4 މޭ 2025 - 11:29 0
އަތޫފް އާތިފް
4 މޭ 2025 - 11:29 0
ގައުމީ މުބާރާތުގެ ފައިނަލުގައި ކްލަބް ވެމްކޯއާ ދެކޮޅަށް ޕޮލިސް ކްލަބުން މިރޭ ނުކުންނައިރު، ޕޮލިސް ކްލަބްގައި އަނިޔާގެ މައްސަލަ ގިނަ ކަމަށާއި، އެކަމަކު، ފައިނަލް ކާމިޔާބުކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މުނާ މުނީރު (މުންނަ) ބުނެފި އެވެ.
ގައުމީ މުބާރާތުގެ ފައިނަލުން ޕޮލިސް ކްލަބް ޖާގަ ހޯދީ ސެމީ ފައިނަލުގައި ރޭ ހުރާ ކޮމިއުނިޓީ ކްލަބްގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިގެންނެވެ.
މި ސީޒަނުގައި ޕޮލިހުން ވަނީ، ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެހެންވެ، މި ފަހަރުގެ އަންހެން ވޮލީ ސީޒަނުގައި ދެ ތަށި ހޯދުމުގެ ފުރުސަތު ޕޮލިހަށް އެބައޮތެވެ.
"އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން މުނާ ބުނީ، ކައިރިކައިރީގައި މެޗު ކުޅެން ޖެހުމުން އޭގެ އަސަރު ޓީމަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ. އެކަމަކު، ފައިނަލް މެޗަށް ޓީމުން ނުކުންނާނީ އިތުރު ހިތްވަރަކާއެކު ތަށި ނަގަން ކަމަށް މުނާ ބުންޏެވެ.
"މިހާރު ޖައްސަޖައްސައިގެން ވަރަށް ބައިވަރު މެޗު ކުޅެން ޖެހުނީމަ އަޅުގަނޑުމެންގެ ކުޅުންތެރިން މިތިބީ ވަރަށް ބޮޑަށް ޓަޔާޑް ވެފައި (ވަރުބަލިވެފައި). ވަރަށް ބޮޑަށް އިންޖަރީވެފައި (އަނިޔާވެފައި). އެކަމަކު މާދަން (މިރޭ) މިއީ އެންމެ ފަހު މެޗު، ފައިނަލް މެޗުވީމައާ އެކު އަޅުގަނޑުމެން ތަށި ނަގަން ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅުކޮށްގެން ނުކުންނާނީ، ހަމަ އިންޝާ الله، ވަރަށް ވަރުގަދަ އަށް ތަށި ނެގުމުގެ އުންމީދުގައި" މުނާ ބުންޏެވެ.
މުނާ ބުނީ ފައިނަލަށް ރެސްޓެއް ނުލިބި ނުކުންނަން ޖެހުން އެއީ ޓީމަށް ލިބޭ ވަރަށް ބޮޑު ޕްރެޝަރެއް ކަމަށެވެ. އެކަމަކު، ފައިނަލަށް ނުކުންނާނީ ވަރުބަލިކަން ނުދައްކާ ކުޅެން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ގައުމީ ފައިނަލަށް ޕޮލިސް ކްލަބުން ނުކުންނައިރު، އެ ޓީމުގެ ޒުވާން ތަރި ޝަހާ ޝާމިން ޓީމާ ގުޅުން އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށާއި، ޝަހާގެ ބޭނުން ފައިނަލުގައި ވަރަށް ބޮޑަށް ހިފޭނެ ކަމަށް މުނާ ވަނީ ބުނެފަ އެވެ.
މި ފަހަރުގެ އެސޯސިއޭޝަން ކަޕް ކާމިޔާބުކުރި، ވެމްކޯ އިން ގައުމީ ފައިނަލަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ ގައުމީ ތަށި ވެމްކޯ އިން ހޯދީ ޕޮލިސް ބަލިކޮށްފަ އެވެ.
Comment