Advertisement

ރައްޔިތުންގެ މަޖިލީހަކީ ރައީސް އޮފީހުގެ ކުޑަ ކޮޓަރިއަކަށް ބަދަލުކޮށްފި: މީކާއިލް

29 އޭޕްރީލް 2025 - 09:55 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރައްޔިތުންގެ މަޖިލީހަކީ ރައީސް އޮފީހުގެ ކުޑަ ކޮޓަރިއަކަށް ބަދަލުކޮށްފި: މީކާއިލް

29 އޭޕްރީލް 2025 - 09:55 1

ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން މަޖިލީހުގެ މުޅި ނިޒާމު ހަރާބުކޮށް، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައީސް އޮފީހުގެ ކުޑަ ކޮޓަރިއަކަށް ހަދައިފި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މަސައްކަތްތައް ނުހިނގާ މައްސަލައިގައި މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ އެމީހުން ބޭނުންވާހާ ގޮތަކަށް ހަގީގަތް ބަދަލުކޮށް އެ ހަގީގަތް ރައްޔިތުންނަށް ވިއްކަން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މުޅި ނިޒާމު ހަރަކާބުކޮށްފިއޭ، ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ނަގާލައިފިއޭ. އިއްޒަތްތެރި ރައީސް 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައީސް އޮފީހުގެ ކުޑަކުޑަ ކޮޓަރިއަކަށް ކޮޓަރިއަކަށް ބަދަލުވެއްޖެޔޭ އެހެންވެ ދަންނަވަން މި ޖެހެނީ،" މީކާއިލް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ހީފުޅުވާކަހަލަ އިއްޒަތްތެރި ރައީސް އެ ބޭފުޅުންގެ ދާއިރާއިން އެ ބޭފުޅުން ހޮވާފައި ތިބީ ރައީސް އޮފީހުގެ ކަތީބުންގެ ގޮތުގަޔޭ."

މީކާއިލް ވިދާޅުވީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހަގީގަތް ބަދަލު ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށާއި ހަގީގަތް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

އެގޮތުން މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވާ ކަމަށާއި މަޖިލީހަށް ހުށަހަޅާ ބިލުތައް ބަލައި ދިރާސާ ކޮށްލުމުގެ ފުރުސަތު ވެސް ނުލިބޭހައި ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި ރޭގަނޑު ދަން ގަޑީގައި ބިލުގެ ޑްރާފްޓު ފޮނުވުން ފަދަ ކަންކަން ޕީއެންސީ މެންބަރުން ކުރަމުން ގެންދަވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"މަޖިލީހުގައި ލާޒިމު ކުރާ ޖަލްސާތަކެއް ނުބާއްވާ، ލާޒިމު ތިން ޖަލްސާއެއް ނުބާއްވާ، ވަޒީރުން ހާޒިރު ކުރަންޖެހޭ މުއްދަތުގައި މި ރައްޔިތުންގެ މަޖިލީހަށް ވަޒީރުންނެއް ނުގެންނަވާ، ރައްޔިތުންގެ މަޖިލީހަށް ބިލުތައް ހުށަހަޅާއިރު އަޅުގަނޑުމެންނަށް އެ ބިލުތަކަށް އިންޕުޓެއް ދެވޭ ގޮތަށް އެ ބިލުތައް އެންމެ ކުޑަމިނުން އިބްތިދާއީ ބަހުސް އޮންނަ ދުވަހަށް ކިޔައިލެވޭ ކަހަލަ ގޮތަކަށް އެ މުއްދަތުގައި ވެސް އަޅުގަނޑުމެންނަކަށް ބިލުތަކެއް ނުލިބޭ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުންނަށް މިނިވަންކަމާއެކު އެ މެންބަރުންގެ ހިޔާލުތައް ފާޅު ކުރުމުގެ ހައްގު ވެސް މިހާރު ނެތް ކަމަށެވެ.