Advertisement

އޯޕަން ވޯޓާ ފެތުމުގެ މުބާރާތް މެއި 17 ވަނަ ދުވަހު

29 އޭޕްރީލް 2025 - 10:17 0


އޯޕަން ވޯޓާ ފެތުމުގެ މުބާރާތް މެއި 17 ވަނަ ދުވަހު

29 އޭޕްރީލް 2025 - 10:17 0

އަންނަ މަހު ބާއްވާ ގައުމީ ދިގުފެތުމުގެ މުބާރާތުގައި (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަންގައި) ބައިވެރިވުމުގެ ފުރުސަތު ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

ގައުމީ ދިގު ފެތުމުގެ މުބާރާތް އަންނަ މަހުގެ 17 ގައި ބާއްވަން ނިންމާފައިވާއިރު، ކުރިން ފަަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މުބާރާތް ކުރިއަށްގެންދާނީ ކުޑަގިރީގަ އެވެ.

ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00 އާ ހަމައަށް މުބާރާތުގައި ވާދަކުރަން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ކަންކަން ސްވިމިން އެސޯސިއޭޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅައިގެން، ކުރިއަށްގެންދެވޭނެ އެވެ. އަދި، މުބާރާތުގެ ގަވާއިދު ވެސް އެސޯސިއޭޝަނުން ވަނީ އާންމުކޮށްފަ އެވެ.

މިއީ، އޯޕަންވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބާއްވާ ތިން ވަނަ ފަހަރެެވެ. މާލެއާ 15 ވަރަކަށް މިނެޓު ރާސްތާއެއްގައި އޮތް ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރީގައި ބާއްވާ މުބާރާތުގައި ވާދަކުރާ އެތުލީޓުންގެ ނިސްބަތް ފަހަރަކަށް ވުރެ ފަހަރެއް އިތުރެވެ.

މުބާރާތުގައި ހޮވާ ވަނަތަކަށް ބަލާއިރު، އަންހެން/ފިރިހެން ކެޓަގަރީން ވަކިން، ގައުމީ ދިގު ފެތުމުގެ ޗެމްޕިއަނާއި ދެ ވަނަ އަދި ތިން ވަނަ މަގާމުގެ އިތުރުން، ގައުމީ ޖޫނިއާ ދިގު ފެތުމުގެ ޗެމްޕިއަނާއި ދެ ވަނަ އާއި ތިން ވަަނަ މަގާމު ހިމެނެ އެވެ. ސްވިމް ޗެލެންޖް އޯޕަން އަދި ސްވިމް ޗެލެންޖް މާސްޓާސް، 1،2،3 ވަނަތައް ދެ ޖިންސު ވަކިން ހޮވާއިރު، ކިޑްސް ސްވިމް ޗެލެންޖް ރޭސް ނިންމާ ކޮންމެ ކުއްޖަކަށް މެޑަލް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި، އީއޭޑީ ސްވިމް ޗެލެންޖް ނިންމާ ކޮންމެ ބައިވެރިއަކަށް ފިނިޝާ މެޑަލް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުގެ، ގައުމީ ދިގު ފެތުމުގެ މުބާރާތު (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަން)ގެ ފަސް ކިލޯމީޓަރު ފެތުމުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިހާމް ދިފާއުކުރިއިރު, އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަޔާނާ އަރީފް އެވެ. ފިރިހެން ކެޓަގަރީގެ ދެ ވަނަ އަށް ދިޔައީ ޔާސީން މުހައްމަދު ޔޫސުފް އެވެ. އަދި ތިން ވަނަ އަށް ދިޔައީ މުބާލް އައްޒާމް އެވެ.

އަންހެން ކެޓަގަރީން އަޔާނާ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަަމަ ފަހަރު ހޯދިއިރު، އޭނައާ އެންމެ ކައިރިން ވާދަކުރީ އައިޝަތު އެލީނާ ޝާހިދާ އާއި ލައިބާ ހަސަން މަނިކެވެ.