3 މޭ 2025 - 14:19 0
ލީވާން އަލީ ނާސިރު
ކެބިނެޓު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ވަދެވަޑައިގަންނަވަނީ: މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ ސިއްރުކޮށްފައި --- ފޮޓޯ: ރައީސް އޮފީސް
3 މޭ 2025 - 14:19 0
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް، އެ މުވައްޒަފުންނަށް ބަޖެޓުން ހަރަދުކުރާވަރު ގަނޫނުގައި ބަޔާން ކުރުމަށް އިސްލާހު ހުށަހަޅާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުތަކަށް ގެންނަ ބަދަލުގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ކަނޑައަޅާ ގޮތަކަށް ގާނޫނު ބަދަލުކޮށް، ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލް މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ބަދަލުކުރުން ހިމެނޭ ކަމަށެވެ.
"ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވޭނީ ގިނަވެގެން ކިހާ މިންވަރެއްކަން ގާނޫނުގައި ބަޔާންކުރުން. އެންމެ ގިނަވެގެން އައްޔަންކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު، މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނު ބަދަލުކުރުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ބަދަލުކުރުން އެހެންވީމަ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމުތައް އައްޔަންކުރުން، ވަކިކުރުން ލާގޮތަށް."
ނޮވެމްބަރު 17، 2023 ގައި މި ވެރިކަން ފެށުނީއްސުރެ ސަރުކާރުން އައްޔަންކޮށްފައިވާ ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 3،000 އަށް ވުރެ މައްޗެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 400 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ. ފިނޭންސް މިނިސްޓްރީން މާޗު 20، އާ ހަމައަށް ކުރި ހަރަދާއި ލިބުނު އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 2.2 ބިލިއަނެވެ. މިއީ ޖުމްލަ 404 މިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދު ވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިޔާސީ މުވައްޒަފުންނަށް ސަރުކާރުގެ ބަޖެޓުން ހަރަދު ކުރަނީ މަހަކު 23 މިލިއަން ރުފިޔާއަށް ކަމަށެވެ.
Comment