Advertisement

އެޕްރީލް މަހު ވޭޕު ޖޫރިމަނާއިން 192،000ރ. ހޯދައިފި

އާޓްވޯކް: އިސްމާއިލް އިމްދާދު


އެޕްރީލް މަހު ވޭޕު ޖޫރިމަނާއިން 192،000ރ. ހޯދައިފި

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ އޭޕްރިލް މަހު ވޭޕާއި ގުޅޭ މައްސަލަތަކުގައި 39 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ވޭޕާއި ގުޅޭ މައްސަލަތަކުގައި އޭޕްރިލް 1، އިން 30 ގެ ނިޔަލަށް 39 މީހަކު 192،500ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ކުރު މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށް ލިބޭނެ ކަމަށެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 15، އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.

ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު 15، އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.