16 މޭ 2025 - 11:33 0
16 މޭ 2025 - 11:33 0
ސާފް 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގެ ކުރިން ރާއްޖޭގެ ޓީމުގެ ކުޅުންތެރިން މުބާާރާތުގައި ދައްކަމުން އަންނަ ހިތްވަރަށް އިންޑިއާގެ ކޯޗު، ބިބިއާނޯ ފެނާންޑޭސް ތައުރީފުކޮށްފި އެވެ.
އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާ ސަރަހައްދުގައި ކުރިއަށްދާ ސާފް 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، ބަންގްލަދޭޝް އިން ދެ ގޯލު ޖަހާފައި އޮއްވައި، 2-2 އިން އެއްވަރުކުރި އެވެ. ދެ ވަނަ މެޗުގައި ބޫޓާނުން ލީޑުނަގާފައި އޮއްވައި ރާއްޖޭން ފަހަތުން އަރައި ކުރިހޯދި ނަމަވެސް، އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މުބާރާތުގައި ވާދަކުރާ އިންޑިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 8-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ނޭޕާލް އަތުން ކުރިހޯދީ 4-0 އިންނެވެ. ސެމީ ފައިނަލުގައި މިރޭ، ރާއްޖެއާ ކުޅޭ މެޗަށް ނުކުންނައިރު، ފޭވަރިޓުންނަކީ އިންޑިއާ އެވެ. އެކަމަކު، ފެނާންޑޭސްގެ ވިސްނުން ހުރީ ރާއްޖެ ޓީމު ފަސޭހަކޮށް ނަގައިފިނަމަ، އިންޑިއާ އަށް ދެރައެއް ލިބިދާނެ ގޮތަށެވެ.
"ރާއްޖޭން ދެ މެޗުގައި ވެސް ވަރަށް ހިތްވަރު ދައްކައިފި، ރާއްޖެ އަކީ ފަސޭހައިން ދެރަކޮށްލެވޭނެ ޓީމެއް ނޫން ކަން ދައްކުވައިދީފި، (ކުޅެލަން) ޖާގަ ލިބިއްޖެނަަމަ، އެއީ ވަރަށް ނުރައްކާ ޓީމެއް ގޮތަށް މި ފެންނަނީ، އަހަރެމެން މި މެޗަށް ތައްޔާރުވާން ޖެހޭނީ ކުރިން މެޗުތަކެކޭ އެއްގޮތަށް މިއީ، ވަރަށް އުނދަގޫވާނެ މެޗެއްކަން އެނގިގެން، އަހަރެމެން ރަނގަޅު ކަންކަން ތަކުރާރުކޮށްގެން މޮޅުވާން ބޭނުމީ،" ފެނާންޑޭސް ބުންޏެވެ.
ރާއްޖޭގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ވަނީ އިންޑިއާ އަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ އެންމެ ވަރުގަދަ ޓީމުކަން ފާހަގަކޮށް، އެ ޓީމާ ދެކޮޅަށް ކުޅޭއިރު ޑިފެންސަށް ވަރަށް ސަމާލުވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.
ރާއްޖޭން އެންމެ ފަހުން ސާފް އުމުރުފުރާ މުބާރާތްތަކުގެ ދެ ސެމީ ފައިނަލުގައި ކުޅުނުއިރު ވެސް ބަލިވީ އިންޑިއާ އަތުންނެެވެ. މީގެ ދެ އަހަރު ކުރިން، ސާފް 16 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި، އިންޑިއާ އަތުން 8-0 އިން ރާއްޖެ ބަލިވިއިރު، މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރު ސާފް 18 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ 4-0 އިން އިންޑިއާ އަތުން ބަލިވެފަ އެވެ. އެ މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި، ރާއްޖޭން ބޫޓާން ބަލިކުރީ 1-0 އިންނެވެ.
އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައި އިންޑިއާ އާއި ރާއްޖެ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 19:00 ގަ އެވެ.
Comment