6 މޭ 2025 - 16:41 2
ލީވާން އަލީ ނާސިރު
މިފްކޯގެ ރަންދި 29 ބޯޓު: އެ ބޯޓު މިހާރު ވަނީ ގްރައުންޑުވެފައި -- ފޮޓޯ: މިފްކޯ
6 މޭ 2025 - 16:41 2
ކޫއްޑޫގައި އޮޕަރޭޓުކުރާ މިފްކޯގެ ބޯޓެއްގެ އިންޖީނަށް ދޯބުރާލި ހަކުރު އެޅި ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން ތަހުގީގު ކުރަން ފަށައިފި އެވެ.
އަދަދު އަށް އެކި މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި "ރަންދި 29" ނަމަކަށް ކިޔާ އެ ބޯޓުގެ އިންޖީނަށް ދޯބުރާލި ހަކުރު އަޅައި ގްރައުންޑުކޮށްލީ ބޯޓުގައި މަސައްކަތްކުރާ އިންޖިނިއަރެވެ.
ކޫއްޑޫގެ މިފްކޯ އޮޕަރޭޝަންސްއާ ހަވާލުވެގެން ހުންނެވި އަހުމަދު ރީހާން އަދަދު އަށް ވިދާޅުވީ ކޫއްޑޫގައި އޮޕަރޭޓްކުރާ ބޯޓަކަށް ދިމާވި މައްސަލަ އިންޓާނަލީ ތަހުގީގު ކުރަމުންދާ ކަމަށެވެ.
"އެބައުޅޭ ބޯޓެއްގެ މައްސަލައެއް ދިމާވެގެން. އިންޖިނިއަރިން ޑިޕާޓްމަންޓުން އެ މައްސަލަ ބަލަމުން އެދަނީ. އެމީހުން އެބަ ބަލާ ގްރައުންޑުވާން ދިމާވި މައްސަލަ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންނަށް އެ މައްސަލަ ހުށަހެޅިތޯ ސުވާލުކުރުމުން ރީހާން ވިދާޅުވީ އެ ކުންފުނި އެތެރޭގައި ހިނގާ ކަންކަމުގެ ތެރެއަށް ފުލުހުން ވައްދަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"ފުލުހުން މިކަމުގައި އިންވޯލްވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ދެއްތޯ. ކުންފުނީގެ އިންޓާނަލް ދިމާވާ މައްސަލަތައް ކުންފުނި އެތެރެއިން ހައްލުކުރެވޭނެ ދެއްތޯ. މީހަކު ކޮށްގެން އުޅޭ ކަމެއްތޯ ނޫނީ ދިމާވި މައްސަލައެއްތޯ،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ބޯޓުގެ އިންޖިނިއަރާ އަދަދު އިން ގުޅުމުން ދޯބުރާލި ހަކުރު އިންޖީނަށް އެޅިކަން ދޮގުނުކޮށް ބުނީ މައްސަލައިގެ ތަހުގީގު ނިމުމުން ވީގޮތް އެނގޭނެ ކަމަށެވެ.
"ތަހުގީގު މަރުހަލާ ކުރިއަށްދަނީ. ތަހުގީގު މަރުހަލާ ނިމުނީމަ މައުލޫމާތެއް ދެވޭނީ،" އޭނާ ބުންޏެވެ.
މި ނޫހަށް މައުލޫމާތު ދިން ކޫއްޑޫގެ މުވައްޒަފަކު ބުނީ ބޯޓު ގްރައުންޑުވި މައްސަލަ ނުފޫޒު ފޯރުވައިގެން ހިންދާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުލުހުންނަށް އެކަން ނޭންގީ ވެސް މައްސަލަ އިތުރަށް ކުރިއަށް ނުގެންދަންކަން ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ.
ދެކުނުގެ އެކި ރަށްތަކުން މަސް ގަންނަން ދަތުރުކުރާ މިފްކޯގެ ރަންދި 29 ބޯޓު ގްރައުންޑުވުމާ ގުޅިގެން އެ ރަށްތަކުން މަސް ވިއްކަން ސީދާ ކޫއްޑޫއަށް ދާން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
Comment