30 އޭޕްރީލް 2025 - 15:20 0
ލީވާން އަލީ ނާސިރު
30 އޭޕްރީލް 2025 - 15:20 0
ވިލާ ކޮލެޖުން ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއިން ލިބެން ހުރި ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު އައު ޕްރޮގްރާމްތަކެއް ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ އިގްތިސާދާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތަކާއި ހާއްސަ ދާއިރާތަކަށް އަމާޒުކޮށް ފަރުމާ ކޮށްފައިވާ ވިލާ ކޮލެޖުގެ އެ ޕްރޮގްރާމުތަކުގެ ތެރޭގައި މާސްޓާސް ލެވެލްގެ ޕްރޮގްރާމަކާއި، ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސް ޕްރޮޖެކްޓްގެ ދަށުން ގިނަ އަދަދެއްގެ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ތައާރަފްކޮށްފައިވެ އެވެ.
މީގެއިތުރުން ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމުގެ ދަށުން ހޮސްޕިޓާލިޓީ ދާއިރާއާ ގުޅުންހުރި ދެ ކޯހެއް ވެސް ވިލާ ކޮލެޖުން ވަނީ ތައާރަފްކޮށްފަ އެވެ.
މާސްޓާ އޮފް ސައިންސް އިން އޭވިއޭޝަން މެނޭޖްމަންޓް ޕްރޮގްރާމަކީ ރާއްޖޭގެ އޭވިއޭޝަން ބާޒާރުގައި ލީޑާޝިޕް މަގާމުތަކަށް އަމާޒުކޮށްގެން، އޭވިއޭޝަން ދާއިރާގެ ފަންނީ މީހުންނަށް ބޭނުންވާ ހުނަރުތައް ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުން ދަރިވަރުންނަށް އޭވިއޭޝަންގެ ފުޅާ ދާއިރާއެއްގެ މައުލޫމާތު، އިންޑަސްޓްރީގެ ގަވާއިދުތައް، އަދި މެނޭޖްމަންޓްގެ އުސޫލުތައް، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ހާއްސަ ހާލަތުތަކަށް އިސްކަން ދީގެން ދަސްކޮށްދެ އެވެ.
މި ކޯހުގައި އެއާޕޯޓް އަދި އެއާލައިން މެނޭޖްމަންޓް، އޭވިއޭޝަންގެ ސަލާމަތީ ކަންތައްތައް، އަދި ދެމެހެއްޓެނިވި އުސޫލުތައް ފަދަ މުހިންމު މައުލޫމާތު ހިމެނެ އެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދުތަކަކީ އޭވިއޭޝަން އޮޕަރޭޝަންސް، މެނޭޖްމަންޓް، އަދި ގަވާއިދުތައް ރާއްޖެއަށް ހާއްސަކޮށް ފުޅާ ދާއިރާއެއްގައި ދަސްކޮށްދީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ލީޑާޝިޕް އަދި މެނޭޖްމަންޓް މަގާމުތަކަށް ދަރިވަރުން ތައްޔާރުކުރުމެވެ.
އޭވިއޭޝަން ދާއިރާގެ މަސަތްކަތުގެ މާހައުލުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ކްރިޓިކަލް ތިންކިން އަދި ޕްރޮބްލަމް ސޮލްވިން ހުނަރު ތަރައްގީކޮށް، ރާއްޖެއާ ގުޅުންހުރި ދެމެހެއްޓެނިވި އޭވިއޭޝަން އުސޫލުތަކުގެ ވަރުގަދަ ބިންގަލެއް އެޅުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ލަނޑުދަނޑިއެކެވެ.
މި ޕްރޮގްރާމުން ދާއިރާގެ ތަޖުރިބާކާރުންގެ ލެކްޗާތައް، ކޭސް ސްޓަޑީޒް، އަދި ކެޕްސްޓޯން ޕްރޮޖެކްޓެއް މެދުވެރިކޮށް ދަރިވަރުންނަށް މި ދާއިރާގައި މަސަތްކަތް ކުރާއިރު ދިމާވެދާނެ ކަންކަމާއި ކުރިމަތިލުމަށް ބޭނުންވާނެ މައުލޫމާތާއި ހުނަރު ލިބިގެންދާނެ އެވެ.
މި ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މަންޓާ އެއާ، މޯލްޑިވިއަން، އަދި ރީޖިނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް ފަދަ ދިވެހި ކުންފުނިތަކުގައި ލީޑާޝިޕް އަދި މެނޭޖްމަންޓް މަގާމުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ.
މި ޕްރޮގްރާމްގެ ހުރިހާ މޮޑިއުލްތަކަކީވެސް އޭވިއޭޝަން ސެކްޓަރަށް ޚާއްސަ މޮޑިއުލްތަކެއް ކަމަށާއި، ސްޓްރެޓީޖިކް މެނޭޖްމަންޓް ސިމިއުލޭޝަންތައް މެދުވެރިކޮށް ކިޔަވައިދެވޭނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ. އަދި ޕްރޮގްރާމްގެ އެއްބަޔަކީ އެޕްލައިޑް ރިސާޗް ޕްރޮޖެކްޓް އިން އޭވިއޭޝަން މެނޭޖްމަންޓްގެ ކެޕްސްޓޯން ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ތަފާތު ސަރަހައްދުތަކަށް އަމާޒުކޮށްގެން ހިލޭ ބައިވެރިވެވޭ (ފުލީ ސްޕޮންސާޑް) ތަފާތު ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ތައާރަފްކޮށްފަ އެވެ.
މި ކޯސްތައް ހިންގަނީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާ ގުޅިގެން، ވޯލްޑް ބޭންކުން ފައިނޭންސްކުރާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސަސް ޕްރޮޖެކްޓްގެ ދަށުންނެވެ.
މި ކޯސްތަކުގެ ތެރޭގައި އެކުއެޓިކް ރެކްރިއޭޝަން، ގެސްޓް ހައުސް އޮޕަރޭޝަންސް، އަދި ސްނޯކްލިން ދާއިރާއިން ސެޓްފިކެޓް ތިން ލެވެލްގެ ކޯސްތައް ހިމެނެ އެވެ.
މި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ކ. މާފުށި، އއ. އުކުޅަސް، ބ. ދަރަވަންދޫ، ވ. ފުލިދޫ، އއ. ތޮއްޑޫ، ކ. ތުލުސްދޫ އަދި އދ. ދިގުރަށުގައި 17 ހަފްތާގެ މުއްދަތަށެވެ.
ސެޓްފިކެޓް 3 އިން އެކުއެޓިކް ރިކްރިއޭޝަން: އެކުއެޓިކް ރިކްރިއޭޝަން ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ މި ކޯސް ހިންގާނީ ކ. މާފުށި އަދި އ.އ. އުކުޅަހުގަ އެވެ.
ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް: ގެސްޓް ހައުސް އޮޕަރޭޝަންސް ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ މި ކޯސް ހިންގާނީ ބ. ދަރަވަންދޫ، ވ. ފުލިދޫ އަދި އއ. ތޮއްޑޫގަ އެވެ.
ނެޝަނަލް ސެޓްފިކެޓް 3 އިން ސްނޯކްލިން: ސްނޯކްލިން ގައިޑުންގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުތަކާއި ސަލާމަތީ މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ މި ކޯސް ހިންގާނީ ކ. ތުލުސްދޫ އަދި އދ. ދިގުރަށުގަ އެވެ.
މީގެ އިތުރުން، މެރިން އިންޖީނުތަކާއި ގުޅުންހުރި މެކޭނިކަލް މަސައްކަތްތަކަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ ނެޝަނަލް ސެޓްފިކެޓް 3 އިން މެރިން މެކޭނިކްސް ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގަ އެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޗައިނާ ބަހުން މުއާމަލާތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތައް އުނގަންނައި ދިނުމަށް ފަރުމާކުރެވިފައިވާ ދެ މަސް ދުވަހަށް ކުރިއަށް ގެންދާ ބޭސިކް ޗައިނީޒް ލެންގްއޭޖް ކޯސްވެސް ހިންގުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގަ އެވެ.
މި ކޯސްތައް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭސިކް ޗައިނީޒް ލެންގްއޭޖް ކޯސް އަދި އެކުއެޓިކް ރިކްރިއޭޝަން ކޯސް ފިޔަވައި އެހެން ކޯސްތަކުން ލިބިވަޑައިގަންނަވާނީ ނެޝަނަލް ސެޓްފިކެޓް 3 އެވެ. މި ދެ ކޯހުން ލިބިވަޑައިގަންނަވާނީ ވިލާ ކޮލެޖް ސެޓްފިކެޓެކެވެ.
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމްގެ ދަށުން، ޔުނިވާސަލް ފައުންޑޭޝަންއާ ގުޅިގެން، ހޮސްޕިޓަލިޓީ ދާއިރާއަށް ބޭނުންވާ ހުނަރުތައް އުނގަންނައިދިނުމަށް ހިލޭ ބައިވެރިވެވޭނެ (ފުލީ ސްޕޮންސާޑް) ދެ ސެޓްފިކެޓް ލެވެލްގެ ކޯހެއްވެސް ތަޢާރަފްކުރެވިފައިވެ އެވެ.
މި ކޯސްތަކަކީ ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ އަދި ކަލިނަރީ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސްއެވެ.
މި ދެ ކޯސްވެސް ހިންގުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގަ އެވެ.
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ ދަށުން ޔުނިވާސަލް ފައުންޑޭޝަންއާ ގުޅިގެން ހިންގާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ކޯހަކީ ހަތަރު މަސް ދުވަހުގެ ކޯހެކެވެ.
މި ކޯހުގައި ވިލާ ކޮލެޖުގައި ކުރިއަށްދާ ދެ ހަފްތާގެ ތިއަރީ ކްލާސްތަކުގެ އިތުރުން، ޔުނިވާސަލް ރިސޯޓްތަކުގެ ތެރެއިން ރިސޯޓެއްގައި ތިން މަސް ދުވަހާއި ބައިގެ މުއްދަތަށް އޮޕަރޭޝަނަލް ޑިޕާޓްމަންޓްތަކުގައި (މިސާލަކަށް ހައުސްކީޕިން، ފުޑް އެންޑް ބެވަރޭޖް، އަދި ފްރަންޓް އޮފީސް) އަމަލީ ތަމްރީން (90 ޕަސަންޓް އިންޓާންޝިޕް) ހިމެނެ އެވެ. މި ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ދިވެހި ޒުވާނުންނަށެވެ.
މި ޕްރޮގްރާމަކީ ފުލީ ސްޕޮންސަރޑް ޕްރޮގްރާމެކެވެ. ހޮވޭ ހުރިހާ ދަރިވަރުންނަށް ކޯސް ފީ، އަދި ތަމްރީނުގެ މުއްދަތުގައި މަހަކު 3,000 ރުފިޔާގެ ސްޓައިޕަންޑެއް ހިމެނޭ ފުލް ސްޕޮންސަރޝިޕެއް ލިބިގެންދާނެއެވެ. ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަން ހުށަހެޅުމަށްފަހު އިންޓަރވިއު އަދި ސްކްރީނިންގ މަރުހަލާއަކުންނެވެ. މީގެން ބެލެވޭނީ ޕްރޮފެޝަނަލިޒަމް، ޤާބިލުކަން، އަދި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރުމަށް ހުރި ޝައުގުވެރިކަމަށެވެ.
މި ކޯހުން ދަރިވަރުންނަށް ހައުސްކީޕިން އޮޕަރޭޝަންސް، ފުޑް އެންޑް ބެވަރޭޖް ސާވިސް، ފްރަންޓް އޮފީސް މެނޭޖްމަންޓް، ކަސްޓަމާ ސާވިސް، ރިސޯޓް އެޓިކެޓް، މުއާމަލާތްކުރުން، އަދި ޓީމްވޯކް ފަދަ ހޮސްޕިޓަލިޓީ ދާއިރާއަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މައުލޫމާތު ލިބިގެންދާނެ އެވެ.
މި ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް އެމް.ކިއު.އޭ އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ލިބޭނެއެވެ.
ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ހިންގާ މި 24 ހަފްތާގެ ޕްރޮގްރާމަކީ ކަލިނަރީ ދާއިރާއަށް ޒުވާނުން ތަމްރީން ކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
ވިލާ ކޮލެޖުގައި 15 ހަފްތާއަށް ކުރިއަށްގެންދާ ކްލާސްތަކުގެ އިތުރުން ޔުނިވާސަލް ފައުންޑޭޝަންގެ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެއްގައި 2 މަސް ދުވަހުގެ އިންޓަރންޝިޕެއް މި ޕްރޮގްރާމުގައި ހިމެނެ އެވެ.
ޔުނިވާސަލް ފައުންޑޭޝަނުން 10 ދަރިވަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހިލޭ (ފުލީ ސްޕޮންސާޑް) ފުރުސަތު ލިބިގެންދާނެ އެވެ. ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަން ހުށަހެޅުމަށްފަހު އިންޓަވިއު ކުރުމަށްފަހު އެވެ.
މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް އެމްކިއުއޭ އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ލިބޭނެ އެވެ. އަދި މި ދާއިރާއިން އިތުރަށް ކިޔެވުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.
މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ ވިލާ ކޮލެޖުގެ ކުރިއަށް ހުރި އިންޓޭކްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ޕްރޮގްރާމްތަކާއި ގުޅޭ އިތުރު ތަފްސީލްތަކާއި އެޕްލިކޭޝަން ހުށަހެޅުމާބެހޭ މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓް އިން ލިބޭނެ އެވެ.
މީގެއިތުރުން ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސަސް ޕްރޮޖެކްޓްގެ ދަށުން ތައާރަފްކުރެވުނު ކޯސްތަކުގައި ބައިވެރިވާން އެދޭ އެންމެންނަށް ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
Comment