3 މޭ 2025 - 12:30 2
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު: ރިކޯލް ވޯޓަކުން މެންބަރުން ވަކިކުރެވޭނެ ނިޒާމެއް ތައާރަފްކުރާނެ ކަމަށް ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވާފައި -- ފޮޓޯ: އަދަދު ފައިލް
3 މޭ 2025 - 12:30 2
ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފިޔަވައި އެހެން ހުރިހާ އިންތިހާބީ މަގާމުތަކެއްގެ ރިކޯލް ވޯޓެއް ނަގައި ވަކިކުރެވޭނެ ނިޒާމެއް ތައާރަފު ކުރަން ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅުއްވަނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ރިކޯލް ވޯޓުގެ ނިޒާމުގެ ތެރެއިން އެ ދާއިރާއެއްގެ އިންތިހާބީ މަގާމެއްގައި ހުރި ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް ފާސްވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށެވެ.
"ރިކޯލް ވޯޓެއް ނަގައި ވަކިކުރަން ފާސްވެއްޖެނަމަ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފްކުރުން. އޭގެ ތެރޭގައި ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ހުރިހާ އެންމެން ހިމެނޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު އޮތް ގޮތުން އިންތިހާބީ މަގާމުތަކަށް ހޮވޭ ބޭފުޅުން މިހާރު ވަކިކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ. އެގޮތުން ރިކޯލް ވޯޓުގެ ސަބަބުން ރައްޔިތުންނަށް ބާރު ލިބި އިންތިހާބީ މަގާމުތަކަށް ހޮވޭ ބޭފުޅުން ވަކި ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ދާއިރާއަކުން އެމީހާއަށް ވޯޓުލީ ކޮންސްޓިޓިއުއެންސީއަށް ގޮސް ރިކޯލް ވޯޓަކުން ފާސްވެއްޖެއްޔާ އޭނާ ވަކިކުރެވޭނެ ގޮތް އޮންނަން ޖެހޭ. ޑިމޮކްރެޓިކް ނަމަ. އެއީ ރައްޔިތުންނަށް ބާރު ދިނުމަކީ. ރައްޔިތުން އޭނަ ހޮވީ. އެހެންވީމަ ރައްޔިތުން ބޭނުންވެއްޖެއްޔާ ވަކިކުރެވެން ވެސް ޖެހޭނެ ނޫންތޯ ދައުރުގެ މެދުތެރެއިން ވިޔަސް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ވޯޓު ލެވޭ އާބާދީގެ ހުރިހާ ރައްޔިތުން ވޯޓު ލައިގެން ހޮވާ މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމަށްވާއިރު އެ މަގާމާ ގުޅޭ ރިކޯލް ވޯޓެއްގެ ވާހަކަ ރައީސް މުއިއްޒު ހިއްސާނުކުރައްވަ އެވެ.
މި ސަރުކާރުން ވަނީ 10 ވަރަކަށް ގަޑިއިރު ތެރޭގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް، އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވެ، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ވަނީ ފާސްކޮށްފަ އެވެ.
މި ދައުރުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާއި، ރިޔާސީ އިންތިހާބު "ޕްރިފަރެންޝަލް ވޯޓިން" ނިޒާމަށް ބަދަލުކޮށް، އިންތިހާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ހަމަޖައްސައި، މަޖިލިސް މެންބަރުންގެ އަދަދު އިތުރު ނުވާގޮތަށް 93 މެންބަރުންނާ ހިފަހައްޓަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން އަތޮޅު ކައުންސިލްތައް އުވާލުމަކީ ވެސް ރައީސް މުއިއްޒުގެ ވިސްނުން ކަމަށް ވަނީ ހާމަކުރައްވާފަ އެވެ.
Comment