Advertisement

ފުލިދޫގެ ބިންތަކާއި ގުޅިގެން ކައުންސިލުގެ ނިންމުންތަކަށް ރައްޔިތުން ދެކޮޅު ހަދާތީ ބާތިލުކުރަނީ

ވ، ފުލިދޫ: ފުލިދޫއަކީ ގިނަ ގެސްޓުހައުސްތަކެއް ހުންނަ ރަށެއް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފުލިދޫގެ ބިންތަކާއި ގުޅިގެން ކައުންސިލުގެ ނިންމުންތަކަށް ރައްޔިތުން ދެކޮޅު ހަދާތީ ބާތިލުކުރަނީ

ވ. ފުލިދޫގެ ބިންތަކާއި ގުޅިގެން އެ ރަށު ކައުންސިލުން ނިންމި ނިންމުންތަކަށް ރައްޔިތުން ދެކޮޅު ހަދާތީ އެ ނިންމުންތައް ބާތިލުކުރަން ކައުންސިލުގެ ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން އެޖެންޑާކޮށްފި އެވެ.

ރައްޔިތުން ހިތްހަމަނުޖެހުނީ ފުލިދޫ ކައުންސިލުންް އެ ރަށުގެ ކައުންސިލް އިދާރާ ހިންގަމުންދިޔަ ބިން ކުއްޔަށް ދޭން ނިންމައި، ޕޮލިސް ސްޓޭޝަނެއް އެޅުމަށް 5،000 އަކަފޫޓުގެ ބިމެއް ކަނޑައަޅައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތެއް އެޅުމަށް 4،275 އަކަފޫޓުގެ ބިމެއް ކަނޑައަޅާތީ އެވެ.

މީގެ އިތުރުން ފުލިދޫގެ ފަތުރުވެރިންގެ ގޮނޑުދޮށް އަމިއްލަ ހަރަދުގައި ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށްފަހު އެ ބަޔަކާ ހަވާލުކޮށްގެން ގޮނޑުދޮށް ތަރައްގީ ކުރުމަށް ނިންމުމުން، އެކަމާ ވެސް ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒް އަދަދު އަށް ވިދާޅުވީ ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން ކައުންސިލުގެ ފަސް މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ތިން ނިންމުން ވެސް ބާތިލު ކުރުމަށް އަންނަ ބުރާސްފަތި ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

"އެ ތިން ކަންތައް ވެސް އަޅުގަނޑުމެން ހަމަ ބާތިލުކުރަން މިހާރު އެޖެންޑާ ކުރެވިފައިވާނީ. އެ ބައްދަލުވުމުން ނިމޭނީ އެކަން ކުރާނީތޯ ނުވަތަ ނޫންތޯ. ބައެއް މީހުންގެ ހުރި ކޮންސާންސްތަކާ އެކު އެޖެންޑާކުރީ،" އޭނާ ވިދާޅުވި އެވެ.

ފުލިދޫގައި ގެސްޓްހައުސް ވިޔަފާރިކުރާ މީހަކު މި ނޫހާ ވާހަކަދައްކަމުން ބުނީ ކައުންސިލުން ރައްޔިތުންނާ މަޝްވަރާކޮށްފައި ނުކުރާނެ ކަމަށް ބުނި ގިނަ ކަންކަން ކައިރިކައިރީގައި ކުރުމަށް ނިންމުމުން އެކަމާ ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި ފުލިދޫގެ ގޮނޑުދޮށް އަމިއްލަ ހަރަދުގައި ތަރައްގީކުރަން ބަޔަކާ ހަވާލުކޮށް، ކައުންސިލް ބިން ކުއްޔަށް ދޭން ނިންމާފައި ވަނީ ކައުންސިލަރުންނަށް މަންފާ ލިބޭ ގޮތަށް ކަމަށެވެ.

"ހުރިހާ ކަމެއް ވަގުތުން ވަގުތަށް ބާތިލުކޮށް ހުއްޓުވަން ޖެހޭ. ހުރިހާ ރައްޔިތުން ބުނަމުންދަނީ އެ ފަސް ބޭފުޅުން (ކައުންސިލަރުން) ބޭނުން ގޮތަކަށް ނުދެވޭނެއޭ. ހަމަ ވަގުތުން ވަގުތަށް ހުއްޓާލަންށޭ ޖެހޭނީ،" އޭނާ ބުންޏެވެ.

ފުލިދޫ ކައުންސިލުން ނިންމި ނިންމުންތައް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާތިލު ނުކޮށްފިނަމަ، އެ ރަށުގެ ރައްޔިތުން ދަނީ އިހުތިޖާޖު ކުރުމަށް ތައްޔާރުވަމުންނެވެ.

އާބާދީގައި 277 މީހުން ދިރިއުޅޭ ފުލިދޫގައި 20 އަށްވުރެ ގިނަ ގެސްޓުހައުސް ހިންގަމުންދެ އެވެ.