Advertisement

ތިނަދޫގައި އެއާޕޯޓު ނާޅައި، ކާޑެއްދޫ އާއި ތިނަދޫ ބްރިޖަކުން ގުޅާލަނީ


ތިނަދޫގައި އެއާޕޯޓު ނާޅައި، ކާޑެއްދޫ އާއި ތިނަދޫ ބްރިޖަކުން ގުޅާލަނީ

ގދ. ތިނަދޫގައި އެއާޕޯޓު ނާޅައި، މިހާރު އެއާޕޯޓެއް އޮންނަ އެ އަތޮޅު ކަޑެއްދޫ އާއި ތިނަދޫ ބްރިޖަކުން ގުޅާލާ ގޮތަށް ޕްލޭންތައް ބަދަލުވެއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލްކޮށް، ކާޑެއްދޫ އާއި ތިނަދޫ ގުޅާލުމަށް ނިންމައި، އެއްބަސްވުމެއްގައި ސޮއިކުރުމާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

"ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތުގައި ތަރައްގީ ކުރުމާ އެކީގައި، ކާޑެއްދޫ އާއި ތިނަދޫއާ ގުޅާލާ ބްރިޖެއް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހި، މިހާރު އެކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމާ ހަމައަށް ދާ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

ތިނަދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ފެބްރުއަރީ، 2024، ގައި ހަވާލުކުރީ ޕޭން ޕެސިފިކް ކިޔާ ތައިލެންޑު ކުންފުންޏަކާ އެވެ. މި ކުންފުނީގެ ފަސްފަހަަތް އަދަދު އިން ބެލިއިރު މިއީ ވިޔަފާރީގެ ސްކޭމްތައް ހިންގަމުން އަންނަ ކަމަށް ތުހުމަތުކުރެވޭ ޕޭޕާ ކުންފުންޏެއް ކަމަށް ވަނީ ދެނެގަނެވިފަ އެވެ.

ޕޭން ޕެސިފިކުގެ ނަމުގައި ހަރަކާތްތެރިވާ އިންވެސްޓަރު، ޖިރާތު ޕެތުނުންތަވޮންގު ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް ހިނގާ ގޮތް ބެލުމަށް މިދިޔަ އަހަރުގެ އޭޕްރިލްގައި ތެރޭގައި އެ ރަށަށް ވެސް ދިޔަ އެވެ. އޭނާގެ މި ދަތުރާ ބެހޭ އިތުރު ތަފުސީލެއް ނުލިބުނެވެ.

މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރި ދުވަސްވަރު ސޮއިކުރި މި ޕްރޮޖެކްޓަށް ވީގޮތުގެ އެއްވެސް މައުލޫމާތެއް ރައީސް މިއަދު ހިއްސާނުކުރައްވަ އެވެ. އަދި ތިނަދޫގައި އެއާޕޯޓެއް ނާޅާ ބްރިޖަކުން ގުޅާލާ ވާހަކަ ވެސް ދެއްކެވީ އެއާޕޯޓާ ގުޅޭ ސުވާލު އަމާޒު ކުރުމުންނެވެ. މީގެ ކުރިން ސަރުކާރުގެ އެއްވެސް މަސްދަރަކުން އެއާޕޯޓު ނާޅާ ގޮތަށް ނިންމާފައިވާ ކަމަށް ނުބުނެ އެވެ.

ޕޭން ޕެސިފިކާ ބެހޭ ގޮތުން ކުރި ތަހުގީގުން އެނގުނު ގޮތުން 600 މިލިއަން ޑޮލަރުގެ ތިނަދޫ އެއާޕޯޓު މަޝްރޫއު ހިންގަން ހަވާލުކުރީ، އެވަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގާފައިވާ އަދި ހިންގޭނެ ވަރުގެ މާލީ ގާބިލުކަން އެ ކުންފުނީގައި ނެތީހެވެ. އެ ކުންފުނީގެ ރެކޯޑުތަކުން ދައްކަނީ އެއީ އަންނައުނު ވިއްކާ ކުންފުންޏެއް ކަމަށެވެ. ނަމަވެސް މި ވިޔަފާރި ވެސް ކުރާ ކަމަށް އޮތީ ހަމައެކަނި ކަރުދާހުގަ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ކާޑެއްދޫ އާއި ތިނަދޫއާ އޮންނަނީ އެންމެ ތިން ކިލޯމީޓަރުގެ ރާސްތާއެކެވެ. އެ އެއާޕޯޓު ހިންގަނީ ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިލާ ކުންފުނިންނެވެ.

ކާޑެއްދޫ އެއާޕޯޓުގެ ހިދުމަތްތަކާއި ވަސީލަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި، ވިލާ ކުންފުނިން ބުނެފައިވަނީ ތިނަދޫގައި އެއާޕޯޓެއް އަޅަން ނިންމުމާ ގުޅިގެން އެ ކުންފުންޏަށް އެއާޕޯޓު ތަރައްގީކުރަން ފައިނޭންސިން ހޯދުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.