Advertisement

ހިޔާވެހި ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މާލޭގެ އިމާރާތެއްގެ މަސައްކަތް ކުރިއަށް ދަނީ: ހިޔާވެހި ލޯން ސްކީމަކީ ތިން ކެޓެގަރީއަށް ބަހާލައިގެން ކުރިއަށް ގެންދާ ސްކީމެއް -- ފޮޓޯ: އަދަދު ފައިލް


ހިޔާވެހި ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސެންޓުގެ އިންޓުރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ހިޔާވެހި ފައިނޭންސިން ޕްރޮގުރާމުގެ ދަށުން ދޫކުރާ އިސްލާމިކް ފެސިލިޓީއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހިޔާވެހި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ އަހަރުގެ ނޮވެމްބަރު 8، ގަ އެވެ. އެ ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައި ވަނީ މި މަހުގެ ނިޔަލަށެވެ. ލޯނަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅޭނީ ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ދޫކުރާ ހިޔާވެހި ލޯން ސްކީމަކީ ތިން ކެޓެގަރީއަށް ބަހާލައިގެން ކުރިއަށް ގެންދާ ސްކީމެކެވެ.

ހިޔާވެހި ރަށްވެހި (ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ އެއް މިލިއަން
  • އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ
  • ނޮމިނަލް ކޮންޓްރިބިއުޝަނެއްގެ ގޮތުގައި މިނިސްޓަރީން އާންމު ކުރާ ރަސްމީ އަގުތަކާ އެއްގޮތަށް ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ނެގޭނެ

ހިޔާވެހި ސަހަރު (އާބަން ސެންޓަރުތަކަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ ތިން މިލިއަން
  • ފަސް ޕަސެންޓުގެ އިކުއިޓީއެއް ދައްކަންޖެހޭނެ
  • މި ވަސީލަތްތަކަކީ ހުސް ބިމެއްގައި އިމާރާތް އަޅަން ނުވަތަ ނުނިމި ހުރި އިމާރާތެއް އެއްކޮށް ނިންމުމަށް ނުވަތަ ބާވެފައިވާ އިމާރާތެއް މަރާމާތު ކުރުމަށް ހަމަޖައްސާ ފައިސާ ކަމަށް ވާތީ ދޫކުރެވޭ ޖުމުލަ އަދަދުން މަޝްރޫއު އެއްކޮށް ނިންމޭވަރު ވާންޖެހޭނެ

ހިޔާވެހި ފުރަމާލެ (މާލެ ސަރަހައްދަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ ހަ މިލިއަން
  • 10 ޕަސެންޓުގެ އިކުއިޓީއެއް ދައްކަން ޖެހޭނެ
  • ކުދިން ބިންކޮޅުތަކެއް އެއްކޮށްލައިގެން އިމާރާތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ފުރަމާލެއަށް ދޫކުރާ ލޯނު ދިނުމުގައި އިސްކަން ދެވޭނެ
  • އެގޮތުން އެއް ކުރެވޭނީ 600 އަކަފޫޓަށް ވުރެ ކުދި ބިން
  • އެފަދަ ފަރާތްތަކަށް ހަ މިލިއަން ރުފިޔާގެ އިތުރުން އެއްކުރެވޭ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ އިތުރު ކުރެވޭނެ، ނަމަވެސް މި އުސޫލުން އެންމެ ބޮޑުވެގެން ދޫކުރެވޭނީ 10 މިލިއަން ރުފިޔާ އާ ހަމައަށް

އޭގެ ކޮންމެ ކެޓެގަރީއެއްގެ ދަށުން ދޫކުރާ ލޯނުގެ އަދަދު ތަފާތުވުމުގެ އިތުރުން ދައްކަންޖެހޭ އަގު ވެސް ތަފާތެވެ. އެ ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ.

ހިޔާވެހި ސްކީމުގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރުމަށް ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދެއް ވަނީ މި އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފަ އެވެ.