Advertisement

ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ފޮނުވި ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު، ކޮމިޓީ މަސައްކަތް ކުރިއަށް ގެންދަން ފާސްކޮށްފި

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ތެރެއިން.


ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ފޮނުވި ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު، ކޮމިޓީ މަސައްކަތް ކުރިއަށް ގެންދަން ފާސްކޮށްފި

ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކި ކުރުމަށް ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވި ރިޕޯޓާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު އެ މައްސަލައިގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ޖުޑީޝަރީ ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު، އަޝްރަފް ރަޝީދު އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފޭދޫ އުތުރު ދައިރާގެ މެންބަރު، އިސްމާއިލް ނިޒާރު އެވެ.

އެ ހުށަހެޅުން ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ހަ މެންބަރުންގެ ވޯޓުންނެވެ. އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން، މައުރޫފް ޒާކިރު އާއި އިބްރާހިމް ނާޒިލް ވޯޓު ދެއްވީ އެ ހުށަހެޅުމާ ދެކޮޅަށެވެ.

މިއަދުގެ ބައްދަލުވުމުގައި ނާޒިލް ވެސް ހުށަހެޅުއްވުމެއް ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުމަށް މައުރޫފް ތާއީދު ވެސް ކުރެއްވި އެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓަށް ނޭހީ އަޝްރަފް ހުށަހެޅުއްވި ހުށަހެޅުން ފާސްވުމުންނެވެ.

ނާޒިލް ހުށަހެޅުއްވީ ފަނޑިޔާރުން ވަކި ކުރަން ނިންމައި މަޖިލީހަށް ޖޭއެސްސީން ފޮނުވި ލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ކުރާއިރު، ފަނޑިޔާރުންގެ މައްސަލަ ބެލި ކުޑަ ކޮމިޓީގެ ތިން މެންބަރުން ވެސް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

ޖޭއެސްސީގެ ކުޑަ ކޮމިޓީއިން ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ނިންމައި ތައްޔާރުކުރި ރިޕޯޓު ޖޭއެސްސީން ފާސްކުރީ އިއްޔެ އެވެ.

ފަނޑިިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ. އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންނެވެ.

މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ތުހުމަތު ކުރީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވި ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.

އެ ގޮތުން އަޒްމިރާލްދާގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ފޮނުވި ސިޓީގައި އޮތީ އެ ކޮމިޝަނުން ބަލަމުން ދަނީ، އޭނާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރާލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށެވެ. 

ނަމަވެސް މި މައްސަލައިގައި ޖޭއެސްސީގެ ކުޑަ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި އޮތީ، އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.

އޭގެ އިތުރުން މި މައްސަލައިގައި، ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް ވެސް ޖޭއެސްސީގެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ދިފާއުގައި ފަނޑިޔާރުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް އެ ކޮމިޓީން ނިންމި ސަބަބެއް ކަމަށް ބުނީ، އެ ހެކި ހުށަހެޅިޔަސް މައްސަލައިގައި ނިންމާފައިވާ ގޮތަށް ބަދަލެއް ނާންނާނެ ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ އިތުރުން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއާ ހުތުރުބަހުން ވާހަކަދެއްކެވިއިރު ފަނޑިޔާރު މަހާޒް އާއި އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރި އެވެ.