Advertisement

ސިފައިން ގައުމީ ވޮލީ މުބާރާތް މިލްކުކޮށް އަނެއްކާ ވެސް ރެކޯޑެއް

14 ޖުލައި 2025 - 22:37 0

ގައުމީ ތަށްޓާ އެކު ސިފައިން އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ސިފައިން ގައުމީ ވޮލީ މުބާރާތް މިލްކުކޮށް އަނެއްކާ ވެސް ރެކޯޑެއް

14 ޖުލައި 2025 - 22:37 0

ސީދާ ތިން ސެޓުން ކްލަބް އެޗްޑީސީ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި މިލްކުކޮށް، ސީޒަނުގެ ތިން މުބާރާތް ދެ ވަނަ ފަހަރަށް ހޯދި ހަމައެކަނި ޓީމުގެ ރެކޯޑް ހަދައިފި އެވެ.

މީގެ ކުރިން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ހަދާފައިވަނީ 2010 ވަނަ އަހަރު ސިފައިންނާއި، 2022 ވަނަ އަހަރު ސްޕޯޓްސް ކްލަބް ސިޓީންނެވެ.

މިދިޔަ ސީޒަނުގައި އެޗްޑީސީން ތިން މުބާރާތް ކާމިޔާބުކުރަން ނުކުުތުމުން، ސިފައިން ވަނީ ގައުމީ ފައިނަލުގައި އެ ޓީމު ބަލިކޮށް، ތަށި ދިފާއުކޮށްފަ އެވެ. މި ފަހަރު ސިފައިން މި ވަނީ، ގައުމީ ފައިނަލުގައި އެޗްޑީސީ ބަލިކޮށް، ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު ފައިނަލުގައި، ސިފައިން ވަނީ އެޗްޑީސީ އަށް ސެޓެއް ވެސް ނުދީ ސީދާ ތިން ސެޓުން މޮޅުވެ، ޗެމްޕިއަންކަން ހޯދައިފަ އެވެ. ސިފައިން ފުރަތަމަ ސެޓު ގެންދިޔައީ، 25-21 އިންނެވެ. ދެ ވަނަ ސެޓުގައި ސިފައިން ބޮޑު ލީޑެއްގައި އޮވެގެން ކުޅެލިއިރު، މާ ބޮޑު އުނދަގުލެއް ނެތި، 25-14 އިން ދެ ވަނަ ސެޓު ގެންގޮސްފަ އެވެ.

އެޗްޑީސީން ތިން ވަނަ ސެޓުގައި ކޮންމެ ވެސް ވަރަކަށް ކުޅުން ރަނގަޅުކުރި އެވެ. އަދި، ސެޓުގެ ފަހުކޮޅާ ހަމައަށް ދަންދެން، ހިތްވަރު ދެއްކި ނަމަވެސް، ސިފައިންގެ ރޫހަށް ބަދަލެއް ނާދެ އެވެ. ތިން ވަނަ ސެޓު، 26-24 އިން ގެންގޮސް ސިފައިން ޗެމްޕިއަންކަން ހޯދީ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބިފައިވަނީ، ސިފައިންގެ ޓީމުގެ ހުސައިން ރަޒާން އާއި ހުސެއިން ޝާހިދު (ޝާޑު) އަދި އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަށެވެ. އެންމެ މޮޅު ކޯޗަކީ، ސިފައިންގެ ޓީމުގެ ޖުނައިދު އަބްދުﷲ (މާމަ) އެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަަަކަށް ހޮވިފައިވަނީ، މި މުބާރާތަށް ސިފައިންގެ ޓީމުން ގެނައި އިންޑިއާގެ ޗިރާގު ޔާދަވް އެވެ. ޗިރާގު ގެނައީ ސިފައިންގެ ޓީމުން ފުރަތަމަ ގެނައި ޕާކިސްތާންގެ ހަމަދަށް އަނިޔާވުމުންނެވެ. އެޗްޑީސީގެ ޖިރާލްޑޯ އާއި ސިފައިންގެ ލުއިޒް އަށް ވެސް ވަނީ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ލިބިފަ އެވެ.