން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ލިވަޕޫލްގެ އެކަޑަމީ ޓީމާ އުމުރުން ހަ އަހަރުގައި ގުޅުނު އާނޯލްޑް ވަނީ 2016 ވަނަ އަހަރު ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެދީފަ އެވެ. އާނޯލްޑް ވަނީ މިހާތަނަށް ލިވަޕޫލަށް 352 މެޗުން 23 ގޯލު ޖަހައިފަ އެވެ. އަދި، ބޮޑެތި މުބާރާތްތަކުގެ ކާމިޔާބީ އަށް ބަލާއިރު، އަށް ތަށި އުފުލާލި އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު ދެ ފަހަރާއި ޗެމްޕިއަންސް ލީގު ހިމެނެ އެވެ.

ރެއާލުން ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކުޅޭނީ އަންނަ މަހު 18 ވަނަ ދުވަހު، އޭޝިއާގެ ޗެމްޕިއަން، އަލް ހިލާލްއާ އެވެ. އަދި، ދެ ވަނަ މެޗުގައި، އަންނަ މަހު 22 ވަނަ ދުވަހު މެކްސިކޯގެ ޕަޗޫކާއާ ބައްދަލުކޮށް ގްރޫޕްގެ ފަހު މެޗުގައި، ރެޑްބުލް ސަލްޒްބާގާ ކުޅޭނީ އަންނަ މަހު 26 ވަނަ ދުވަހު އެވެ.