Advertisement

ގިނަ މެޗުތަކެއް ކުޅެން ލިބި ޒުވާން ޓީމުގެ ތައްޔާރީތައް ރަނގަޅު

30 އޭޕްރީލް 2025 - 08:13 0

އަތޫފް އާތިފް

އަތޫފް އާތިފް


ގިނަ މެޗުތަކެއް ކުޅެން ލިބި ޒުވާން ޓީމުގެ ތައްޔާރީތައް ރަނގަޅު

30 އޭޕްރީލް 2025 - 08:13 0

ޕްރެކްޓިސް ގިނަ މެޗުތަކެއް ކުޅެން ލިބި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ރަނގަޅު ކަމަށް އެސިސްޓެންޓް ކޯޗު އިބްރާހީމް ސައީދު (ކަކާ) ބުނެފި އެވެ.

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ކަކާ ބުނީ އެންމެ ފަހުގެ ސާފަށް ޓީމު ދިޔައީ ރާއްޖޭގެ ފުޓުބޯޅަ ހާލަތު އޮތް ގޮތުން ރަނގަޅު އެކުވެރިކަމުގެ މެޗުތަކެއް ނުލިބި ކަމަށެވެ. އެކަމަކު، އެއާ ހިލާފަށް މި އަހަރުގެ މުބާރާތައް ޒުވާން ޓީމު ނުކުންނައިރު، ބައެއް ކްލަބުތަކުން ފަރިތަކުރުންތައް ފަށާފައިވާތީ، ރަނގަޅު ޕްރެކްޓިސް މެޗުތަކެއް ލިބޭ ކަމަށާއި، އެ މެޗުތަކުން ކުރިއެރުންތައް ފެންނަ ކަމަށެވެ.

"މެޗަކަށް ފަހު މެޗެއް އަޅުގަނޑުމެންގެ ފަރިތަކުރުންތަކުގައި މި އަންނަނީ ރަނގަޅުވަމުން. ހަމަ ވަރަށް ބޮޑަށް ޓީމު ތެރޭގައި ދުވަހުން ދުވަހަށް ކުރެވޭ ޓްރެއިނިންގްތަކަށް ބަލާފައި ކުރިއެރުންތައް ހޯދަމުން މެޗުތަކުން އަންނަނީ" ކަކާ ފާހަގަކުރި އެވެ.

އެ ގޮތުން، 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ، ފުރަތަމަ ޑިވިޝަނުން ޕްރެކްޓިސް ފެށި ޓީމުތައް ކަމަށްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް މެޗު ކުޅެފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅެން ޖެހެނީ ބަންގްލަދޭޝް އާއި ބޫޓާންއާ އެވެ. އަދި، މިދިޔަ އަހަރުގެ މުބާރާތުގެ ތަޖުރިބާ މި އަހަރު ވަރަށް ބޮޑަށް ބޭނުންކުރެވޭނެކަން ކަކާ ވަނީ ފާހަގަ ކޮށްފަ އެވެ.

"މި ފަހަރު ވެސް މި ޖެހެނީ އެންމެ ފުރަތަމަ ބަންގާޅާ، ބަންގްލަދޭޝްއާ ދެން މި ޖެހެނީ ބޫޓާންއާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އެކްސްޕީރިއަންސް (ތަޖުރިބާ) ވަރަށް ބޮޑަށް ބޭނުން ކޮށް އަޅުގަނޑުމެން އަށް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަ ރަނގަޅު ކުރަން ޓްރެއިނިންގްތަކުގައި އެ ތަފާތު ވަރަށް ބޮޑަށް ފެންނާނެ" ކަކާ ބުންޏެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މި ފަހަރު ވެސް މަސައްކަތް ކުރާނީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. އެސިސްޓަންޓް ކޯޗުންގެ ގޮތުގައި، ކަކާގެ އިތުރުން ދެން ފެނިގެންދަނީ، އާސިފް އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މެއި، ނުވަ ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި ބޫޓާނާ ކުޅޭނީ، މި މަހު 13 ވަނަ ދުވަހު އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕްގައި އިންޑިއާ އަތުން 1-0 އިން ރާއްޖެ ބަލިވިއިރު، ބޫޓާން އަތުން ބަލިވީ 2-1 އިންނެވެ.