1 މޭ 2025 - 20:32 1
ލީވާން އަލީ ނާސިރު
އައިޖީއެމްއެޗްގައި ތުއްތު ކުއްޖަކަށް ފަރުވާދެނީ: އެ ހޮސްޕިޓަލުގެ އެންއައިސީޔޫ އިން ޖަރާސީމު ފެނުނު ފަސް ކުދިންގެ ތެރެއިން ދެ ކުދިން ވަރަށް ބަލި ކަމަށް ހޮސްޕިޓަލުން ބުނޭ -- ފޮޓޯ: ޑރ. ފައިސަލް
1 މޭ 2025 - 20:32 1
އައިޖީއެމް ހޮސްޕިޓަލުގެ ނިއޮނަޓަލް އިންޓެންސިވް ކެއާ ޔުނިޓު (އެންއައިސީޔޫ) އިން ނުރައްކާތެރި ޖަރާސީމެއް ފެނިގެން ފަރުވާ ދެމުންދާ ފަސް ކުދިންގެ ތެރެއިން ދެ ކުދިން ވަރަށް ބަލި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޕީޑިއޮޓްރިކް އިންފެކްޝަންގެ ސަބް ސްޕެޝަލިސްޓް ޑރ. ނަޒްލާ މުސްތަފާ އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޖަރާސީމު ފެނުނު ފަސް ކުދިންގެ ތެރެއިން ހަތަރު ކުދިންނަކީ ދުވަސް ނުފުރާ ވިހެއި ކުދިން ކަމަށެވެ. އޭގެ ތެރެއިން ދެ ކުދިން ވަރަށް ބަލިވެ ބޭރަށް ވެސް ފޮނުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ މައުލޫމާތު ދެއްވި އެވެ.
"މިވަގުތު ދެ ކުދިން ވަރަށް ބަލިކޮށް އުޅެނީ މި ފަސް ކުދިން ތެރެއިން. އެންއައިސީޔޫގައި ފަސް ކުދިންނަށް ވެސް ފަރުވާ ދެމުން ދަނީ. ދެން ބޭރަށް ފޮނުވޭތޯ އެބަ އުޅޭ ކުދިން،" އޭނާ ވިދާޅުވި އެވެ.
"މި ކުދިންނަކީ ވެސް އެކި ކަންތައް ހުރި ކުދިން ދެއްތޯ. ޕްރީޓާމްސް އާއި އެކްސްޓްރީމް ޕްރީޓަމާސް ހުރި ކުދިން. އެހެންވީމައާ އެކީގައި ބޭރަށް ފޮނުވަނީ."
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މާޗު 27، ގައި އެ ޖަރާސީމު ކުއްޖެއް ގައިން ފެނުނު ވަގުތު އެ ކުއްޖާ އެކަހެރިކޮށް ފަރުވާ ދިނުމުގެ މަސައްކަތް ފެށި ކަމަށެވެ.
ނަމަވެސް އެ ޖަރާސީމު އެންއައިސީޔޫގައި ފެތުރި އޭޕްރިލް 10، އާއި 15 އާ ދޭތެރޭގައި އިތުރު ހަތަރު ކުއްޖަކު ޕޮޒިޓިވްވި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ނަމަވެސް އެއަށްފަހު އެ ޖަރާސީމަށް އެއްވެސް ކުއްޖަކު ޕޮޒިޓިވް ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް އައިޑެންޓިފައިވީ މާޗު 27، ގައި ކަލްޗާ ރިޕޯޓު ލިބުނީމަ ދެއްތޯ، 27 ގައި އަޅުގަނޑުމެންނަށް އައިޑެންޓިފައިވީ. ދެން އެ ކުއްޖާގެ އިނީޝަލް ކަލްޗާއިން ކަލްޗާ އައި އިރު އިނީ ސެންސެޓިވްކޮށް އިނީޝަލް އެންޓިބައޮޓިކްސްއަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އެ ބޭބީ އައިސޮލޭޝަންއަށް ލާފައި ސެޕެރޭޓްކުރީ. ދެން ދެ ހަފްތާ ފަހުން ދެން ޕޮޒިޓިވްވި ކުދިން ޕޮޒިޓިވްވީ 10 އާއި 15 ދޭތެރޭގައި އެޕްރީލްގައި. ދެން އޭގެ ފަހުންނެއް ޕޮޒިޓިވްއެއް ނުވޭ."
ފުރަތަމަ ކޭސް ފެނުނު ފަހުން މިއަދާ ހިސާބަށް އެންއައިސީޔޫއިން ޖުމްލަ 84 ކުދިން ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. އަދި މިއީ މިފަދަ ނުރައްކާތެރި ޖަރާސީމެއް އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފަހުގެ ތާރީހެއްގައި ފެތުރުނު ފުރަތަމަ ފަހަރެވެ.
އައިޖީއެމްއެޗް އިން ވަނީ އެންއައިސީޔޫ ގައި ފެތުރެމުންދިޔަ އެމްއާރުޑީއޯ މިހާރު އެއްކޮށް ކޮންޓްރޯލްކޮށްފައިވާ ކަމުގެ ޔަގީންކަން ދީފަ އެވެ.
ކްރިޓިކަލް ފަރުވާ ދޭ ސަރަހައްދުތަކުން މިފަދަ ޖަރާސީމު ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ. އެމްއާރުޑީއޯ އަކީ ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެކެވެ. މިފަދަ ބެކްޓީރިއާ މަރާލުމަށް ދޭން ޖެހެނީ ވަރަށް ބާރުގަދަ އެންޓި ބައޮޓިކެވެ.
Comment