28 އޭޕްރީލް 2025 - 14:35 1
އަތޫފް އާތިފް
ޕޮލިސް ކުލަބްގެ ކޯޗު މުނާ މުނީރު - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
28 އޭޕްރީލް 2025 - 14:35 1
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން، ފުރިހަމަ ރެކޯޑަކާ އެކު ޕޮލިސް ކްލަބަށް ކާމިޔާބުކުރެވުނީ ކުޅުންތެރިން ކުރި ހިތްވަރާ ޓީމުގެ ރޫހުގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗު މުނާ މުނީރު (މުންނަ) ބުނެފި އެވެ.
ފާއިތުވި އަހަރުތަކުގައި، އަންހެން ވޮލީބޯޅައިގައި ޑޮމިނޭޓްކުރަމުން އައީ ވެމްކޯ އެވެ. ގިނަ މުބާރާތްތައް ވެމްކޯ އިން ކާމިޔާބުކުރީ ޕޮލިސް ބަލިކޮށްފަ އެވެ. އެ ގޮތުން، އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕް ފައިނަލަށް ވެސް ޕޮލިހުން މެޗަކުން ބަލިނުވެ ދަތުރުކޮށްފައިވަނިކޮށް، ވެމްކޯ ވަނީ ފައިނަލުގައި މޮޅުވެފައެވެ.
އެކަމަކު ޕޮލިހުން އެނބުރި އައިސް ލީގު ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. ލީގުގެ ފަހު މެޗުގައި ޕޮލިހުން ވެމްކޯ ބަލިކުރީ 3-2 ގެ ނަތީޖާ އަކުންނެވެ.
މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކުރީގެ ކުޅުންތެރިޔާ، މުންނަ، ބުނީ މިއީ މުޅި ޓީމުގެ ހިތްވަރުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.
މީގެ ކުރިން އެސޯސިއޭޝަން ކަޕްގެ ތެރެއިން، ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އަށް ލިބުނު އަނިޔާއާ ގުޅިގެން ގެއްލުނު ނަމަވެސް، ލީގަށް ނުކުތީ އިތުރު ހިތްވަރެއްލައިގެން ކަމަށް މުންނަ ވަނީ ފާހަގަކޮށްފަ އެވެ.
"މި ހަމަ ހުރިހާ ކުޅުންތެރިންގެ ހިތްވަރު. ދެން ވީއޭއެމް ކަޕް މި ގެއްލުނީ އެންމެ ފަހު ދަނޑިވަޅުގައި ކެޕްޓަން (ހައްވަ) އަށް ދިމާވި އެންޖަރީއާ އެކު. އެހެންވެ، އެ އަށް ވަރަށް ފުރިހަމައަށް ހުރިހާ ކުދިން މެންޓަލީ ރެޑީވެ، ހުރިހާ ކުދިން ކުރި ހިތްވަރުން ލިބުނު ކާމިޔާބީ އެއް." މުންނަ ބުންޏެވެ.
މި ކާމިޔާބީގައި ހައްވަގެ ދައުރު ބޮޑު ކަމަށްވެސް މުނާ ވަނީ ބުނެފަ އެވެ. އެ ގޮތުން، ހައްވަ ކުޅެން ނެތް ނަމަވެސް އޭނާގެ ފަރާތުން މޯރަލް ސަޕޯޓް ވަރަށް ބޮޑަށް ލިބުނު ކަން މުނާ ފާހަގަކުރި އެވެ.
މުނާ ބުނީ ގައުމީ މުބާރާތައް ދާއިރު، ލީގު ކާމިޔާބުކުރެވުން އެއީ މުޅި ޓީމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
"މިދިޔަ މުބާރާތުގައި ވެސް ހުރިހާ މެޗަކުން މޮޅުވެފަ ގޮސް އެހެންވީ (ވެމްކޯ އަތުން ބަލިވީ). އެހެންވެ، މި ލިބުނީ ވަރަށް ބޮޑު ހިތްވަރެއް ކުދިންނަށް އެހެންވެ، އަޅުގަނޑުމެން ޓީމަށް އަންނަނާނެ ކުޑަ ބަދަލެއް. މި އަށްވުރެ ވަރުގަދަކޮށް އަޅުގަނޑުމެން ނުކުންނާނީ ނެޝަނަލް ޓޯނަމެންޓަށް" މުންނަ ފާހަގަކުރި އެވެ.
ގައުމީ މުބާރާތުގައި ވާދަކުރަނީ ލީގުގެ ގަދަ ހަތަރު ޓީމެވެ.
Comment