Advertisement

ވޭޕަށްފަހު ރާއްޖެގައި ޝީޝާ ބޭންކުރަން ހިފާލައިފި

2 އޮކްޓޯބަރު 2025 - 12:02 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މީހަކު ޝީޝާ ބޮނީ: ޝީޝާ ބޭންކުރަން ގޮވާލީ މެޑިކަލް އެސޯސިއޭޝަނުން --- ފޮޓޯ: ކުރުނބާ މޯލްޑިވްސް


ވޭޕަށްފަހު ރާއްޖެގައި ޝީޝާ ބޭންކުރަން ހިފާލައިފި

2 އޮކްޓޯބަރު 2025 - 12:02 1

ރާއްޖޭގައި ވޭޕް ބޭންކުރުން މަނާކުރިތާ އަހަރެއް ފަހުން ރާއްޖެއަށް ޝީޝާ އަދި ޝީޝާ ބުއިމަށް ބޭނުންކުރާ ތަކެތި ވެއްދުން މަނާކުރުމުގެ މަސައްކަތް ފަށައި، އެކަމަށް ގޮވާލާ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބަޔާނެއް ނެރެފި އެވެ.

އެ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނުގައި ދުންފަތާއި ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔައި އެ ގާނޫނުތަކާއި ގަވާއިދުތައް މިހާރަށްވުރެ ހަރުކަށިކޮށް ތަންފީޒުކުރުމަށް ގޮވާލާފައިވެ އެވެ. އަދި، ދުންފަތާއި ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަން ހުށަހަޅާފައިވެ އެވެ.

އެގޮތުން، ރާއްޖެއަށް ޝީޝާ އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށް "ކޮމްޕްލީޓް ބޭން" އަކަށް ދިޔުމަށް ގޮވާލާފައިވެ އެވެ. ސަރުކާރުން ވޭޕް ބޭން ކުރުމުގެ ރަސްމީ މަސައްކަތް ފެށުމުގެ ކުރިން އެކަމަށް ގޮވާލި ބަޔާނެއް ވެސް މެޑިކަލް އެސޯސިއޭޝަނުން ނެރުނެވެ.

މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ބައެއް ރިސޯޓުތަކުގައި ވެސް ޝީޝާ ބޮއެވެ. ރިސޯޓުތަކުގެ އެކި ޕެކޭޖުތަކުގައި އަދި ރިސޯޓުތައް އިސްތިހާރު ކުރުމުގައި ޝީޝާ ބޭނުންކުރެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ކެފޭ، ރެސްޓޯރެންޓުތަކަކީ 100 ޕަސެންޓު ދުންފަތާއިދ ދުރު ތަންތަނަށް ހެދުމަށާއި ހަކުރު ހުންނަ ބުނުންތައް، ހާއްސަކޮށް އެނާޖީ ޑްރިންކުތަކުގެ އަގު ބޮޑުވާނެހެން ޑިއުޓީ ބޮޑުކުރުމަށް ވެސް ގޮވާލާފަިއވެ އެވެ.

ދުންފަތާއި ދެކޮޅަށް ހަރުކަށި، މަގުބޫލުކަން ދަށް ސިޔާސަތުތަކެއް މި ސަރުކާރުން ތަންފީޒުކުރަން ވަނީ ފަށާފަ އެވެ.

އޭގެ ތެރޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި ވޭޕް ބޭން ކުރުން ހިމެނެ އެވެ. މި ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ކުރިން ނެތް ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދި، ކޮލިޓީ ދަށް އެތައް ބްރޭންޑެއްގެ ސިނގިރޭޓު ވަގަށް އެތެރެކޮށް ދަނީ ވިއްކަމުންނެވެ. ވޭޕުގެ ކަޅު ބާޒާރު ވެސް ކުޑައެއް ނޫނެވެ.

މީގެ އިތުރުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ 2007 ގެ ފަހުން އުފަންވި، އަދި އުފަންވާ ހުރިހާ އެންމެންގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް މަނާކުރަން ނިންމާ އެކަމަށް ގާނޫނީ ބާރު ދީފަ އެވެ.

ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ރައީސް ކެބިނެޓަށް އެންގެވީ އޮކްޓޯބަރު 16، 2024، ގަ އެވެ. އެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވެސް ވަނީ ހަމަވެފަ އެވެ. އެ މާސްޓާޕްލޭން ހެދުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ދިން ސުންގަޑިއަކީ އޮކްޓޯބަރު 27، 2024، އެވެ.